ދިވެހީންނަށް ވިސާ އަކާ ނުލައި، އަޒަރުބައިޖާނަށް ދެވޭ ގޮތް ހަދައިފި
25 ސެޕްޓެމްބަރު 2025 - 07:05

ދިވެހިންނަށް އަޒަރުބައިޖާނަށް ފަސޭހަކަމާއެކު ދަތުރުކުރެވޭނެ މަގު ފަހިކުރުމަށް ވިސާއަކާ ނުލައި، އެ ގައުމަށް ދަތުރުކުރެވޭނެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލެވެ. އަދި އަޒަރުބައިޖާނުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ހާރިޖީ ވަޒީރު ޖޭހުން ބައިރަމޯވްއެވެ.

Ad by Hajj Corporation
ހަރިޖީ ވުޒާރާއިން ބުނީ، މި އެއްބަސްވުމުގެ ދަށުން ދިވެހިންނަށް ވިސާ ނުނަގައި އަޒަރުބައިޖާނަށް ދެވޭނެ ކަމަށާއި، 90 ދުވަހުގެ މުއްދަތަށް އެ ގައުމުގައި މަޑުކުރެވޭނެ ކަމަށެވެ. އަދި މީގެ އިތުރުން ޓްރާންސިޓް ދަތުރުވެރިންގެ ގޮތުގައިވެސް އެ ގައުމަށް އެތެރެވެވޭނެ ކަމަށް ވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
ފާއިތުވި އަހަރު ރާއްޖެ އިން ވަނީ ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓު ހޯލްޑަރުންނަށް ވިސާ އުވާލުމުގެ އެއްބަސްވުމެއްގައި އަޒަރުބައިޖާނާއިއެކު ސޮއިކޮށްފައެވެ.
އަޒަރުބައިޖާން އެއާލައިންސްއިން ވަނީ މިދިޔަ އަހަރު ނޮވެމްބަރު މަހުން ފެށިގެން ރާއްޖެއަށް ސީދާ ދަތުރުތައް ފަށާފައިވެއެވެ. މި ދަތުރުތައް ކުރަނީ އެ ގައުމުގެ ވެރިރަށް ބަކޫއިން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށެވެ.
ހަފުތާއަކު ދެ ދަތުރު ކުރާ މި ފްލައިޓްތަކުގެ ދިގުމިނަކީ ގާތްގަނޑަކަށް ހަ ގަޑިއިރެވެ. މި ދަތުރުތަކުގައި ބޭނުންކުރަނީ ބޮއިން 787 ޑްރީމްލައިނާ މަތިންދާބޯޓެވެ.
ހާރިޖީ ވުޒާރާއިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި މިހާރު ދިވެހިންނަށް ވިސާ ނުނަގައި 94 ގައުމަކަށް ދަތުރުކުރެވެއެވެ.