ލެގަސީ ޑާބީއެއް: ވާދަވެރި ނިއުރޭޑިއަންޓާއި ވެލެންސިއާގެ ކުރިމަތިލުމެއް މިއަދު
1 އޮކްޓޯބަރު 2025 - 06:32

ދިވެހި ފުޓުބޯޅައިގެ އިހު ޒަމާނުގައި އެންމެ ފޯރިގަދަ އެއް ކުރިމަތިލުމެއްގެ ގޮތުގައި ފެނިގެންދާ އެއް މެޗަކީ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ކްލަބް ވެލެންސީއާގެ ކުރިމަތިލުމެވެ.
އޭރުގެ ފުޓުބޯޅަ ފޯރީގައި އޮންނަނީ ހަމައެކަނި ކުލަބު ލޯތްބެއް ނޫނެވެ. އަވަށު ލޯބީގައި އަވަށަށް ކާމިޔާބީއަށް އެދި ކުރާ ސަޕޯޓާއި ނެރޭ ފޯރިއަކީ ވެސް މި މެޗުތަކުގެ ހައިބަތު ބޮޑުވެ، ވާދަވެރިކަން ބޮޑުވާ ސަބަބެކެވެ.

Ad by Hajj Corporation
ހެންވޭރުގެ ނުލާއި ހުދުން ޖަރީވެފައިވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި، މާފަންނުގެ ރީނދުލާއި ނުލުގެ ކުލަތަކުން ޖަރީވެފައިވާ ވެލެންސިއާގެ ވާދަވެރި ކުރިމަތިލުމެއް މިއަދު ހަވީރު ގަލޮޅު ދަނޑުން ފެނިގެންދާނެއެވެ.
ސަސްޕެންޝަނާއެކު ގާތްގަނޑަކަށް ހަތް އަހަރު ދުވަހު ފުރަތަމަ ޑިވިޝަނުގައި ނިއުރޭޑިއަންޓު ނެތް ދުވަސްތައް ފާއިތުވެ، މި ސީޒަނުގައި އަލުން ނިއު ފުރަތަމަ ޑިވިޝަނުގައި ވާދަކުރާއިރު، މިއީ އެ މުއްދަތުގެ ތެރޭގައި މި ދެ ޓީމު ވެސް ބައްދަލުކުރާނެ ފުރަތަމަ ފަހަރެވެ. ލެގަސީ ޑާބީއެކޭ މި ބުނަނީ އެހެންވެއެވެ.
މި ދެ ޓީމުގެ ތާރީޚާއި ކާމިޔާބީތަކުގެ ސަބަބުންނެވެ. އަވަށާއި ކުލަބު ވާދައިގެ ދުވަސްތައް މާޒީވެ ދިޔަ ނަމަވެސް، އަދިވެސް އޭރުގެ ފުޓުބޯޅަ "ފޭނުން" ނަށް މި މެޗު ވެގެންދާނީ މާޒީގެ ހަނދާންތައް ތާޒާކޮށްލަދޭނެ، އެ އިހުސާސްތައް ހިތުގައި ދިރުވާދޭނެ މެޗަކަށެވެ.
ލިބެންހުރި މައުލޫމާތުތަކަށް ބަލާއިރު މިއީ ދިވެހި ފުޓުބޯޅައިގެ ޓޮޕް ޑިވިޝަނުގައި 2018 ވަނަ އަހަރަށްފަހު މި ދެ ޓީމުގެ ކުރިމަތިލުމެއް ފެނިގެންދާނެ ފުރަތަމަ ފަހަރެވެ.
މި މެޗު ކުޅޭނީ މިއަދު ހަވީރު 16:00 ގައި ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައެވެ.
ފާހަގަކޮށްލަން ޖެހޭ ގޮތުގައި، ނިއުގެ ސްކޮޑުގައި މިހާރު ހިމެނޭ، ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) އަކީ ކްލަބް ވެލެންސިއާއިން ކެރިއަރު ފެށި ކުޅުންތެރިއެކެވެ. ތިން ފަހަރެއްގެ މަތިން ނިއު އަށް ކުޅެ، ދަގަނޑޭ ވަނީ، ކްލަބާ އެކު، ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފަ އެވެ. އެހެންނަމަވެސް މިއަދުގެ މެޗުގައި ދަގަނޑޭ ފެނުމުގެ ފުރުސަތު ކުޑައެވެ.
ކުރިއަށް އޮތް އިންޓަނޭޝަނަލް ބްރޭކަށް ފަހު، އަލުން، ދިވެހި ޕްރިމިއާ ލީގު ފަށާއިރު، ނިއުގެ މެޗުތަކުން ދަގަނޑޭ ފެންނާނެ ކަމަށް ނިއުގެ ކޯޗު، އަލީ ސުޒޭން ވަނީ ބުނެފައެވެ.