މުވައްޒަފުންތަކެއްގެ މުސާރަ އޮޅިގެން ހަވާލުކުރެވުނީ އެހެން މީހަކާ، ހޯދައި ވެރިފަރާތާއި ހަވާލުކޮށްފި
25 ފެބްރުއަރީ 2026 - 06:24

އޮޅިގެން އެހެން މީހަކާ ހަވާލުކުރެވުނު 94,000 ދިވެހި ރުފިޔާ ފުލުހުން ކުރި މަސައްކަތުން ހޯދައި، އޭގެ ވެރިފަރާތާ ހަވާލުކޮށްފިއެވެ.
މި ފައިސާއަކީ ދ. އަތޮޅުގައި ތަރައްގީކުރަމުންދާ ރިސޯޓެއްގެ މުވައްޒަފުންގެ މުސާރަ ދިނުމަށް ފޮނުވި ފައިސާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

Ad by Hajj Corporation
މި ހާދިސާ ހިނގާފައިވަނީ މި ފެބުރުވަރީ މަހުގެ 10 ވަނަ ދުވަހުއެވެ. ޓީޖެޓީގައި އޮތް ބޯޓެއްގެ ކެޕްޓަނާ ހަވާލުކުރި 94,000 ރުފިޔާ ހުރި ސިޓީ އުރައެއް ލިބެންޖެހޭ ފަރާތަށް ނުލިބި ގެއްލިފައިވާ މައްސަލަ މާފަންނު ޕޮލިހަށް ހުށަހަޅާފައިވަނީ މި މަހުގެ 12 ވަނަ ދުވަހުއެވެ. ފުލުހުންގެ ތަހުގީގުން އެނގުނު ގޮތުގައި، މި ފައިސާ ހަވާލުކުރެވިފައިވަނީ ފައިސާ ގެންދަންޖެހޭ ބޯޓުގެ ކެޕްޓަންގެ ބަދަލުގައި އެހެން ބޯޓެއްގެ ކެޕްޓަނަކާއެވެ.
މި މައްސަލަ ހުށަހެޅުމާއެކު ފުލުހުން ވަނީ ސީސީޓީވީ ފުޓޭޖުތައް ބަލައި ދިރާސާކޮށްފައެވެ. ނަމަވެސް ފުޓޭޖުން ބޯޓު ދެނެގަނެވިފައި ނުވާތީ، ފުލުހުން ވަނީ ބޯޓު އޮތް ސަރަހައްދަށް ގޮސް އެކި މީހުންނާ ސުވާލުކޮށް މައުލޫމާތު އެއްކޮށްފައެވެ. މި މަސައްކަތުން ބޯޓު ދެނެގަނެވި، ކެޕްޓަނާ ގުޅުނުއިރު ބޯޓު އޮތީ ވ. އަތޮޅުގައެވެ. ކެޕްޓަން މައުލޫމާތު ދިން ގޮތުގައި މީހަކު ގެނެސްދިން ސިޓީ އުރައެއް ބޯޓުގެ ލޮކަރުގައި އޮތެވެ.
އެ ފައިސާ ހުރި ސިޓީ އުރަ ފެބުރުވަރީ 23 ވަނަ ދުވަހުގެ ރޭ ކެޕްޓަން ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ. ފުލުހުން މިހާރު ވަނީ އެ ފައިސާ އޭގެ ވެރިފަރާތާ ހަވާލުކޮށްފައެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ވަނީ ނަގުދު ފައިސާ ގެންގުޅުމުގައާއި މީހުންނާ ހަވާލުކުރުމުގައި މިހާރަށްވުރެ ބޮޑަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. "ފައިސާ ހަވާލުކުރާއިރު، ހަވާލުކުރާ ފަރާތަކީ ކާކުކަން ޔަގީންކުރުމާއި، ބޯޓުގެ ނަމާއި ގުޅޭނެ މައުލޫމާތު ކަށަވަރުކުރުމުގެ އިތުރުން، ފައިސާ ހަވާލުކުރިކަމުގެ ލިޔުމެއް ނުވަތަ ޑިޖިޓަލް ކަށަވަރުކުރުމެއް ހޯދުމަކީ މިފަދަ ކަންކަން މަދުކުރުމަށް ކުރެވިދާނެ ކަމެއް،" ފުލުހުން ވިދާޅުވިއެވެ.
މާލީ ބޮޑެތި ގެއްލުންތަކުން ސަލާމަތްވުމަށްޓަކައި، ފައިސާ ހަވާލުކުރާއިރު އެކަށީގެންވާ މައުލޫމާތު އެއްކުރުމަކީ މުހިންމު ފިޔަވަޅެއް ކަމަށްވެސް ފުލުހުން ފާހަގަކުރެއްވިއެވެ.


