އިންސާނީ ވަޞީލަތްތައް ތަރައްޤީ ކުރުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރޭ: ނައިބު ރައީސް
11 އޮކްޓޯބަރު 2025 - 10:56

ތަޢުލީމީ ދާއިރާ ހަރުދަނާ ކުރެއްވުމަށާއި، އިންސާނީ ވަޞީލަތްތައް ތަރައްޤީ ކުރެއްވުމަށް ދިވެހި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ހުސެއިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގައި މިއަދު ހެނދުނު ކުރިއަށްދިޔަ، "ސެމިނަރ އޮން އިސްލާމިކް ލީޑަރޝިޕް އެންޑް އިންޓަރގްރޭޝަން އޮފް ނޮލެޖް" އިފްތިތާޙުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ވާހަކަފުޅުދައްކަވަމުންނެވެ.

Ad by Hajj Corporation
މި ރަސްމިއްޔާތުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ތަޢުލީމީ ދާއިރާ ހަރުދަނާ ކުރެއްވުމަށާއި، އިންސާނީ ވަޞީލަތްތައް ތަރައްޤީ ކުރެއްވުމަށް ދިވެހި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި، ޢިލްމާއި ރިވެތި އަޚްލާޤުގެ މައްޗަށް ބިނާވެފައިވާ މުޖްތަމަޢެއް ބިނާކުރުމަކީ، ޤައުމު ކުރިއެރުވުމަށްޓަކައި ވަރަށް މުހިންމު ކަމެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ނައިބު ރައީސް ވިދާޅުވީ ޢިލްމު ފޯރުކޮށްދިނުމަކީ ހަމައެކަނި މަޢުލޫމާތު ބަދަލުކުރުން ނޫން ކަމަށާ، އެއީ އެކަމުގެ ތެރެއިން ޙިކުމަތްތެރިކަމާއި ޒިންމާދާރުކަން އަށަގަންނުވާ ކަމަކަށްވެސް ވާންޖެހޭކަމަށެވެ.
މި ސެމިނަރއަކީ، ޚުލްޤު ހެޔޮ، ޤާބިލު ލީޑަރުން ބިނާކުރުމުގެ ޤައުމީ ތަޞައްވުރާއި ވަރަށް ބޮޑަށް ގުޅިފައިވާ، އަދި އީމާންކަމާއި، ޢިލްމާއި، އަޚްލާޤު ޝާމިލުވަނިވި ތަޢުލީމަށް ހިތްވަރު ދޭ ސެމިނަރއެއްކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅު ނިންމަވާލައްވަމުން، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައި.ޔޫ.އެމް)، އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާ (އައި.އައި.ޔޫ.އެމް) އާއި، އިންޓަރނޭޝަނަލް އިންސްޓިޓިއުޓް އޮފް އިސްލާމިކް ތޯޓް (އައި.އައި.އައި.ޓީ) ގުޅިގެން މިފަދަ ސެމިނަރއެއް ކުރިއަށް ގެންދެވުމަކީ، އިސްލާމީ ޤައުމުތަކުގެ އެއްބައިވަންތަކަމާއި، އެއް އަމާޒަކަށް މިޞްރާބު ހިފާފައިވާކަމުގެ ރަމްޒެއް ކަމުގައި ވިދާޅުވިއެވެ. ހަމަމިއާއެކު، އިސްލާމީ އަދި އިންސާނީ އުޞޫލުތައް ކުރިއަރުވައި، ޖަމާޢަތްތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރާ މިފަދަ މަސައްކަތްތަކަކީ ރާއްޖެއިން ބަލައިގަންނަ ކަމެއްކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.
އިސްލާމީ ލީޑަރޝިޕްގެ މައުލޫމާތު އިތުރުކުރުމާއި، ޢިލްމާއި ޒުވާނުންގެ ލީޑަރޝިޕް އިތުރަށް ހަރުދަނާކުރުމުގެ މަޤްޞަދުގައި ބާއްވާ މި ސެމިނަރގައި ދިވެހިރާއްޖެއާއި ދެކުނު އިރުމަތީ އޭޝިއާގެ ޤައުމުތަކުގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވައެވެ.


