ކޭޝިއަރަށް ހަމަލާދީ އޯސީސީން ފޭރުމުގެ ތުހުމަތުގައި ހައްޔަރުކުރީ ބަންގްލަދޭޝްގެ ޖަހަންގީރު މިއާ
27 ސެޕްޓެމްބަރު 2025 - 16:50

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހިންގަމުން އަންނަ އޯސީސީގެ އައުޓްލެޓަކުން ފޭރުނު މައްސަލައިގައި ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު "މެންދުރު ޓީވީ" އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، އެ ފިހާރައިގެ ކޭޝިއަރަށް ތޫނު އެއްޗަކުން ހަމަލާދީ ފޭރުނު މައްސަލައެއް މިއަދު މެންދުރު 12:45 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

Ad by Hajj Corporation
މި މައްސަލައިގައި އަނިޔާވެފައި ވަނީ އޯސީސީ ފިހާރައިގައި މަސައްކަތްކުރާ ނޭޕާލަށް ނިސްބަތްވާ އުމުރުން 21 އަހަރުގެ އަންހެނަކަށެވެ.
ހަމަލާގައި ލިބުނު އަނިޔާތަކަށް އެ ކޭޝިއަރަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދީފައިވާއިރު، ތޫނު އެއްޗަކުން ހަމަލާދީފައި ވަނީ އެ އަންހެން މީހާގެ ކަރަށް ކަމަށްވެއެވެ. އޭނާގެ ހާލު މިހާރު ސްޓޭބަލްކަމަށް މައުލޫމާތު ލިބެއެވެ.
މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ މައުލޫމާތު އާންމުކޮށް ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ، މިއަދު ހަވީރުގެ ވަގުތެއްގައި ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 25 އަހަރުގެ ޖަހަންގީރު މިއާ ހައްޔަރުކޮށްފައިވާ ކަމަށެވެ.
ޖަހަންގީރު ހައްޔަރުކޮށްފައި ވަނީ، ސީސީޓީވީ ފުޓޭޖް ބަލައިގެންނާއި ތަހުގީގުގެ ތެރެއިން ކުރެވުނު މަސައްކަތުން އޭނާ ދެނެގަނެވި، ލޮކޭޓްކޮށްގެންކަމަށް ވެސް އޮފިސަރު ވިދާޅުވިއެވެ.
ޖަހަންގީރު ހައްޔަރުކޮށްފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހިންނެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.


