ގްރީން ސްޓްރީޓް ބަލިކޮށް ވިކްޓްރީ އަށް ލީގުގެ ފުރަތަމަ މޮޅު
25 ސެޕްޓެމްބަރު 2025 - 18:11

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ކުލަބު ގްރީން ސްޓްރީޓްސް އަތުން ވިކްޓަރީ 1-0 ގެ ނަތީޖާއިން މުހިންމު މޮޅެއް ހޯދައިފިއެވެ. މިއީ ވިކްޓަރީ ފުރަތަމަ ޑިވިޝަނަށް އެނބުރި އައި ފަހުން އެ ޓީމުން ހޯދި ފުރަތަމަ މޮޅެވެ.
މެޗަށް ނުކުތް އިރު ދެ ޓީމުން ވެސް ލީގުގައި ކުޅުނު ފުރަތަމަ މެޗުން ވަނީ ބަލިވެފައެވެ. ވިކްޓަރީ ބަލިވެފައިވަނީ ބުރު ސްޕޯޓްސް ކުލަބު އަތުން ކަމުގައިވާއިރު، ގްރީން ބަލިވެފައިވަނީ ވެލެންސިޔާ އަތުންނެވެ.

Ad by Hajj Corporation
ރަސްމީ ބޯޅަދަނޑުގައި ކުޅުނު މެޗުގައި ގްރީންގެ ފަރާތުން ފެނިގެންދިޔައީ ދަށް ކުޅުމެެކެވެ. ނަމަވެސް ވިކްޓަރީގެ ފަރާތުން މެޗުގައި އެޓޭކްތަކެއް އުފައްދަން މަސައްކަތް ކުރިއެވެ. އެގޮތުން މެޗުގެ 13 ވަނަ މިނިޓާއި 15 ވަނަ މިނިޓުގައި ނަޝާހު އަހުމަދު ފޮނުވާލި ދެ ހަމަލާގެ ހުރަހަކަށް ވެގެންދިޔައީ ގްރީންގެ ކީޕަރު އަހުމަދު ރަމީޒް އެވެ.
މެޗުގެ ފުރަތަމަ ހާފު ނިމެން އުޅެނިކޮށް ވިކްޓަރީގެ އަބްދުﷲ މިދުހަތު ފަހުމީ އޭރިޔާ ތެރެއިން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. ދެ ޓީމުގެ ފަރާތުން ފޫހި ލަސް ކުޅުމެއް ފެނިގެންދިޔަ މެޗުގައި ގްރީން އިން ވެސް އެޓޭކް ކުރެވޭތޯ މަސައްކަތްތަކެއް ކުރިއެވެ. އެގޮތުން ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި މުހައްމަދު ރާހިފް ފަޒީލް ފޮނުވާލި ބޯޅަ މަތަކުރީ ވިކްޓްރީގެ ކީޕަރެވެ.
ވިކްޓްރީން މެޗުގެ ހަމައެކަނި ލަނޑު ޖެހީ މެޗުގެ އިތުރު ވަގުތުގައި ލިބުނު ހިލޭ ޖެހުމަކުންނެވެ. އޭރިޔާ ބޭރުން މިދުހަތު ފޮނުވާލި ހިތްގައިމު ހިލޭ ޖެހުން ގޯލަށް ވަތްއިރު ކީޕަރަށް ހުރެވުނީ ހަރަކާތް ހުއްޓިފައެވެ. ލީގުގައި އަންނަ ހަފްތާގައި ވިކްޓްރީ ނުކުންނާނީ އޮޑި ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.