މީޑިއާ ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި
25 ސެޕްޓެމްބަރު 2025 - 13:25
(1).webp&w=3840&q=75)
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނުގެ ދަށުން އެކުލަވާލާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އިސީ) އިން ހުޅުވާލައިފިއެވެ.
މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނުގެ ދަށުން މީޑިއާތައް ރެގިއުލޭޓް ކުރާ އައު ކޮމިޝަނަށް މީޑިއާތަކުން އިންތިޚާބު ކުރާނީ 4 މެންބަރުންނެވެ. އެއީ ބްރޯޑްކާސްޓަރުން ތަމްސީލުކުރައްވާ ދެ މެންބަރުންނާއި އެހެނިހެން މީޑިއާތައް ތަމްސީލުކުރައްވާ ދެ މެންބަރުންނެވެ. މި ކޮމިޝަނުގައި ޖުމްލަ ހަތް މެންބަރުންގެ އެކުލެވޭއިރު ބާކީ ތިން މެންބަރުން ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ.

Ad by Hajj Corporation
އިލެކްޝަން ކޮމިޝަނުން މިހާރު ހުޅުވާލާފައިވަނީ ބްރޯޑްކާސްޓަރުން ތަމްސީލުކުރައްވާ ދެ މެންބަރުންނާއި އެހެނިހެން މީޑިއާތައް ތަމްސީލުކުރައްވާ ދެ މެންބަރުން ހޯދުމަށެވެ.
މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން މިއަދުން ފެށިގެން އަންނަ އޮކްޓޯބަރު މަހުގެ 4 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން އެކަމަށް އެދި ހުށަހަޅަން އީސީން ވަނީ އަންގާފައެވެ. ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ 9:00 އިން މެންދުރު 2:00 އަށް އަދި ހުކުރު ދުވަހު ފޯމު ބަލައިގަންނާނީ މެންދުރު ފަހު 3:00 އިން 5:00 އަށެވެ.
ކޮމިޝަނަށް މެންބަރުން އައްޔަން ކުރުމަށް ނަގާ ވޯޓު، ނެގުން އޮންނާނީ އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ. ވޯޓުލެވޭނީ މުއްދަތު ހަމަނުވާ އައިޑީކާޑު، ލައިސަންސް ނުވަތަ ޕާސްޕޯޓު ބޭނުންކޮށްގެންނެވެ. ވޯޓު ފޮށި ބަހައްޓާނީ ހަމައެކަނި މާލޭގައެވެ. ވޯޓު ނެގުން ނިމޭތާ 30 މިނިޓަށް ފަހު ވޯޓު ގުނައި ރަސްމީ ނަތީޖާ އިއުލާނު ކުރާނެއެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ނަމުގައި ދައުލަތުގެ އޮފީހެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފެއްދެވީ މި މަހުގެ 19 ވަނަ ދުވަހުއެވެ.
އައު ޤާނޫނުގައިވާ ގޮތުގެ މަތީން އުފެއްދެވި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި މި ޤާނޫނާއި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ސުލޫކީ މިންގަނޑުތަކާއި ޤާނޫނުގައި ބަޔާންކުރާ އުސޫލުތަކާ ޚިލާފަށް ޢަމަލުކުރާ ބްރޯޑްކާސްޓަރުންނާއި މީޑިއާތަކާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިންނާ ގުޅޭގޮތުން ޝަކުވާ ހުށަހެޅޭނެ ނިޒާމެއް ޤާއިމުކުރަންޖެހޭނެއެވެ. އަދި އެކަންކަން ބަލައި، ސުލޫކީ މިންގަނޑުތަކާ ޚިލާފުވާ ފަރާތްތަކުން ޚިލާފުވި ޚިލާފުވުން ބަލައި ފިޔަވަޅު އެޅުމަކީ ކޮމިޝަނުގެ މަސްއޫލިއްޔަތެކެވެ.


