ތުރުކިޔޭ ބަލިކޮށް ޕޮލެންޑް ސެމީއަށް، ވާދަކުރަން ޖެހޭނީ ޗެންޕިއަން އިޓަލީއާއި ދެކޮލަށް
24 ސެޕްޓެމްބަރު 2025 - 18:06

2025 ވަނަ އަހަރުގެ އެފްއައިވީބީ ވޯލްޑް ޗެމްޕިއަންޝިޕްގެ ކުއާޓަރ ފައިނަލްގައި ޕޮލެންޑުން ތުރުކިޔޭ ބަލިކޮށް ސެމީއަށް ދަތުރުކޮށްފިއެވެ. ފިލިޕީންސްގެ ޕަސޭ ސިޓީގައި ބޭއްވުނު މި މެޗުން ޕޮލެންޑުން ާމިޔާބުކުރީ ސީދާ ތިންސެޓުންނެވެ.
މިޑްލް ބްލޮކަރ ޖަކުބް ކޮޗަނޮވްސްކީގެ ހުނަރުވެރި ކުޅުމާއެކު، ނެޓުގެ ދެފަރާތުން ވެސް ޕޮލެންޑުން ދެއްކި ފުރިހަމަ ކުޅުމުގެ ސަބަބުން ފުރަތަމަ ސެޓު ވަނީ ފަސޭހަކަމާއެކު ކާމިޔާބުކޮށްފައެވެ. ދެވަނަ ސެޓުގައި އައުޓްސައިޑް ހިޓަރ ވިލްފްރެޑޯ ލިއޯންގެ ފަންނުވެރި ކުޅުމާއެކު ޕޮލެންޑުން ވަނީ ލީޑު ހޯދާފައެވެ.

Ad by Hajj Corporation
ތުރުކިޔޭގެ ފަރާތުން މިރްޒާ އަދި އަދިސް ލަގުމްޖިޔާ ދެއްކި ރަނގަޅު ކުޅުމާއެކު ކޮންމެވެސް ވަރަކަށް މެޗުގެ ތެރެއަށް އަނބުރާ އައުމަށް މަސައްކަތްކުރި ނަމަވެސް، ދެވަނަ ސެޓު ވެސް ޕޮލެންޑުން ވަނީ ކާމިޔާބުކޮށްފައެވެ.
ތިންވަނަ ސެޓުގައި 6-6 އަށް ހަމަހަމަވުމަށްފަހު، ޕޮލެންޑުން ވަނީ ލީޑުނަގައި ގޮސް މެޗު ނިންމާލާފައެވެ. ކޮޗަނޮވްސްކީގެ ޕޮއިންޓު ސަރވިސްތަކާއެކު މެޗު ނިންމާލާފައިވަނީ 25-15، 25-22، 25-19 އިންނެވެ.
މި މުހިންމު ކާމިޔާބީއާއެކު ޕޮލެންޑުން ވަނީ ސެމީފައިނަލްގައި ޑިފެންޑިންގ ޗެންޕިއަން އިޓަލީއާ ކުޅުމުގެ ފުރުސަތު ހޯދާފައެވެ. މި ދެ ޓީމުގެ މެދުގައި ކުޅޭ މެޗު އޮންނާނީ ސެޕްޓެމްބަރު 27 ވާ ހޮނިހިރު ދުވަހުއެވެ.