ހަންކެޑަގެ ބަދަލުގައި ހަލާލް ޓޫރިޒަމަށް ތަރައްގީކުރާނީ އައްޑޫ ދޮންހެރަ
2 އޮކްޓޯބަރު 2025 - 10:51

އައްޑޫ ސިޓީ ހަންކެޑަގެ ބަދަލުގައި ހަލާލް ޓޫރިޒަމަށް ދެން ތަރައްގީ ކުރެވިގެންދާނީ އެ އަތޮޅުގެ ދޮންހެރަ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ތޯރިގް އިބްރާހީމް ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީގައި އިންޓަގްރޭޓެޑް ޓޫރިސްޓު ރިސޯޓެއް ތަރައްގީކުރަން 2021 ވަނަ އަހަރު މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ)އާ ހަވާލުކުރަން ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ނެރުއްވި ޤަރާރު އުވާލައްވައި ހަންކެޑެ މިހާރުވަނީ ސަރުކާރަށް ނަގާފައެވެ.

Ad by Hajj Corporation
އެއާއެކު އައްޑޫސިޓީގެ ހަންކެޑެގައި ފަތުރުވެރިކަމުގެ އާ މަޝްރޫއެއް ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ނިންމަވައިފައެވެ.
މި ނިންމެވުމާއެކު، އައްޑޫސިޓީގެ ހަންކެޑެ ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްޤީކުރުމުގެ މަސައްކަތް އަވަސްކުރުމުގެ މަޤުސަދުގައި، ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ހިންގާ ސަރަޙައްދެއްގެ ގޮތުގައި ކަނޑައަޅައި، އައްޑޫސިޓީގެ ހަންކެޑެ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނަށް ކުއްޔަށް ދިނުމަށް 2 ޑިސެންބަރު 2021 ގައި އެކަށައެޅުއްވި އޭރުގެ ރައީސް ސާލިހުގެ ޤަރާރު ވަނީ އުވައިލައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމާއެކު ފަތުރުވެރިކަމުގެ އާ މަޝްރޫއެއް ހިންގުމަށް އެ ރަށް ވުޒާރާއާ ވަނީ ހަވާލުކުރައްވައިފައެވެ.
ވަޒީރު ވިދާޅުވީ އައްޑޫ ސިޓީގެ ހަންކެޑައަކީ ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ހިންގާ ސަރަޙައްދެއްގެ ގޮތުގައި ކަނޑައެޅި ޤަރާރު އުވާލުމުގެ އިތުރުން މިރަށް "ހަލާލް ޓޫރިޒަމް" ތަރައްޤީކުރުމަށް ހުޅުވާލެވުނު ރަށްތަކުގެ ލިސްޓުން އުނިކޮށްފައިވާތީ އައްޑޫ ސިޓީގެ ހަންކެޑަ އިންޓަގްރޭޓެޑް ޓޫރިޒަމް މަޝްރޫއެއްގެ ގޮތުގައި ތަރައްޤީކުރުމަށް ބަލަންޖެހޭ އެންމެހައި ކަންކަން ބަލައި، ބީލަމުގެ އުސޫލުން ފަތުރުވެރިކަން ތަރައްޤީކުރުމަށް ހުޅުވާލުމުގެ އެންމެހައި މަސައްކަތްތައް ވުޒާރާއިން ދަނީ ކުރަމުންކަމަށެވެ.
އަދި އަމާޒަކީ އައްޑޫ ސިޓީގެ ހަންކެޑަ ތަރައްގީކުރުމުގެ އަމަލީ މަސައްކަތް މިއަހަރު ތެރޭގައި ފަށައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މިދައުރުގެ ތެރޭގައި އެ ރަށް އޮޕަރޭޝަނަށް ގެނައުންކަމަށް ވަޒީރު ވިދާޅުވިއެވެ.
އަދި ހަމައެއާއެކު، އައްޑޫ ސިޓީގެ ހަންކެޑަގެ ބަދަލުގައި އެ އަތޮޅުގެ ދޮންހެރަ"ހަލާލް ޓޫރިޒަމް" ތަރައްޤީކުރުމަށްވުޒާރާގެ ފަރާތުން ބީލަމަށް ހުޅުވާލެވިގެން ދާނެކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ދޮންހެރަ އަކީ ފަތުރުވެރިކަމުގެ ބޭނުންތަކަށް މީދޫ ފަޅުތެރެއިން އަލަށް ހިއްކި ރަށެވެ.