ބަލްގޭރިއާ އިން ޔޫއެސްއާ ދެކޮޅަށް ހައިރާންކުރުވަނިވި ނަތީޖާއެއް ހޯދައި، ސެމީފައިނަލަށް ގޮސްފި
25 ސެޕްޓެމްބަރު 2025 - 18:48

އެފްއައިވީބީ ވޮލީބޯޅަ ފިރިހެނުންގެ ވޯލްޑް ޗެމްޕިއަންޝިޕްގެ ސެމީފައިނަލަށް 2006 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ބަލްގޭރިއާ ދަތުރުކޮށްފިއެވެ. މިއަދު ފިލިޕީންގެ ޕަސޭ ސިޓީގައި ކުޅުނު މެޗުގައި 10،000 އަށްވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި، އެމެރިކާއާ ދެކޮޅަށް ކުޅުނު ކުއާޓަރ ފައިނަލްގައި ދެ ސެޓް ފަހަތުން އަރައި ބަލްގޭރިއާއިން ވަނީ ހައިރާންކުރުވަނިވި ކާމިޔާބީއެއް ހޯދައިފައިއެވެ.
މެޗުގެ ފުރަތަމަ ސެޓުގައި އެމެރިކާގެ ގެބްރިއެލް ގާސިއާގެ ވަރުގަދަ ސާރވިސްތަކުގެ ސަބަބުން އެމެރިކާއަށް ބޮޑު ލީޑެއް ނެގުނެވެ. ބަލްގޭރިއާއިން ކުޅުން ހަމަހަމަ ކުރިނަމަވެސް، ސްކޯރ ހަމަހަމަ ނުކުރެވުނެވެ. ދެވަނަ ސެޓުގައި ބަލްގޭރިއާއިން ކުޑަ ލީޑެއް ނެގި ނަމަވެސް، ސާރވިސް ލައިނުން ކުރި ގިނަ މިސްޓޭކްތަކުގެ ސަބަބުން އެމެރިކާއަށް ލީދު ނެގިގެންދިޔައެވެ. މެރިކް މެކްހެންރީގެ ފާހަގަކޮށްލެވޭ ޕަރފޯމަންސްއާއެކު އެމެރިކާއިން ވަނީ ދެވަނަ ސެޓްވެސް ކާމިޔާބުކޮށްފައެވެ.

Ad by Hajj Corporation
ތިންވަނަ ސެޓުގައި ބަލްގޭރިއާއިން އެޓީމުގެ ރިދަމް ހޯދިއެވެ. މިޑްލް ބްލޮކަރ އިލިޔާ ޕެޓްކޮވްގެ އެޓޭކާއި ސާރވިސްގެ އެހީގައި އެޓީމުން ވަނީ ތިންވަނަ ސެޓް ފަރަގު ބޮޑު ސްކޯއަކުން ކާމިޔާބުކޮށްފައެވެ. ހަތަރުވަނަ ސެޓުގައި ދެޓީމުގެ ވާދަވެރިކަން އިތުރުވެ، ހަމަހަމަކޮށް ކުޅުނު ނަމަވެސް، އަސްޕަރުހް އަސްޕަރުހޮވްގެ ކިލް ބްލޮކެއްގެ އެހީގައި ބަލްގޭރިއާއިން އެސެޓް ކާމިޔާބުކުރިއެވެ.
ޓައި ބްރޭކަރުގައި 21 އަހަރުގެ އައުޓްސައިޑް ހިޓަރ އަލެކްސަންޑަރ ނިކޮލޮވް އަދި އޭނާގެ 18 އަހަރުގެ ކޮއްކޮ ސިމިއޯން ނިކޮލޮވްގެ ފާހަގަކޮށްލެވޭ ޕަރފޯމަންސްއެއް ދެއްކިއެވެ. އަލެކްސް އެކަނި 8 ޕޮއިންޓް ހޯދައި، ބަލްގޭރިއާ 12-9 ގެ ލީޑެއް ހޯދައިދިނެވެ. 22 އަހަރުގެ ޖިއޯޖި ޓަޓަރޮވްގެ ދެ ޕޮއިންޓާއެކު ބަލްގޭރިއާއިން ވަނީ މިމެޗްގެ ނަތީޖާ ބަދަލުކޮށްލާފައެވެ. އަދި އިލިޔާ ޕެޓްކޮވްގެ ފަހު ޕޮއިންޓާއެކު ބަލްގޭރިއާއިން މެޗް 3-2 (21-25، 19-25، 25-17، 25-22، 15-13) އިން ކާމިޔާބުކުރިއެވެ.
މި ކާމިޔާބީއާއެކު ބަލްގޭރިއާއިން ވަނީ ފިލިޕީންސް 2025 ގެ ސެމީފައިނަލްގައި ޗެކިއާއާ ދެކޮޅަށް ކުޅސެމީ މެޗުގެ ޓިކެޓް ކަށަވަރުކޮށްފައެވެ. މި މެޗް ކުޅޭނީ ސެޕްޓެމްބަރ 27 ވާ ހޮނިހިރު ދުވަހުއެވެ.