ފެނަކަ ސައީދު ބުނަނީ އޮޑިޓް ރިޕޯޓު ގޯސްކަމަށް، އެކަމަކު ފެންނަނީ އަނދަވަޅެއްގައި އޮތް ކުންފުންޏެއް
28 ސެޕްޓެމްބަރު 2025 - 05:37

މާލީ ގޮތުން އެތައް ގޮންޖެހުމެއް ކުރިމަތިވެ، އަރައިގަންނަން އުނދަގޫ ހާލަތެއްގައި އޮތް ފެނަކަ ކުންފުނީ އޮޑިޓް ރިޕޯޓު ގޯސްކަމަށް، އެމްޑީޕީ ވެރިކަމުގައި އެ ކުންފުނި ހިންގުމާ ހަވާލުވެހުރި އަޙްމަދު ސައީދު ބުނެފިއެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ ރިޕޯޓުން އެނގޭ ގޮތުގައި، ފެނަކައިގެ ކުރީގެ ވެރިން ވަނީ، ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރިވެފައެވެ. ކޮރަޕްޝަނާއި ނުހައްގުން ބާރާއި ނުފޫޒު ފޯރުވައިގެން ކޮށްފައިވާ އެތައް ކަމެއް އެ ރިޕޯޓުގައި ހާމަކޮށްފައިވެއެވެ.

Ad by Hajj Corporation
ފެނަކައާ ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލްގެ އޮފީހުން ތައްޔާރުކުރި ޚާއްސަ އޮޑިޓް ރިޕޯޓުގައި ވަނީ 2021 އިން 2023 އަށް ހިނގާފައިވާ 2.2 ބިލިއަން ރުފިޔާގެ މައްސަލަ ފެންމަތިކޮށްފައެވެ. އޭރު އުސޫލުން ބޭރުން ގިނަ ކަންތައްތަކެއްކޮށް، އެކިއެކި ސިޔާސީ ފަރާތްތަކަށް ނާޖާއިޒު މަންފާ ހޯދައިދިން ކަމަށް ތުހުމަތުކުރެވޭ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ކުރެވޭ ތުހުމަތުތަކާ ގުޅިގެން ސައީދު ނެރުނު ބަޔާނެއްގައި ބުނީ، މަގާމާ ހަވާލުވި ދުވަހުން ފެށިގެން މަގާމުން ވަކިވަންދެން ފެނަކައިގެ ބޭނުމަށް ހިންގި އެންމެހާ ޕްރޮކިއުމަންޓް މުއާމަލާތްތައް ހިންގާފައިވާނީ ކުންފުނީގެ އެންމެހާ ގަވާއިދުތަކާއި އުސޫލުގެ ތެރެއިން ބޯޑުން އެކުލަވާލާފައިވާ އިދާރީ އޮނިގަނޑުގެ ވެސް ތެރެއިން ކަމަށެވެ. އުސޫލުން ބޭރުން އެއްވެސް ބަޔަކަށް މުދަލެއް، ޚިދުމަތެއް، ކޮންޓްރެކްޓެއް ދީފައި ނުވާނެކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
މަގާމުގައި ހުރި މުއްދަތުގެ ތެރޭގައި އަމިއްލަ ބޭނުމަށް ދައުލަތުގެ އެއްވެސް ފައިސާއެއް ބޭނުންކޮށްފައިނުވާނެ ކަމަށާއި، ނުހައްގު އެއްވެސް މަންފާއެއް ހޯދާފައިނުވާނެކަމުގެ ޔަގީންކަންދޭކަމަށް ބަޔާޏުގައި ބުނެފައިވެއެވެ.
މަގާމުގައި ދެމިހުރި ފަސް އަހަރު، ފެނަކައިން ކޮށްފައިވާ އެންމެހާ މުއާމަލާތްތައް، އިންސާފުވެރިކަމާއެކު، ދެފުށް ފެންނަ ގޮތެއްގެ މަތިން، ސިޔާސީ ކުލަެއް ނުޖެހި ބެލުމަށް ސައީދު ވަނީ މިނިވަން މުއައްސަސާތަކަށް ގޮވާލާފައެވެ. އެ ކަމަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދޭނެކަމަށް ވެސް އޭނާ ބުނެފައިވެއެވެ.
ސައީދު ވަނީ އޮޑިޓް ރިޕޯޓު ނެރުނީ ވަކި މަގުސަދެއް ހާސިލުކުރަން، ހަގީގަތް އޮޅޭގޮތަށް ކަމަށް ތުހުމަތުކޮށްފައެވެ.
މި ތުހުމަތުތަކުން ބަރީއަވެ، ފަސްބައި ކިލަނބު ނޫންކަމަށް ބުނެ ސައީދު ބަޔާނެއް ނެރެފައިވާއިރު، އެމްޑީޕީގެ ވެރިކަން ނިމިގެންދިޔައިރު ފެނަކަ ކުންފުނި އޮތް ހާލަތަށް ބެލުމުން، އޮޑިިޓް ރިޕޯޓުގައިވާ ކަންކަމަކީ ހަގީގަތްކަމަށް ބެލުމުގެ ވަރަށް ބޮޑު ފުރުސަތެއް އެބައޮތެވެ. އަދި އެ ވެރިކަމުގައި ފެނަކައިން ހިންގާފައިވާ މަޝްރޫޢުތައް ކުރިއަށް ގޮސްފައިވާ ގޮތަށް ބަލާއިރުވެސް، އެ ރިޕޯޓަށް އިތުބާރު ކުރެވެއެވެ.
އޮޑިޓް ރިޕޯޓުން ފާހަގަވާ ކަންކަން:
* އެމްޑީޕީ ސަރުކާރުގައި ފެނަކައިން 674 އެއްބަސްވުން އެކި ފަރާތްތަކާ މަޝްރޫޢުތައް ހަވާލުކުރުމަށް ކުރިއިރު އޭގެ ތެރޭގައި ގިނައީ ބިޑަކަށް ނުލާ ހަވާލުކުރި މަޝްރޫޢުތައް
* ހަމައެކަނި ކަރަންޓު ކޭބަލް ގަތުމަށްވެސް 790 މިލިއަން ރުފިޔާގެ ވައްކަން.
* ޖަނަރޭޓަރު ސެޓު ގަތުމުގެ ނަމުގައި 552 މިލިއަން ރުފިޔާގެ ވައްކަން.
* ޓްރާންސްފޯމަރު ގަތުމުގެ ނަމުގައި 396 މިލިއަން ރުފިޔާގެ ވައްކަން.
* ފެނާއި ނަރުދަމާ މަޝްރޫޢު ހިންގުމުގެ ނަމުގައި 496 މިލިއަން ރުފިޔާގެ ވައްކަން.
ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ އޮޑިޓަރ ޖެނެރަލް ރިޕޯޓްގައިވާ މައުލޫމާތުތަކަށް ބަލާއިރު، ފެނަކައިގެ ތެރެއިން ނިމިދިޔަ ސަރުކާރުގައި ހިންގާފައިވާ 2.2 ބިލިޔަން ރުފިޔާގެ ޚިޔާނާތަކީ 1990 ގައި ފަޅާއެރި އެފްޕީއައިޑީއާއި 2015 ގައި ފަޅާއެރި އެމްއެމްޕީއާރުސީގެ ހިޔާނާތަށްވުރެ ބޮޑު ހިޔާނާތެއްކަން ހާމަވެފައިވާކަމަށާއި އަދި ފެނަކައިގެ ހިޔާނާތް 2.2 ބިލިޔަނަށް އެރުމުން ޔަގީން ވަނީ، އެމްޑީޕީ ވެރިކަމުގައި 2018 އިން 2023 އަށް ހިންގި ވައްކަމާ ޚިޔާނާތް، މި ވޭތުވި 100 އަހަރު ފަޅާއެރި އެހެން ޚިޔާނާތްތަކާ ނުބައްދަލު ވަރަށް ބޮޑުވާނެކަންކަމަށެވެ.
މީގެ އިތުރުން ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު، އަހުމަދު ސައީދުގެ އާއިލީ ކުންފުނިތަކާއެކު، ކުރީގެ ސަރުކާރުން 92 އެއްބަސްވުމެއް ހަދާ 31 މިލިއަން ރުފިޔާ ދޫކޮށްފައިވާކަންވެސް ވަނީ އޮޑިޓް ރިޕޯޓުން ފަޅާ އަރާފައެވެ.
ކުރީ ސަރުކާރުތަކުން ކޮށްފައިވާ ވައްކަމާއި ހިޔާނާތް ބަލައި މި ސަރުކާރުން ފިޔަވަޅު އަޅާނެކަމަށާއި އަދި މިހިޔާނާތްތަކުގެ ސަަބަބުން ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ހޯދާނެކަމަށް ސަރުކާރުން ބުނެއެވެ.