ފަތުރުވެރިކަން ކުރިއެރުވުމަށް ގުޅިގެން މަސައްކަތް ކުރުން މުހިއްމު:ތާރިޤް
27 ސެޕްޓެމްބަރު 2025 - 10:05

ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރިއެރުވުމަށް ގުޅިގެން މަސައްކަތް ކުރުން މުހިއްމުކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު، ޠާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ދުވަހާ ގުޅުވައިގެން ފޮނުއްވި ވީޑިއޯ މެސެޖެއްގައެވެ. ވަޒީރު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކުގެ ބުރަ މަސައްކަތުން މިއަދު ފަތުރުވެރިކަމުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ ޤައުމަކަށް ރާއްޖެ ވެފައިވާ ކަމަށެވެ. އަދި މިހާރުވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރަމުންދާކަމަށާއި އެ ދާއިރާއަކީ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީގައި މުހިންމު ބައިވެރިއެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation
މިއަހަރުގެ ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ދުވަހުގެ ޝިޢާރާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ވެށި ހިމާޔަތްކުރުމާއެކު ފަތުރުވެރިކަމުގެ ދާއިރާ ތަރައްޤީކޮށް، ސަގާފަތް ދިރުވައި އާލާކުރުމަށާއި ފަތުރުވެރިކަމުގެ ފައިދާ މުޖުތަމަޢުގެ ހުރިހާ ފަރުދުންނަށް ލިބޭނެގޮތް ހެދުމަކީ ރާއްޖޭގެ ސިޔާސަތުތަކާ އެއްގޮތް ކަންތައްތަކެއްކަމަށެވެ.
ބައިނަލްއަގުވާމީ ތަފާސްހިސާބުތަކަށް ރިޢާޔަތްކުރައްވަމުން، މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި މިދިޔަ އަހަރު ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާ 1.6 ޓްރިލިއަން އެމެރިކާ ޑޮލަރަށް އަރާފައިވާއިރު، މިއަހަރު ފަތުރުވެރިންގެ އަދަދު 3-5 އިންސައްތައިން އިތުރުވާނެކަމަށް ލަފާކުރެވެއެވެ. މި ކުރިއެރުން ރާއްޖެއިންވެސް ފެންނަމުންދާކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ރާއްޖޭން ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ، ރާއްޖެއަކީ ދެމެހެއްޓެނިވި އަދި އެންމެން ޝާމިލުވާ ފަތުރުވެރި މަންޒިލެއްގެ ގޮތުގައި ދެމިއޮތުމަށް ކުރިއަށް އޮތްތަނުގައިވެސް ސަރުކާރުން އުމްރާނީ ގޮތުންނާއި އީޖާދީ އަދި މާކެޓިން ދާއިރާއިން އިންވެސްޓް ކުރާނެ ކަމަށްށެވެ.