ހިޔާލު ހޯދުމުގެ ވޯޓު ނެގުމުގެ މުއްދަތު އިތުރުކޮށްދޭން އީސީން އެދިއްޖެ
22 ޖުލައި 2025 - 04:32

ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމަށް ޓަކައި ގާނޫނެއް ވުޖޫދުކުރުމަށް ހުށަހެޅި ބިލުގައި، އެފަދަ އިންތިހާބެއް ބާއްވަން ކަނޑައަޅާފައިވާ 90 ދުވަހުގެ މުއްދަތު އިތުރުކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ރައްޔިތުންގެ މަޖިލީހުގައި އެދިއްޖެއެވެ.
ސަރުކާރުގެ ފަރާތުން، ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕީޖީލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާޙް ފަލާޙް މަޖިލީހަށް ހުށަހެޅުއްވި ބިލުގައިވާގޮތުން ވޯޓުގެ ކަންކަން ވެސް ކުރިއަށް ގެންދަނީ އިލެކްޝަންސް ކޮމިޝަނުންނެވެ. މައްސަލައަކާ މެދު ވޯޓެއް ނަގަން ހުށަހަޅާ ދުވަހުން ފެށިގެން ސަރުކާރު ބަންދު ނޫން ފަސް ދުވަހުގެ ތެރޭގައި ހިޔާލު ހޯދަން ހުށަހަޅަން ޖެހެ އެވެ. ވޯޓަށް އެދި ހުށަހަޅާ ތާރީހާއި ވޯޓު ނަގާ ތާރީހާ ދެމެދު މަދުވެގެން 45 ދުވަސް އަދި ގިނަވެގެން ހޭދަވާން ޖެހޭ މުއްދަތަކީ 90 ދުވަސް ކަމަށް އެ ބިލުގައިވެ އެވެ. ސިއްރު ވޯޓެއްގެ ގޮތުގައި ނަގަން ޖެހޭ އެ ވޯޓުގައި 18 އަހަރު ވެފައިވާ ކޮންމެ މީހަކަށް ވެސް ބައިވެރިވެ އެވެ.
ބިލުގައިވާގޮތުން މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު ލިބިފައިވާ މީހުންގެ ރަޖިސްޓްރީ އިލެކްޝަންސް ކޮމިޝަނުން ވޯޓު ނަގާ ދުވަހުގެ 14 ދުވަސް ކުރިން އިއުލާންކުރަންޖެހޭނެއެވެ. މި އިންތިޚާބާ ގުޅިގެން މިހާރުވެސް އާންމު އިންތިޚާބުތަކުގައި ކެމްޕޭން ކުރެވޭ އުސޫލާ އެއްގޮތަށް ކެމްޕޭން ކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށްވެސް ބިލުގައިވެއެވެ. ރައްޔިތުންގެ ޚިޔާލު ހޯދަން ހުށަހަޅާ މައްސަލަތަކުގައި ވޯޓުގެ ކަންކަން ކުރިއަށްގެންދާނީ މާލިއްޔަތު ޤާނޫނުގެ ދަށުން ދައުލަތުގެ ކޮންސޮލިޑޭޓެޑް ރެވެނިއު ފަންޑުންކަމަށްވެސް ސަރުކާރުގެ ފަރާާތުން މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލުގައި ވަނީ ބަޔާންކޮށްފައެވެ.
މިކަމާ ގުޅޭގޮތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ވާހަކަދައްކަވަމުން ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ އެހެން އިންތިހާބުތަކަށް ތައްޔާރުވުމަށް ވަގުތު ލިބޭ ކަމަށެވެ.
ނަމަވެސް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ހުށަހަޅާ ތާރީހުން ފެށިގެން 90 ދުވަހަކީ އިންތިހާބަކަށް ތައްޔާރުވާން އެކަށީގެންވާ ވަގުތެއް ނޫން ކަމަށް ޒާހިދު ވިދާޅުވިއެވެ. އެއާއެކު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމަށް ޓަކައި ގާނޫނެއް އުފެއްދުމަށް ހުށަހެޅި ބިލުގައި، އެފަދަ އިންތިހާބެއް ބާއްވަން ކަނޑައަޅާފައިވާ 90 ދުވަހުގެ މުއްދަތު އިތުރުކުރުމަށް ކޮމިޝަނުން ވަނީ އެދިފައެވެ.
ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނަކީ ޢާންމު ރައްޔިތުންނަށް ސީދާ ވޯޓުދީގެން ޚާއްޞަ ހުށަހެޅުމެއް، ޤާނޫނެއް ނުވަތަ ސިޔާސީ މައްސަލައެއް ނިންމުމަށް ހަދާފައިވާ ޤާނޫނީ އޮނިގަނޑެވެ. މިއީ ޑިމޮކްރަސީގައި ރައްޔިތުންގެ ސީދާ ބައިވެރިވުން ހިމެނޭ ގޮތްތަކުގެ ތެރެއިން އެއް ގޮތެވެ.
ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނެއްގެ ޕްރެކްޓިސް ކުރަމުން އަންނަ ޔޫރަޕާއި އެމެރިކާ ބައްރުގެ ޤައުމުތަކުގެ ތެރޭގައި ސްވިޒަރލެންޑް، އޮސްޓްރޭލިއާ، އަޔަރލެންޑް، ފަރަންސޭސިވިލާތް، އިޓަލީ، ޑެންމާކް، އެމެރިކާ، ނޯވޭ، އިނގިރޭސިވިލާތް، އުރުގުއޭ، އިކުއެޑޯ، ކޮލަމްބިއާ، ލެޓްވިއާ. ލިތުވޭނިއާ، ކްރޮއޭޝިއާ، ހަންގޭރީ، ސްލޮވޭނިއާ ފަދަ އެތައް ޤައުމެއް ހިމެނެއެވެ.
ދިވެހިރާއްޖެ ނިސްބަތްވާ އޭޝިޔާގެ ޓައިވާން، ފިލިޕީންސް، އިންޑިއާ، އީސްޓް ޓީމޯ، ސައުތު ކޮރެއާ، މޮންގޯލިއާ، ތައިލެންޑް، ކަޒަކިސްތާން، ކިރުގިސްތާން، އާޒަރބައިޖާން، އަރުމޭނިއާ، ތަޖަކިސްތާން، ތުރުކެމިނިސްތާން، އުޒްބެކިސްތާން ފަދަ ޤައުމުތަކުގައި އެ ޤައުމެއްގެ ގޮތުގައި މިފަދަ ޤާނޫނުތައް ހަދައި ހިންގަމުން އާދެއެވެ.
ދިވެހިރާއްޖޭގައި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނެއް ހެދުމަށް މިހާރު ހުށަހެޅިފައިވާ ބިލަށް ނަޒަރުކުރާއިރު، މި ޤާނޫނުގެ ދަށުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށް ހިމަނާފައިވާ ކަންތައްތަކަކީ، ރައްޔިތުންނާއި ގުޅޭ މުހިންމު ކަންތައްތަކާއި، ޤައުމީ މުހިންމު މައްސަލަތަކާއި އަދި ޤާނޫނުގައި ބުނާ ޤާނޫނު އަސާސީގެ މާއްދާތަކަށް އިސްލާހް ގެނައުމުގައެވެ.
ޤާނޫނުގައި ބުނާ ޤާނޫނުއަސާސީގެ އެ މާއްދާތަކަކީ ޤާނޫނުއަސާސީގެ 2 ވަނަ ބާބުގައިވާ ''އަސާސީ ޙައްޤުތަކާއި މިނިވަންކަން'' ބާބުގެ އެއްވެސް މާއްދާއެއް، ޤާނޫނުއަސާސީގެ 79 ވަނަ މާއްދާގައި ބުނާ ''ރައްޔިތުންގެ މަޖިލީހުގެ އުމުރު''، ޤާނޫނުއަސާސީގެ 107 ވަނަ މާއްދާގައި ބުނާ ''ރިޔާސަތުގެ ދައުރު'' ޤާނޫނުއަސާސީގެ 108 ވަނަ މާއްދާގައި ބުނާ ''ރައީސުލްޖުމްހޫރިއްޔާ އިންތިޚާބުކުރާ ގޮތް'' ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގައި ބުނާ ''ރައީސުލްޖުމްހޫރިއްޔާ ބިލް ތަސްދީގުކުރުން'' އަދި ޤާނޫނުއަސާސީގެ 3 ވަނަ މާއްދާގައި ''ބުނާ ރާއްޖޭގެ ސަރަހައްދު'' އެވެ.
މީގެ އިތުރުން ޤާނޫނުއަސާސީއަށް އިސްލާޙް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލެއް ރައީސުލްޖުމްޙޫރިއްޔާ ތަސްދީގުނުކުރަށްވައި އެކަން މަޖިލީހަށް އަންގާ ހާލަތުގައި، އެ ބިލަށް ރައްޔިތުންގެ ރުޙުން އޮތްތޯ ބެލުމެވެ.
ރައްޔިތުންގެ ބައިވެރިވުމާއި ޑިމޮކްރަސީ ހަރުދަނާ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެންމެ އިސްކަމެއް ދެއްވާ އެއް ދާއިރާއެވެ. މި މަސައްކަތްޕުޅުގެ ތެރެއިން، ދިވެހި ރައްޔިތުންގެ ޚިޔާލު ހޯދުމަށް ޢާންމު ވޯޓެއް ނެގުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުން އެއީ ރައްޔިތުން ބާރުވެރިކުރުމަށް ކުރަށްވާ މަސައްކަތްޕުޅަށް އިތުރުވާ ވަރަށް މުހިންމު ބޮޅެކެވެ. މި ބިލުގެ މަޤްސަދަކީ ސަރުކާރުގެ މުހިންމު ސިޔާސަތުތައް އެކުލަވާލުމުގައްޔާއި ގައުމީ މުހިންމު ނިންމުންތައް ނިންމުމުގައި ރައްޔިތުންގެ ސީދާ ބައިވެރިވުން އިތުރުކުރުމެވެ.