ދައުލަތުގެ މުއައްސަސާތަކާއި ކުންފުނިތަކުގެ ކޮރަޕްޝަން ހުއްޓުވޭނީ އިންޓަރނަލް އޮޑިޓް ހަރުދަނާކޮށްގެން: ނައިބު ރައީސް
1 އޮކްޓޯބަރު 2025 - 06:38

ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ އަރަނިވެރި ކޮރަޕްޝަނާ ދެކޮޅު ރައްޔިތުންގެ އިތުބާރު ލިބި، ރައްޔިތުންނަށް މަންފާ ލިބޭ ތަންތަން ކަމުގައި ހެދޭނީ އިންޓަރނަލް އޮޑިޓް ހަރުދަނާ ކުރެވިގެންކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސެއިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ ދައުލަތުގެ އިންޓަރނަލް އޮޑިޓް ކޮންފަރެންސް 2025 ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ނައިބު ރައީސް ވިދާޅުވީ، ގައުމުގެ ހިންގުން ހަރުދަނާކޮށް ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މަސައްކަތް ހަރުދަނާކޮށް ރައްޔިތުންނަށް މަންފާއާއި ފައިދާ ލިއްބައިދޭނެ ނިޒާމެއް މި ގައުމުގައިވެސް ގާއިމްކޮށްފައިވާކަމަށެވެ.

Ad by Hajj Corporation
ނައިބު ރައީސް ވިދާޅުވީ އިދާރީ ހިންގުން ހަރުދަނާކޮށް ދައުލަތުގެ އިދާރާތަކަށް އާންމުން ކުރާ އިތުބާރު ދެމެހެއްޓުމުގެ ބޮޑު ދައުރެއް އިންޓަރނަލް އޮޑިޓަރުން އަދާ ކުރާކަމަށެވެ. އެގޮތުން ނައިބު ރައީސް ވިދާޅުވީ އިންޓަރނަލް އޮޑިޓަރުން މަސައްކަތް ކުރުމުގައި ތަފާތު ގޮންޖެހުންތައް ހުރިކަން މި ސަރުކާރުން ގަބޫލުކޮށް ބަލައިގަންނަ ކަމެއެވެ. އަދި މިއަދުގެ ސަރުކާރުން މި ކަންކަމަށް ހާއްސަ އިސްކަމެއް ދީގެން އެކަންކަން ހައްލު ކުރުމަށްދަނީ މަސައްކަތް ކުރަމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އިންޓަރނަލް އޮޑިޓަރުން އެބޭފުޅުންގެ މަސައްކަތްކުރުމުގައި ތަފާތު ގޮންޖެހުންތައް ހުރިކަން މިސަރުކާރުން ގަބޫލްކޮށް ބަލައިގަންނަކަން އަދު މިއަދުގެ ސަރުކާރުން މިކަންކަމަށް ޚާއްސަ އިސްކަމެއް ދީގެން އެކަން ހައްލުކުރުމަށް މިދަނީ މަސައްކަތްކުރަމުން. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސއެިން މުޙައްމަދު ލަތީފް
މިހާރު ވަނީ އިންޓަރނަލް އޮޑިޓަރުންނަށް ހާއްސަ އޮނިގަނޑެއް އެކުލަވާލައިފަކަން ފާހަގަ ކުރައްވާ ނައިބު ރައީސް ވިދާޅުވީ ކައިރި މުސްތަގުބަލެއްގައި ދައުލަތުގެ އޮފީސްތަކުގައި އިންޓަރނަލް އޮޑިޓަރުންގެ މުސާރައަށް ހެޔޮ ބަދަލު އަންނާނެ ކަމުގެ އުފާވެރި ޚަބަރު ވެސް ދެއްވާފައެވެ.
މިއަހަރުގެ އިންޓަރނަލް އޮޑިޓް ކޮންފަރެންސްގެ ޝިއާރަކީ "ބަދަލުވަމުންދާ ވެއްޓެއްގައި ޖަވާބުދާރީ ކުރުވުމުގައި އިންޓަރނަލް އޮޑިޓްގެ ދައުރާއި، އާންމު މަސްލަހަތު ކުރިއެރުވުން" މިޝިއާރުންވެސް ފާހަގަވެގެންދަނީ ދުނިޔެ ބަދަލުވަމުން ތަހްޒީބުވަމުންދާ ދިއުމުގައި ތަފާތު އީޖާދުތަކާއެކު ކުރިއަށް ދެނެނުގަނެވޭނެ ހިރާސްތަކާއި ގޮންޖެހުންތަކާއި އޮޑިޓްކުރުމުގައިވެސް ކުރިމަތިލާންޖެހޭނެ ކަންކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.


