ސަޕޯޓުކުރަންވީ ހަމައެކަނި ސީނިއަރ ޓީމަށް ހެއްޔެވެ؟
13 އޭޕްރީލު 2026 - 11:44

މިދިޔަ މަހުގެ 23 ވަނަ ދުވަހުން، މިމަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް، ގަލޮޅު ރަސްމީ ބޯޅަދަނޑުގައި ކުރިއަށްދިޔަ 21 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިފުގައި ރާއްޖޭގެ ޒުވާން ޤައުމީ ޓީމަށް ވަނީ މާ އެދެވޭ ނަތީޖާއެއް ނުނެރެވި، މުބާރާތުގެ ފުރަތަމަ ބުރުން ކަޓާފައެވެ. ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު އެއްވަރުވެ، އެއް މެޗުން ބަލިވުމުން ރާއްޖެ ޓީމަށް ލިބުނީ އެންމެ ދެ ޕޮއިންޓެވެ. ފުޓުބޯޅައިގެ ފަޚުރުވެރި، ދިގު ތާރީޚެއް އޮތް މިޤައުމުގެ ފަސްގަނޑުގައި ކުޅެ، އަމިއްލަ ޓީމު މިފަދަ ގޮތަކަށް މުބާރާތުން ވަކިވާން ޖެހުމުން، މިހެން ވާންޖެހުނު ސަބަބުތައް ދެނެގަތުން މުހިންމުކަމަށް ދެކެމެވެ.
ކުޅުންތެރިންގެ ވާހަކައިން ފަށަމާހެއްޔެވެ؟ މިހާރު މިއޮތް 20 އަހަރުން ދަށުގެ ޓީމަކީ ރާއްޖޭގެ ފުޓުބޯޅައިގެ "ގޯލްޑަން ޖެނެރޭޝަން" ނުވަތަ "ރަން ޖީލު" ކަމަށް ދެކެވޭ ވާހަކަތަކަށް، ބޫޓާންއާ ބައްދަލުކުރި މެޗަށްފަހު ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން ކޯޗު އިސްތަވާން އުރުބާނީ ވަނީ އޭނާގެ ޚިޔާލު ހާމަކޮށްފައެވެ. އެގޮތުން، ކޯޗު ވަނީ ރާއްޖޭގެ ޓީމަށް ދިމާވެފައިވަނީ ފިޓްނަސް މައްސަލައެއް ނޫންކަމަށާއި، ކުޅުންތެރިން ހެދިބޮޑުވުމުގެ މައްސަލައެއް ކަމަށް ބުނެފައެވެ. މި މޭރުމުން ވާހަކަދައްކަމުން ކޯޗު ވަނީ ކުޅުންތެރިން ފިޒިކަލް ކަންކަމުގައި ހޭދަކުރާ ވަގުތާއި، ކުޅުންތެރިންގެ ކެއުމުގެ އާދަތަކަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

Ad by Hajj Corporation
"ކުޅުންތެރިންގެ ފިޒިކަލް ކަންކަމަށް ހޭދަކުރާ ވަގުތު ކިޔާދެވިދާނެ؟ އަހަރެމެންގެ ކުޅުންތެރިންގެ ކެއުމުގެ ކަންކަން ހުންނަ ގޮތް ކިޔާދެންތަ؟ ހައިރާންވޭ ކުޅުންތެރިންނަށް މެޗު ނިމެންދެން ކުޅެވޭތީ ވެސް" ދިވެހި ކުޅުންތެރިންގެ ދިރިއުޅުގެ ވައްޓަފާޅިއަށް އަލިއަޅުވާލަމުން ކޯޗު ބުންޏެވެ.
ޤައުމީ ކޯޗު، އިސްތަވާން އުރުބާނީ އަދި 21 އަހަރުން ދަށުގެ ކެޕްޓަން، އިލާން- ފޮޓޯ: ސާފް
މެޗު ތެރެއިންވެސް ފެނިގެންދިޔައީ މި މަންޒަރެވެ. އެހެން ޓީމުތަކުގެ ކުޅުންތެރިންނާ އަޅާބަލާއިރު، ދިވެހި ކުޅުންތެރިން ވަރުބަލިވާލެއް އަވަސްކަން، ތިން މެޗުންވެސް ވަރަށް ބޮޑަށް ފާހަގަވިއެވެ. ނަމަވެސް ދަނޑުމަތީގައި ތިބޭ 11 ކުޅުންތެރިން ކިތަންމެ ރަނގަޅު "އެފޯޓެއް" ލީނަމަވެސް، އެކުޅުންތެރިންނަށް ހިތްވަރުދޭން ތިބި 12 ވަނަ ކުޅުންތެރިޔާ، އާދެ، ސަޕޯޓަރުންގެ ދައުރު އެންމެ ފުރިހަމައަށް އަދާނުކުރެވޭނަމަ، އެންމެ އެދެވޭ ނަތީޖާއެއް ނުނިކުތުން ވަރަށް ގާތެވެ.
ދިވެހީންގެ މެދުގައި ކުޅިވަރަށް އޮންނަ ފޯރިއާއި ޖޯޝުގެ ވާހަކަ ދައްކާ ކޮންމެ ފަހަރަކު އެންމެ ފުރަތަމަ ހިތަށް އަންނަ މުބާރާތް ކަމަށްވާ، 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ވާހަކަ އެއްފަރާތްކޮށްލުމަށްފަހު، އެއަށްވުރެން ކައިރި މާޒީއަކަށް ބަލާލަމާހެއްޔެވެ. ދައްކަން މިއުޅެނީ، ފުޓުބޯޅައާ ތަންކޮޅެއް ދުރުން، ވޮލީބޯޅައިގެ ވާހަކައެވެ. 20 ޑިސެމްބަރ 2025 ހުން ފެށިގެން 25 ޑިސެމްބަރ 2025 ގެ ނިޔަލަށް، މާލޭ ޒުވާނުންގެ މަރުކަޒުގެ އިންޑޯ ކޯޓުގައި ކުރިއަށްދިޔަ ވިމެންސް ކާވާ ކަޕަށް ބަލާއިރު ފެނިގެންދިޔައީ، ރަތުގެ ލަޝްކަރެއް މުޅި ކޯޓު ފުރާލި މަންޒަރެވެ. ނަތީޖާއަކީ ކޮބާހެއްޔެވެ؟ ފަހު ވަގުތާ ޖެހެންދެން ކަށިން ހިތްވަރު ނެރެގެން ކުޅެމުންދިޔަ ރާއްޖެ ޓީމު އަތުން ރަން މެޑަލް ގެއްލިގެންދިޔަ ނަމަވެސް، ދިވެހި ސަޕޯޓަރުން ދެމުން ހިތްވަރާއި، ދިވެހި ކުޅުންތެރިން ދައްކަމުންދިޔަ އާދަޔާޚިލާފު މޮޅު ކުޅުން އެކުވެ، މުބާރާތުގެ ޗެމްޕިއަން ޓީމަށްވުރެ ރަނަރ-އަޕް ޓީމުގެ ކުޅުންތެރިން، މުބާރާތުގެ "ޑްރީމް ޓީމް" ގައި ގިނަވުމެވެ.
ކާވާ ވިމެންސް ކަޕް 2025 ގެ ޑްރީމް ޓީމް- ކިރިގިސްތާނުން މުބާރާތް ކާމިޔާބުކުރި ނަމަވެސް ގިނައީ ރާއްޖެ ކުޅުންތެރިން
މި ހިތްވަރާއި މި ޖޯޝު، ފުޓުބޯޅަ ދަނޑަށް ނުގެނެވެންވީ ސަބަބަކީ ކޮބާހެއްޔެވެ؟ ކުޅިވަރުގެ ދުނިޔެއަށް ރާއްޖެ މަޝްހޫރުވެފައި އޮންނަނީ ވޮލީގެ ޤައުމެއްގެ ގޮތުގައެއް ނޫނެވެ. ފުޓުބޯޅައިގެ ޤައުމެއްގެ ގޮތުގައެވެ.
ދެން އޮތީ، ދައްކަން ވަރަށް ހިތަށް އަސަރުކުރާ، ނަމަވެސް ދެއްކުން މުހިންމު ވާހަކައެކެވެ. މި މުބާރާތުގެ ފޯރި، ރާއްޖޭގައި ދިރިއުޅޭ ސާފްގެ އެހެން ޤައުމުގެ ރައްޔިތުންގެ މެދުގައި ހިފިވަރަށް، ދިވެހިންގެ މެދުގައި މުބާރާތުގެ ފޯރި ނުހިފި ސަބަބު ކަމަށް ބެލޭ ހިތި ހަގީގަތުގެ ވާހަކައެވެ.
މުބާރާތް ފެށެން މަދު ދުވަސްކޮޅަކަށް ވެފައި ވަނިކޮށް، "މިއީ "ބޭކާރު، ކުޑަ" މުބާރާތެއް ނޫން، މިއީ މުސްތަގުބަލަށް އެޅޭ ބިންގަލެއް" މި ސުރުޚީގެ ދަށުން ދައުލަތުގެ މީޑިއާގައި، ޢައްފާން މުޙައްމަދު ލިޔެފައި ވެއެވެ.
"އެހެންނަމަވެސް، މި މުބާރާތް ކައިރިވާތީއޭ ބުނެ އެކަމުގެ މާ ބޮޑު ފޯރިއެއް އޮތްތަނެއް ނުފެނެއެވެ. މުބާރާތުގެ ވާހަކަ، ފުޓުބޯޅަ އެސޯސިއޭޝަނުންނާއި ސަރުކާރުގެ ގުޅުންހުރި ވުޒާރާތަކުން އަދި މަދު މީޑިއާތަކުން ދެއްކި ނަމަވެސް، ޤައުމީ ޓީމުގެ ޒުވާން ތަރިން ބޭނުންވާ "ހައިޕް" އުފެދިފައިވާތަނެއް ނުފެނެއެވެ."
ކަން މިހެން އޮތް ސަބަބު ހޯދުމަށް ކުރެވުނު މަސައްކަތުގެ ނަތީޖާ ހިއްސާކޮށް، ޢައްފާން އިތުރަށް ލިޔެފައިވެއެވެ.
"ކަން މިހެން އޮތުމުން، މިހެން މިކަން ވަނީ ކީއްވެތޯ ބެލުމަށްޓަކައި މި މުބާރާތާ ގުޅޭގޮތުން ދެތިން މީހަކާ ސުވާލުކޮށްލީމެވެ. ލިބުނީ ދާދި އެއް ޖަވާބެކެވެ. "ތިއީ ދެން މާ ބޮޑު މުބާރާތެއް ވެސް ނޫނެންނު". ސުވާލުކުރި އެކަކު ޖަވާބުދެމުން ބުންޏެވެ. "ތިއީ ކުޑަކުދިން ކުޅޭ މުބާރާތެއްނު، ސީނިއަރ ޓީމު ކުޅޭނަމަ ދޯ ފޯރި ހިފާނީ ވެސް". މުބާރާތުގެ ފޯރި ނެތީ ކީއްވެތޯ އެހުމުން އަނެކަކު ބުންޏެވެ."
މިއީ އަދި މުޅިން ރަނގަޅު ވިސްނުމެއް ހެއްޔެވެ؟ ސަޕޯޓުކޮށް، ހިތްވަރުދޭން ޖެހެނީ ސީނިއަރ ޓީމުތަކަށް އެކަނި ކަމަށްވާނަމަ، ކުޅިވަރުގެ މުސްތަޤުބަލެއް ކޮބާހެއްޔެވެ؟ އެކުދިން އެ ތަމްސީލުކޮށްދެނީ ދިވެހިރާއްޖެއެއް ނޫންހެއްޔެވެ؟ ދިވެހީން މި ވިސްނުމުގައި ތިއްބާ، އަޅުގަނޑުމެންގެ ޤައުމުގައި ދިރިއުޅޭ، އެހެން ޤައުމުތަކުގެ ރައްޔިތުން ދައްކުވައިދިން މަންޒަރުން ފިލާވަޅެއް ހޯދުމަށްޓަކައި، މުބާރާތުގައި ރާއްޖެ ކުޅުނު އެންމެ ފަހު މެޗަށް ބަލާލަމާ ހިނގާށެވެ.
ކަންދިމާކުރި ގޮތުން، މި މެޗުގައި އަޅުގަނޑަށް އިންނަން ޖެހުނީ ނޭޕާލް ސަޕޯޓަރުން ގިނަ ހިސާބެއްގައެވެ. އެމީހުންގެ ފަރާތުން ފެނިގެންދިޔައީ، އާދަޔާ ޚިލާފު ރޫޙެއްގައި، އެންމެން އެއް އަޑަކުން ކެނޑިނޭޅި ޓީމަށް ސަޕޯޓުކުރަމުންދިޔަ މަންޒަރެވެ. މާ ނުރައްކާތެރި ހަމަލާއެއް ނުއުފެއްދުނު ނަމަވެސް، ރާއްޖެ ކުޅުންތެރިން އަތުން ބޯޅަ ގެއްލޭ ހިސާބުން ނޭޕާލް ސަޕޯޓަރުންގެ އަޑުން މުޅި ދަނޑު ގުގުމާލިއެވެ. މެޗުގެ 86 ވަނަ މިނެޓުގައި ނޭޕާލް ޓީމުން ގޯލުޖެހި ވަގުތު، ދަނޑުގައި އިންނަންވެސް އުނދަގޫ މިންވަރަށް އަޑުގަދަވިއެވެ.
ގޯލުޖެހުމާ ހަމައިން ނިމުނީއެއް ނޫނެވެ. މެޗު ނިމެންދެން، އަދި ނިމުމަށްފަހުވެސް އެއްވާނެއްގައި އެތައް އިރެއް ވަންދެން ހިފާއްޓާލިއެވެ. މެޗުގެ 90 މިނެޓުގެ ކުޅުން ހަމަވެގެން އިތުރުވަގުތުގެ ގޮތުގައި ދެއްކި ވަގުތު ތެރޭގައި ރާއްޖެއަށް ލިބުނު ހިލޭޖެހުން ފޮނުވާލަން ތައްޔާރުވި ހިސާބުން، ދިވެހި ސަޕޯޓަރުން، "ގޯލެއް" ޖެހުމަށް އެދުނު އެދުންވެސް ގިނައިރުތަކެއް ނުވެ، ނޭޕާލް ސަޕޯޓަރުންގެ ހަޅޭކުން ހިންދާލިއެވެ.
21 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެއާއި ނޭޕާލް ބައްދަލުކުރި މެޗުގެ ތެރެއިން- ފޮޓޯ: ސާފް
އަމިއްލަ ފަސްގަނޑުގައި، އަމިއްލަ ޓީމު ކުޅޭއިރު މިފަދަ މަންޒަރުތައް ފެނުން ލަދުވެތި، ނޫންހެއްޔެވެ؟
ނަމަވެސް، ޒުވާން ޓީމު އޮތީ ހިތްވަރު އެލުވާލާ، ދޫ ދިނުމުގެ ވިސްނުމެއްގައެއް ނޫނެވެ. ނޭޕާލް އާ އެއްވަރުވެ، ރާއްޖެ ޓީމު މުބާރާތުން ވަކިވި މެޗަށްފަހު މީޑިއާ އާ ވާހަކަދައްކަމުން، ޓީމުގެ ކެޕްޓަން، އަދި ތިން ގޯލާއެކު މުބާރާތުގައި އެންމެ ގިނަ ގޯލު ޖެހި ދެ ކުޅުންތެރިން ތެރޭގައި ހިމެނުނު މުޙައްމަދު އިލާން އިމްރާން ބުންޏެވެ. ""މިއީ އަދި ނިމުމެއް ނޫން. މިއީ އަދި ފެށުމެއް. އިންޝާ ﷲ އަންނަ އަހަރުވެސް، މި އަހަރުވެސް އޮންނަ މުބާރާތްތަކުގައި އަހަރުމެން އިތުރަށް މަސައްކަތްކޮށް، އަހަރުމެން އިތުރަށް ކުރިއެރުން ފެންނާނެ".
މިއީ، ކުރިއަށްހުރި މުބާރާތްތަކަށް ދިވެހީން އަޒުމު އާކުރަންވީ ވަގުތެވެ. ސަޕޯޓުކުރަންވީ ސީނިއަރ ޓީމުތަކަށް އެކަންޏެއް ނޫނެވެ. ރާއްޖޭގައި ކުޅިވަރު ކުރިއަރަން އެދޭނަމަ، ޖޫނިއަރ ޓީމުތަކަށްވެސް ސަޕޯޓުކުރަންވީ އެވެ. އިންޓަރ-ސްކޫލް މުބާރާތްތަކަށްވެސް ދަނޑު ފުރާލަންވީއެވެ. ޒުވާން ކުޅުންތެރިން ކުރިއަރަން ހިތްވަރު ލިބޭނީ، ސަޕޯޓަރުންގެ ފޯރިއާއި ޖޯޝާއެކުވެގެންނެވެ.
ކޮންމެއަކަސް، މުބާރާތް ކާމިޔާބުކުރި ބަންގްލަދޭޝް ޓީމަށް ފަށްފަށުން މަރުހަބާކިޔަމެވެ. ބަންގްލަދޭޝްގެ ޒުވާން ޓީމު ހޯދި ކާމިޔާބީ ފާހަގަކުރުމުގައި، އެގައުމުގެ ރައްޔިތުން ތެރެއިން މާލޭގައި ދިރިއުޅޭ ގިނަ އަދަދެއްގެ ބަޔަކު ނިކުމެ، އެދައްކުވައިދިން ނަމޫނާގައި ހިފާ، އަހަރުމެން، ދިވެހީންގެ ޒުވާން ޓީމުތަކަށްވެސް އެފަދަ ޖޯޝާއި ފޯރީގައި ހިތްވަރުދިނުމަށް، މިފުރުސަތުގައި ގޮވާލަމެވެ.
ބަންގްލަދޭޝް ސަޕޯޓަރުން ފައިނަލް މެޗަށް ތައްޔާރުވުމުގެ ތެރެއިން- ފޮޓޯ: ޖަރޒިއާ
އެދެނީ، ދިވެހި ކުޅިވަރަށް އަދަށްވުރެ ފަހި، ފެހި މާދަމާއެކެވެ.

.gif&w=1920&q=75)
