އީޔޫއިން މެޓާ 101 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި


28 ސެޕްޓެމްބަރު 2024 - 17:40
ހުކުރު ދުވަހު، ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ މައި ޕްރައިވަސީ ރެގިއުލޭޓަރުން، ފޭސްބުކާއި އިންސްޓަގްރާމްފަދަ އެޕްތަކުގެ ވެރި ކުންފުނި، މެޓާއަށް 91 މިލިއަން ޔޫރޯ (101.5 މިލިއަން ޑޮލަރު) ގެ ޖޫރިމަނާކޮށްފިއެވެ.
އީޔޫއިން މި ފިޔަވަޅު އެޅީ ބައެއް ޔޫޒަރުންގެ ޕާސްވޯޑްތައް ރައްކާތެރިކަމެއް ނުވަތަ އެންކްރިޕްޝަނެއް ނެތި ރައްކާކޮށްފައި ވާތީއެވެ.މި ތަޙުޤީޤު ފެށުނީ 5 އަހަރު ކުރިން، މެޓާއިން އައިރިޝް ޑޭޓާ ޕްރޮޓެކްޝަން ކޮމިޝަން (ޑީޕީސީ) އަށް ބައެއް ޕާސްވޯޑްތައް 'ޕްލެއިންޓެކްސްޓް' ގޮތުގައި ރައްކާކުރެވިފައިވާކަން އެންގުމާ ގުޅިގެންނެވެނެވެ.
މެޓާއިން އެ ވަގުތު މި މައްސަލަ ޢާންމުކޮށް އިޢުތިރާފުވިއެވެ. އަދި ޑީޕީސީން ބުނި ގޮތުގައި މި ޕާސްވޯޑްތައް ބޭރުގެ އެއްވެސް ފަރާތަކަށް ލިބިފައެއް ނުވެއެވެ.
"ޔޫސަރުންގެ ޕާސްވޯޑުތައް ސާފު ލިޔުމުގެ ގޮތުގައި ރައްކާކުރުމަކީ، އެފަދަ މަޢުލޫމާތަށް އެކްސެސް ލިބޭ ފަރާތްތަކުން ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ނުރައްކާ އޮތުމާއެކު، ފުޅާ ދާއިރާއެއްގައި ޤަބޫލުކުރެވޭ ކަމެއް ނޫންކަމުގައި" އައިރިޝް ޑޭޓާ ޕްރޮޓެކްޝަން ކޮމިޝަންގެ ޑެޕިއުޓީ ކޮމިޝަނަރ ގްރަހަމް ޑޮއިލް ބަޔާނެއްގައި ވިދާޅުވިއެވެ.މެޓާގެ ތަރުޖަމާނެއް ވިދާޅުވި ގޮތުގައި، 2019 ވަނަ އަހަރު ސެކިއުރިޓީ ރިވިއުއެއްގެ ތެރެއިން މި މައްސަލަ ފާހަގަކުރެވުމާއެކު، އެ ކުންފުނިން ވަގުތުން އެކަން ރަނގަޅުކުރުމަށް ފިޔަވަޅު އަޅާފައިވެއެވެ. އަދި މި ޕާސްވޯޑުތައް ނަހަމަ ގޮތުގައި ބޭނުންކުރެވުނުކަމުގެ ނުވަތަ ނުރަނގަޅު ގޮތަކަށް އެކްސެސްކުރެވުނުކަމުގެ އެއްވެސް ހެއްކެއް ނެތްކަމަށްވެސް އެ ފަރާތުން ބުނެފައިވެއެވެ.
މެޓާގެ ފަރާތުން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، ތަޙުޤީޤުގެ މުއްދަތުގައި މެޓާއިން ޑީޕީސީއާއެކު އެއްބާރުލުން ދީގެން މަސައްކަތްކުރިއެވެ.ޑީޕީސީއަކީ ގިނަ އެމެރިކާގެ އިންޓަރނެޓް ކުންފުނިތަކުގެ ޔޫރަޕިއަން ޔޫނިއަންގެ މައި ރެގިއުލޭޓަރެވެ.