ނަތަންޔާހޫ ވާހަކަދައްކަން ފެށުމުން ރާއްޖޭގެ ވަފުދު ނިކުމެއްޖެ
26 ސެޕްޓެމްބަރު 2025 - 16:26

އދ. ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވާހަކަ ދައްކަން ފެށުމުން ރާއްޖޭގެ ވަފްދު އދގެ މަރުކަޒުގެ ހޯލު ދޫކޮށް ނުކުމެއްޖެއެވެ.
މިދިޔަ އަހަރުވެސް ދިވެހި ވަފުދު ވަނީ، އިސްރާއީލުގެ ބޮޑުވަޒީރު އާއްމު މަޖިލީހުގައި ވާހަކަދައްކަން ފެށުމުން އދގެ މައި މަރުކަޒުގެ ހޯލް ދޫކޮށް ނިކުމެފައެވެ.
އދ.ގެ އަންމު މަޖިލީހުގައި މިއަހަރު ފެނިގެންދަނީ ފަލަސްތީނުގެ މިނިވަންކަމަށް ވަކާލާތުކޮށް ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ގިނަ ގައުމުތަކަކުން އަޑުއުފުލަމުންދާ މަންޒަރެވެ. އެގޮތުން ހައްދުފަހަނައަޅާފައިވާ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވާހަކަދައްކަން ފެށުމުން، ބައްދަލުވުމުގައި ބައިވެރިވާ ގިނަ ގައުމުތަކެއްގެ ވަފުދުތަކުން ވަނީ، އދ.ގެ މައިމަރުކަޒުގައި ކުރިއަށްދިޔަ ބައްދަލުވުން ދޫކޮށް ގޮސްފައެވެ.

Ad by Hajj Corporation
ހާރިޖީ ވަޒީރު ޑރ.ޢަބްދުﷲ ޚަލީލް ވިދާޅުވީ، އިސްރާއީލުގެ ބޮޑުވަޒީރު ތަގުރީރުކުރަން ފެށުމާއެކު އދގެ އާންމު މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވަމުންދިޔަ ދިވެހި ޑެލިގޭޝަން އެ ހޯލް ދޫކުރައްވާ ރާއްޖޭގެ ބޭރަށް ވަޑައިގެންފައިވާކަމަށެވެ. އަދި ދިވެހިރާއްޖެ އަބަދުވެސް ދެމިއޮންނާނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރުމުގައިކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގެ ވަފުދު ހޯލުން ނިކުމެފައިވާއިރު އެހެން ގިނަ ގައުމުތަކުގެ ބޭފުޅުން ވެސް ވަނީ ނަތަންޔާހޫ ވާހަކަ ދައްކަން ފެށުމުން ހޯލުން ނިކުމެފައެވެ.
ރާއްޖެއިން ވަނީ ފަލަސްތީނުގެ ރައީސް މަޙުމޫދު ޢައްބާސް އދ.ގެ އާންމު މަޖިލީހުގައި ތަގުރީރުކުރެއްވުމުގެ ހުއްދަދެއްވުމާއި ގުޅޭ ގަރާރަށް ވޯޓުދީފައެވެ. ރާއްޖެފަދަ އެތައް ގައުމެއްގެ އެހީތެރިކަމާއެކު ފަލަސްތީނުގެ ރައީސް މަހުމޫދު ޢައްބާސް ވަނީ މިއަހަރު ވީޑިއޯ މެދުވެރިކޮށް އދގެ އާންމު މަޖިލީހުގައި ތަގުރީރުކުރައްވާފައެވެ.
ފަލަސްތީނަކީ ވަކި ގައުމެއްގެ ގޮތުގައި ބަލައިގަތް ގައުމުތަކަށް ރާއްޖެއިން ވަނީ ދާދިފަހުން މަރުހަބާ ވެސް ކިޔާފައެވެ.
ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިނގިރޭސިވިލާތާއި ކެނެޑާ އަދި އޮސްޓްރޭލިއާއިން ފަލަސްތީނަކީ ވަކި ގައުމެއްގެ ގޮތުގައި ބަލައިގަތްކަން ހާމަކޮށްފައިވާތީ އެކަމަށް މަރުހަބާ ކިޔާކަމަށެވެ. ފަލަސްތީނު ރައްޔިތުންގެ އިއްޒަތާއި އަބުރު އަދި އެ ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުން ވަރަށް މުހިންމު ކަމަށް އެ ވުޒާރާއިން ބުނެއެވެ. އަދި އެ ސަރަހައްދުގެ ހަމަޖެހުން ދެމެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.
އެ ވުޒާރާއިން ނެރުނު ބަޔާނުގައި ވަނީ ދުނިޔޭގެ ހުރިހާ ގައުމުތަކަށް ފަލަސްތީނުގެ ހައްގުގައި ތެދުވުމަށް ގޮވާލާފައެވެ. އަދި ވަކި ދައުލަތެއް ފަލަސްތީނުގައި ގާއިމްކުރުމަށް އެއްބާރުލުން ދިނުމަށް ވެސް ގޮވާލާފައިވެއެވެ.