އިލްޒާމްގެ ޓިކެޓް ވިއްކަން މިއަދު ފަށަނީ
27 ސެޕްޓެމްބަރު 2025 - 07:12

ޔޫއްޕެ ޕްރޮޑަކްޝަނުން ޔޫސުފް ޝަފީޢު ޑައިރެކްޓްކޮށް، މުޙައްމަދު ޢަބްދުالله (މުހައްމާ) ޕްރޮޑިއުސްކޮށް އުފައްދާ ދިވެހި ފިލްމް އިލްޒާމްގެ ޓިކެޓް ވިއްކަން ތައްޔާރުވެއްޖެއެވެ.
އެގޮތުން، މިއަދުގެ މެންދުރު 2:00 ގައި އޮލިމްޕަސްގައި މި ފިލްމްގެ ޓިކެޓް ވިއްކަން ފަށާއިރު، އޮކްޓޯބަރ 6 ގެ ނިޔަލަށް ޓިކެޓް ބައްލަވައިގަންނަވާ ފަރާތްތަކުގެ މެދުގައި ގުރުއަތުން ހޮވޭ ފަރާތަކަށް އައިފޯން 17 ޕްރޯއެއް ދިނުމަށްވެސް ވަނީ ނިންމާފައެވެ.

Ad by Hajj Corporation
މި ފޯނު ލިބޭ ނަސީބުވެރިޔާ ހޮވުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރ 20 ވަނަ ދުވަހުގެރޭ އޮންނަ މި ފިލްމްގެ ޕްރިމިއާރ ނައިޓްގައެވެ.
ފިލްމަކީ ދިވެހި މުޖުތަމަޢުން ފެންނަ އާއިލީ ގިނަ މައްސަލަތަކާއި، މުޖުތަމަޢުގައި ފަހަކަށް އައިސް ކަން ހިނގަމުންދާ ގޮތް ވަރަށް ފުރިހަމައަށް ދައްކުވައިދޭނެ މޮޅު ފިލްމެކެވެ. ޚާއްސަކޮށް، ދަރިންނާއި މައިންބަފައިންނާ ދެމެދުގައި އުފެދޭ ގުޅުންތަކާއި، ނާޒުކު ހާލަތްތަކުގައި ގޮތް ނިންމަން ޖެހޭ ކަންކަން މި ފިލްމުން ފެނިގެންދާނެއެވެ.
މި ފިލްމްގައި ގިނަ އަދަދެއްގެ މަޝްހޫރު ތަރިން ހިމެނެއެވެ. އެގޮތުން، އަހުމަދު ނިމާލް، މަރިޔަމް ޝަކީލާ، މުހައްމަދު ރަޝީދު [ދަރާ] ޔޫސުފް ޝަފީޢު ]ޔޫއްޕެ]، ޖުމައްޔިލް ނިމާލް، އާމިރާ އިސްމާއިލް، އަޙްމަދު ސައީދު، މުހައްމަދު ފައިސަލްގެ މުހިއްމު ރޯލްތަކެއް މި ފިލްމުން ފެނިގެން ދާނެއެވެ. އަދި މިހާރު އަރަމުން އަންނަ ތަރިން ކަމަށްވާ މަރިޔަމް ޝިފާ، ޝަހީދާ އަހްމަދް[ޑޯރާ]، ލައިޝާ ލަތީފް މި ފިލްމުން ފެންނާނެއެވެ.
މި ފިލްމްގެ ކުޑަ ކުއްޖެއްގެ ރޯލުން އަލަށް ތައާރަފްވާ ކިންޒާ ހުސައިން[ގޮމަ]ގެ ހުނަރުވެރިކަންވެސް މި ފިލްމުގައި ވަރަށް ފުރިހަމަށް ދައްކުވައިދީފައިވެއެވެ.
މި ފިލްމްގެ މަންޒަރުތައް ނަގާފައިވަނީ އދ.ދަނގެތީގައެވެ.