ޗައިނާއާއެކު ފަތުރުވެރިކަމުގެ ދާއިރާގެ ގުޅުން ބަދަހިކުރުމަށް ފޯރަމެއް ބާއްވަނީ
17 ޑިސެމްބަރު 2025 - 11:03

ޗައިނާއާއެކު ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް، އަންނަ އަހަރު ވަޒީރުންގެ ފެންވަރުގެ ފޯރަމެއް ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޚާރިޖީ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ޗައިނާގެ ފަތުރުވެރިންގެ ސަލާމަތާބެހޭ މައްސަލަތައް ހައްލުކުރުމަށް ގާއިމުކޮށްފައިވާ "ޖޮއިންޓް މީޓިންގ މެކޭނިޒަމް" ގެ 7 ވަނަ ބައްދަލުވުން މާލޭގައި ބާއްވާފައިވާއިރު މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ، ފޮރިން މިނިސްޓްރީގެ ދައުލަތް ބެލެހެއްޓެވުމަށް ހުންނެވި ވަޒީރު، ޝެރީނާ އަބްދުއްސަމަދާއި، ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ޗައިނާގެ ސަފީރު، ކޮންގް ޝިއަންހުއާ އާއި، ފަތުރުވެރިކަމާ ބެހޭ މިނިސްޓްރީގެ ދައުލަތް ބެލެހެއްޓެވުމަށް ހުންނެވި ވަޒީރު، ޑރ. އަބްދުﷲ ނިޔާޒް އެވެ.

Ad by Hajj Corporation
މި ޖޮއިންޓް ބައްދަލުވުމުގައި ސަރުކާރުގެ މިނިސްޓްރީތަކާއި، ސަލާމަތީ އިދާރާތަކާއި، ސިއްހީ ހިދުމަތްދޭ ތަންތަނާއި، ވައިގެ ދަތުރުފަތުރުގެ ކުންފުނިތަކާއި އުފުލުންތެރި ކުންފުނިތަކާއި، ފަތުރުވެރިކަމުގެ ޖަމްޢިއްޔާތަކާއި، ކާރިސާ މެނޭޖްކުރުމާއި އިންސާނީ އެހީދޭ ޖަމްޢިއްޔާތަކުގެ އިތުރުން އިންޝޫރެންސް ދޭ ފަރާތްތަކުގެ މަންދޫބުން ބައިވެރިވިއެވެ.
ބައްދަލުވުން ހުޅުއްވައި ދެއްވަމުން، ދައުލަތް ބެލެހެއްޓެވުމަށް ހުންނެވި ވަޒީރު ޝެރީނާ އަބްދުއްސަމަދު ވަނީ ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ވަރުގަދަ އަދި ދިގުދެމިގެންވާ ގުޅުން ފާހަގަކުރައްވައި، ދެގައުމުގެ ގުޅުމުގެ މައިގަނޑު ތަނބެއްގެ ގޮތުގައި ފަތުރުވެރިކަން ފާހަގަކުރައްވާފައެވެ. އެކަމަނާ ވަނީ ޗައިނާއަކީ ދިވެހިރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ މާކެޓުކަން ފާހަގަކުރައްވާފައެވެ.
ވަޒީރު ވަނީ، ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނުގެ ރައްކާތެރިކަމުގެ ވަރުގަދަ ފިޔަވަޅުތަކާއި، ސަލާމަތީ މިންގަނޑުތައް ހަރުދަނާކޮށް ތަންފީޒުކުރުމާއި، އިދާރާތަކާއި ސިނާއަތުގައި ފުޅާ ދާއިރާގައި ގުޅިގެން މަސައްކަތްކުރުން އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
ސަފީރު ކޮންގް ޝިއަންހުއާ ވަނީ ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ޗައިނާ ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ދިވެހި ސަރުކާރުން އަބަދުވެސް ދެއްވާ އެއްބާރުލުމާއި މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
ވަޒީރު ޝެރީނާ އަބްދުއްސަމަދު ވިދާޅުވީ، ދިވެހިރާއްޖެއިން ޗައިނާ އެމްބަސީއާއި މިނިސްޓްރީ އޮފް ޓޫރިޒަމްއާ ގުޅިގެން އަންނަ އަހަރު ފަތުރުވެރިކަމުގެ އެއްބާރުލުމާބެހޭ ވަޒީރުންގެ ފެންވަރުގެ ފޯރަމެއް ބޭއްވުމަށް މަސައްކަތް ކުރަމުންދާކަން ހާމަކުރައްވާފައެވެ. މި ފޯރަމުގައި ސަލާމަތާއި ރައްކާތެރިކަމުގެ އިތުރުން، ފުޅާ ދާއިރާއެއްގައި އިންވެސްޓްމަންޓްތަކާއި ފަތުރުވެރިކަން އިޝްތިހާރުކުރުމަށްވެސް ބާރު އަޅާނެކަމަށް އެކަމަނާ ވިދާޅުވިއެވެ.
"ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ޗައިނާގެ ފަތުރުވެރިންގެ ސަލާމަތާބެހޭ މައްސަލަތައް ހައްލުކުރުމަށް ގާއިމުކޮށްފައިވާ ޖޮއިންޓް މީޓިންގ މެކޭނިޒަމް" އަކީ ޗައިނާގެ ފަތުރުވެރިންގެ ސަލާމަތީ މިންގަނޑުތައް ރަނގަޅުކުރުމަށް ފަތުރުވެރިކަމުގެ މުހިންމު ހުރިހާ ފަރާތްތަކެއް އެއްތަނަކުން ބައްދަލުކުރުމަށް 2014 ވަނަ އަހަރު ފެށި ދެފަރާތުން މަޝްވަރާކުރާ މަންސައެކެވެ. ސަލާމަތީ އުސޫލުތައް ތަންފީޒުކުރެވޭ މިންވަރު ބެލުމަށާއި، އިދާރާތަކާ ދެމެދު އެއްބާރުލުން އިތުރުކުރުމަށާއި، ގޮންޖެހުންތަކާއި އުނިކަންކަން ހައްލުކުރުމަށް ސިޔާސަތުތަކުގައި ހުރި ގޮތްގޮތް ދެނެގަތުމަށް މި ބައްދަލުވުން ކޮންމެ އަހަރަކުވެސް އަންނަނީ ބާއްވަމުންނެވެ.


