ބޮޑު ތަފާތަކުން މޮޅުވެ އޮޑި ތާވަލުގެ އެއްވަނައަށް
26 ސެޕްޓެމްބަރު 2025 - 19:46

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި އޮޑި ސްޕޯޓްސް ކުލަބުން ކުލަބު ވެލެންސިއާ 7-1 ގެ ބޮޑު ތަފާތަކުން ބަލިކޮށް، ލީގުގެ ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.
މިއަދު ހަވީރު ކުޅުނު މެޗުގައި އޮޑި ސްޕޯޓްސް ކުލަބުން ދައްކާލީ ފެންވަރު ރަނގަޅު ކުޅުމެކެވެ. މި މެޗަށް ނުކުތްއިރުވެސް ލީގުގައި ކުޅުނު ފުރަތަމަ މެޗުން ދެ ޓީމުވެސް ވަނީ މޮޅެއް ހޯދާފައެވެ. މިއަދުގެ މެޗުގެ ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް އޮޑި ސްޕޯޓްސް އާއި ދެވަނައިގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު އަދި ތިންވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ވަނީ ހަ ޕޮއިންޓް ލިބިފައެވެ.

Ad by Hajj Corporation
އޮޑި ސްޕޯޓްސް ކުލަބުގެ ފަރާތުން މި މެޗުގައި އެންމެ ފާހަގަކޮށްލެވުނު ކުޅުންތެރިއަކީ ލިތުއޭނިއާގެ ފޯވާޑް ކަރޮލިސް ލައުކްޒެމިސްއެވެ. އޭނާ މި މެޗުގައި ވަނީ ހެޓްރިކެއް ހަދާފައެވެ.. މީގެ އިތުރުން އިބްރާހީމް ވަހީދު ހަސަން، އިބްރާހީމް އިމްރާން، އަބްދުﷲ ލޫތު އިބްރާހީމް އަދި މުޒްދާން ހަސަން ވެސް ވަނީ ލަނޑު ޖަހާފައެވެ.
ވެލެންސިއާގެ ހަމައެކަނި ލަނޑު މެޗުގެ 83 ވަނަ މިނެޓުގައި ޖެހީ ދެވަނަ ހާފުގައި ކުޅެން ނުކުތް އަބުލް ސަމީއު ހަސަންއެވެ.
ލީގުގެ މިހާރުގެ ތާވަލުގައި ހަތަރެއްގައި އޮތް ބުރު ސްޕޯޓްސް ކުލަބަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ފަސްވަނައިގައި އޮތް ވިކްޓަރީ ސްޕޯޓްސް ކުލަބާއި، ހަވަނައިގައި އޮތް ކުލަބު ވެލެންސިއާއަށް ވަނީ ތިން ޕޮއިންޓް ލިބިފައެވެ. ލީގުގެ ތިންވަނަ ހަފްތާގެ ކުޅުން ފެށޭނީ އަންނަ އަންގާރަ ދުވަހުއެވެ.