އީގަލްސް އާއި ބުރު ސްޕޯރޓްސްގެ ވާދަވެރިމެޗު ހަމަހަމަ
24 ސެޕްޓެމްބަރު 2025 - 17:40

ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު ފޯރިގަދަ މެޗުގައި، އީގަލްސް ދެ ގޯލުގެ ލީޑެއް ނެގުމަށްފަހު ބުރު ސްޕޯޓްސް ފަހަތުން އަރައި 2-2 އިން މެޗު އެއްވަރުކޮށްފިއެވެ.
މެޗުގެ ފުރަތަމަ 20 މިނެޓުގެ ތެރޭގައި އިބްރާހިމް މަހުދީ ޙުސައިން (ފޭދޫ އިއްބެ) ޖެހި ދެ ގޯލުން އީގަލްސްއިން ދެ ގޯލުގެ ލީޑެއް ނެގިއެވެ. ނަމަވެސް، ފުރަތަމަ ހާފު ނިމުމުގެ ކުރިން، މެޗުގެ 38 ވަނަ މިނެޓުގައި އީގަލްސްއަށް ކުރިން ކުޅެފައިވާ މުޙައްމަދު ނާއިމް (ނާއިމް) ބުރު ސްޕޯޓްސްގެ ފުރަތަމަ ގޯލު ޖަހައި، ނަތީޖާ 2-1 އަށް ބަދަލުކުރިއެވެ.

Ad by Hajj Corporation
ދެވަނަ ހާފު ފެށިތާ މާގިނައިރުތަކެއް ނުވެ، ޢަބްދުﷲ ޖުނައިދު (ޖޭންނެ) ބުރު ސްޕޯޓްސްއަށް އެއްވަރުކުރުމުގެ ގޯލު ޖެހިއެވެ. މި ގޯލާއެކު މެޗުގެ ނަތީޖާ 2-2 އަށް އެއްވަރުވެ، ދެ ޓީމަށްވެސް ޕޮއިންޓެއް ލިބުނެވެ.
ފާއިތުވި ސީޒަންގެ ރަނަރަޕް އީގަލްސްއަށް، މި ސީޒަންގެ ފުރަތަމަ ދެ މެޗުންވެސް މޮޅެއް ހޯދާފައެއް ނުވެއެވެ. ސީޒަން ފެށުމުގެ ކުރިން ކުޅުނު ޗެރިޓީ ޝީލްޑް މެޗާއި، ލީގުގެ ފުރަތަމަ މެޗުގައިވެސް އީގަލްސް ބައްދަލުކުރީ މާޒިޔާއާއެވެ. ލީގުގެ ފުރަތަމަ މެޗުގައި މާޒިޔާއިން އީގަލްސް ކޮޅަށް ފަސް ގޯލު ޖެހިއިރު، އޭގެ ތެރެއިން ހަތަރު ގޯލު ޖެހީ ނާއިޒު ޙަސަން (ދާދު) އެވެ.


