ޑީޕީއެލް މެޗް ވީކް 1: އުދުހިފައި އައި ބާޒު ތާވަލުގެ އެއްވަނައިގައި
22 ސެޕްޓެމްބަރު 2025 - 10:11

މެދުކެނޑުމަކަށްފަހު ދިވެހި ފުޓުބޯޅައިގެ ޓޮޕް ޑިވިޝަން، ދިވެހި ޕްރިމިއަރ ލީގުގެ ފުރަތަމަ ހަފްތާގެ ކުޅުން ނިމުނުއިރު، ހޯދި ބޮޑު މޮޅާއެކު ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ހަތް އަހަރަށްފަހު އެނބުރި ލީގަށް އައިސް ތާވަލުގެ އެއްވަނަ މަގާމު ހޯދައިފިއެވެ.
ލީގުގައި ހިމެނޭ 10 ޓީމުން ވެސް މިހާރު އެއް މެޗު ކުޅެފައިވާއިރު، ފަސް ޓީމަކުން ވަނީ ފުރަތަމަ މެޗުން ތިން ޕޮއިންޓު ހޯދާފައެވެ.

Ad by Hajj Corporation
ފުރަތަމަ މެޗު ކާމިޔާބުކުރި ފަސް ޓީމަކީ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު، ބުރު ސްޕޯޓްސް ކުލަބު އަދި އޮޑި ސްޕޯޓްސް ކުލަބާއި ކްލަބް ވެލެންސިއާ އެވެ.
މި ފަސް ޓީމުން މެޗް ވީކް 1 ގައި ތިން ޕޮއިންޓު ހޯދިއިރު ނިއުއަށް ތާވަލުގެ އެއްވަނަ ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ. ލީގުގައި ނިއުއިން ކުޅުނު ފުރަތަމަ މެޗުން އެ ޓީމު މޮޅުވީ 0-6 ގެ ނަތީޖާއަކުންނެވެ. އެއީ ޓީސީ ސްޕޯޓްސް ކުލަބާ ވާދަކޮށްގެންނެވެ. ތާވަލުގެ ދެވަނައިގައި އޮތް ބުރު ސްޕޯޓްސް ކުލަބުން ވަނީ ފުރަތަމަ މެޗުގައި ވިކްޓްރީ ސްޕޯޓްސް ކުލަބުގެ މައްޗަށް 0-5 އިން ކުރިހޯދާފައެވެ.
ތާވަލުގެ ތިންވަނައިގައި އޮތީ ދިވެހި ފުޓުބޯޅައިގެ މިވަގުތު ގަދަބާރެއްގެ ގޮތުގައި އޮތް އެންމެފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއެވެ. މާޒިޔާއިން ފުރަތަމަ މެޗުގައި ކްލަބް އީގަލްސްގެ މައްޗަށް ވަނީ 1-5 ގެ ނަތީޖާއަކުން ކުރިހޯދާފައެވެ. ހަތަރުވަނައިގައި އޮތް އޮޑި ސްޕޯޓްސް ކުލަބުން، ޔުނައިޓެޑް ވިކްޓްރީގެ މައްޗަށް 0-4 އިން ކުރިހޯދާފައިވާއިރު، ފަސްވަނައިގައި ވެލެންސިއާ އޮތީ ކްލަބް އީގަލްސްގެ މައްޗަށް 1-2 އިން ހޯދި މޮޅާއެކުއެވެ.
މެޗް ވީކް 1 އިން ނިއު އެއްވަނައިގައި އޮތްއިރު މެޗް ވީކް 2 ގައި ފުރަތަމަ މެޗުގައި މި ހަފްތާގެ ބުދަ ދުވަހުގެ ހަވީރު ކުޅޭނީ ކްލަބް އީގަލްސްއާއި ބުރު ސްޕޯޓްސް ކުލަބެވެ. އެރޭ މާޒިޔާއިން ޓީސީއާ ދެކޮޅަށް ނުކުންނައިރު ޖެހިގެން އަންނަ ބުރާސްފަތި ދުވަހުގެ ހަވީރު ގްރީން ސްޓްރީޓްސްއާއި މާޒިޔާ އަދި އެރޭ ނިއުރޭޑިއަންޓާއި ޔުނައިޓެޑް ވިކްޓްރީ ބައްދަލުކުރާނެއެވެ. މި ހަފްތާގެ ފަހު މެޗުގައި ވާދަކުރާނީ ވެލެންސިއާ އާއި އޮޑި ސްޕޯޓްސް ކުލަބެވެ.
ހަތް އަހަރަށްފަހު ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން އެނބުރި ފުރަތަމަ ޑިވިޝަނަށް އައިސްފައިވާއިރު، އެ ކުލަބުގެ އަސްލު މަގާމަށް ވާސިލްވުމަށް ކުރާ ދަތުރުގައި މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ "މެންދުރު ޓީވީ" އެވެ. މި ދަތުރުގައި ކުލަބުގެ ސްކޮޑު ވަރުގަދަކުރުމަށްޓަކައި ރާއްޖޭގެ ނަން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއްގެ އިތުރުން ބިދޭސީ ކުޅުންތެރިންތަކެއްގެ ސޮއިވެސް ހޯދާފައިވެއެވެ.
އެގޮތުން އަލީ އަޝްފާގް (ދަގަނޑޭ)، އަލީ ފާސިރު (ސެންޓޭ) ގެ ސޮއިވެސް ނިއުއިން މި ސީޒަނަށް ހޯދާފައިވާއިރު، ކީޕަރެއްގެ ގޮތުގައި ޕާކިސްތާނުގެ ޞާޤިބް ޙަނީފް އަދި ޑިފެންޑަރެއްގެ ގޮތުގައި އުޒްބެކިސްތާނުގެ ފުރްކަޖޯން ޚަސަންބޮއޭވްގެ ސޮއި ހޯދާފައިވެއެވެ. މީގެއިތުރުން ބްރެޒިލްގެ މިޑްފީލްޑަރަކާއި ފޯވަޑެއްގެ ސޮއި ނިއުއިން ވަނީ ހޯދާފައެވެ.