ރައީސް މުޢިއްޒަކީ އޯގާތެރި ވެރިއެއް، ޔާމީނުނަމަ މޫނު ކުނިކުރާނެ، އިބޫ ނަމަ މުޅިތަން ބަންދުކުރާނެ: ޝުޖާޢު
22 ސެޕްޓެމްބަރު 2025 - 16:27

ރައީސް ޑރ. މުޙައްމަދު މުޢިއްޒަކީ ހުރިހާ ރައްޔިތުންގެ ބަސް އައްސަވައި އެންމެ ރަގަޅު ހައްލަށް އަބަދުވެސް މަސައްކަތްކުރައްވާނެ އޯގާތެރި ރައީސް ކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މ. އަތޮޅަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި މ. ރަތްމަންދު އަށް ވަޑައިގެން ދަތުރުފުޅު ނިންމަވާލައްވައި ލޯންޗަށް އަރައިވަޑައިގަންނަވަން ވަޑައިގެން ވަގުތު އެރަށު ބަޔަކު ވަނީ އެ މަނިކުފާނު އަރިހަށްވަޑައިގެން އެރުގެ މީހުން އެހެން ރަށަކަށް ހިޖުރަކުރުމާމެދު ޝުޢޫރު ފާޅުކޮށްފައެވެ.

Ad by Hajj Corporation
އެތަނުން އެއް ބަޔަކު އެދުނީ އެހެން ރަށަކަށް ބަދަލުވުމަށެވެ. އަނެއް ބައެއް މީހުން އެ ރަށް ދޫކޮށް ދާން ބޭނުން ނުވާކަމަށް ބުންޏެވެ. ރައީސް ވަނީ އެ ރައްޔިތުންގެ އަޑު އެއްސެވުމަށް ކެތްތެރިކަމާއެކު މަޑުކުރަށްވައި ޝުޢޫރުފާޅުކުރަން ފުރުސަތު ދެއްވައި އަޑުއައްސަވާފައެވެ.
މި މަންޒަރު ފެންނަ ވީޑިއޯ އެކްސްގައި ހިއްސާކުރަށްވަމުން ޝުޖާއު ވިދާޅުވީ، އެއީ ރައީސް ޔާމީން އަބުދުލްޤައްޔޫމް ނަމަ މޫނު ކުނިކޮށްފަ ރައްޔިތުންނަށް ފުރަގަސްދީ ފުރާވަޑަައިގަންނަވާނެކަމަށެވެ. އަދި ރައީސް އިބޫ (އިބްރާހިމް) ނަމަ ރައްޔިތުންގެ އަޑު އެހުމުގެ ބަދަލުގައި މުޅި ހިސާބު ފުލުހުން ލައްވައި ބަންދުކޮށް ގޮސް ލޯންޗަށް އަރުއްވާނެ ކަމަށެވެ..
’’އަޅުގަނޑުމެންގެ ރައީސަކީ ހުރިހާ ރައްޔިތުންގެ ބަސް އައްސަވައި އެންމެ ރަގަޅު ހައްލަށް އަބަދުވެސް މަސައްކަތްކުރައްވާނެ ރައީސް.އޯގާތެރި ކަމަކީ މިއީ.‘’ ޝުޖާއު ވިދާޅުވެފަވެއެވެ.
ރައީސް މިއަދު ރަތްމަންދުއަށް ކުރެއްވި ޒިޔާރަތުގައި ބޭއްވެވި މަޝްވަރާ ބައްދަލުވުމުގައި ރަތްމަންދޫގެ ބައެއް ރައްޔިތުން ވަނީ، އެހެން ރަށަކަށް އާބާދީ ބަދަލުވުމަށް އެދޭކަން ހާމަކުރައްވާފައެވެ. ރައްޔިތުންގެ މި ހުށައެޅުމަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، އާބާދީއާއި ތަރައްޤީ އެއްފަސްކުރުމަކީ ޚަރަދުކުޑަ ފައިދާކުރަނިވި ހަރުދަނާ ސިޔާސަތެއް ކަމަށެވެ. ނަމަވެސް އެއީ އެކަމަށް ރައްޔިތުން ބޭނުންވުމާއި، ބަދަލުވާން ގަސްދުކުރާ ރަށެއްގެ ރައްޔިތުންއެކަމަށް ބޭނުވުމާއި، އަދިވެސް އެހެނިހެން ކަންކަމާއި ގުޅިފައިވާ ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުން ގެންގުޅުއްވާ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން، މިކަމުގައި ގޮތެއް ނިންމަވާނީ، ރައްޔިތުންގެ ޚިޔާލު ހޯއްދަވައިގެންކަމަށާއި އެގޮތަކީ، ރަށުގެ އާބާދީގެ އެންމެ މަދުވެގެން 80 އިންސައްތަ ރައްޔިތުން އެދޭ ގޮތަށް ވާންޖެހޭނެކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
އެގޮތުން، ރައްޔިތުން އެހެން ރަށަކަށް ބަދަލުވާން ނިންމަވައިފިނަމަ، ބަދަލުވާ ރަށެއްގައި މީހާރު ރަތްމަންދޫގައި ދިރިއުޅޭ ރައްޔިތުންނަށް ހައުސިން މަޝްރޫޢެއް ކުރިއަށް ގެންގޮސްދެވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ރަތްމަންދޫއިން އެހެން ރަށަކަށް ބަދަލުވާން ބޭނުންވާ ފަރާތްތަކާއި، ރަށުން ބަދަލުވާން ބޭނުންނުވާ ފަރާތްތަކުން ވަނީ އެމީހުންގެ ޚިޔާލު ރައީސް މުޢިއްޒު އާއި ހިއްސާކުރައްވާފައެވެ.


