ބަލިމީހުންނަށް ހިދުމަތް ދިނުމުގައި ރައްކާތެރިކަން ކަށަވަރުކުރުމަށް އިސްކަންދޭންޖެހޭ: ހަލީމް
1 އޮކްޓޯބަރު 2025 - 11:27
ބަލިމީހުންނަށް ހިދުމަތް ދިނުމުގައި އެފަރާތްތަކުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް އަބަދުވެސް އިސްކަންދޭންޖެހޭކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވެއްޖެއެވެ.
ސީއީއޯ ހަލީމް މިހެން ވިދާޅުވީ، ދުނިޔޭގެ ބަލިމީހުންގެ ސަލާމަތްތެރިކަމުގެ ދުވަހާ ގުޅުވައިގެން ބޭއްވި ހާއްސަ ހަރަކާތުގައި ވާހަކަދައްކަވަމުންނެވެ.
މިހަރަކާތުގައި ވާހަކަދައްކަވަމުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ޙަލީމް ވިދާޅުވީ، ބަލިމީހުންނަށް ހިދުމަތް ދިނުމުގައި އެފަރާތްތަކުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަކީ އަބަދުވެސް އެންމެ އިސްކަންދޭންޖެހޭ އަސާސީ ކަމެއްކަމަށެވެ.
އެގޮތުން ކޮންމެ ނިންމުމެއްގައި، ކޮންމެ އަމަލެއްގައި އަދި ބަލިމީހުންނާއި އާއިލާތަކާ ކުރެވޭ ކޮންމެ ގުޅުމެއްގައިވެސް ސަލާމަތްތެރިކަމަކީ އަބަދުވެސް މަލެ ގްރޫޕްސް އޮފް ހޮސްޕިޓަލސް އިން އެންމެ އިސްކަންދޭ ކަމެއް ކަމުގައި ވާންޖެހޭ ކަމަށް ހަލީލް ވިދާޅުވިއެވެ. އެހެން ކަމުން ސަލާމަތްތެރިކަމަކީ ކޮންމެ މީހެއްގެވެސް މަސްއޫލިއްޔަތެއްކަން ހަނދާންކުރުން ވަރަށް މުހިންމު ކަމަށް ވެސް ހަލީލް ވިދާޅުވިއެވެ.
" ކޮންމެ ދުވަހަކުވެސް ކުރެވޭ، ޕްރޮޓޮކޯލްތަކަށް ޢަމަލުކުރުން، ކުރާ މަސައްކަތް ދެފަހަރު ޗެކްކުރުން، ސާފުކޮށް މުޢާމަލާތްކުރުން އަދި އެކަކު އަނެކަކަށް އެހީތެރިވުން ފަދަ ކުދިކުދި ކަންތައްތަކަކީ ހަމަޖެހުމާއި ރަނގަޅުވުމުގެ ތަފާތު ދައްކުވައިދޭނެ ކަންތައްތަކެއް.": ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް

Ad by Hajj Corporation
ހަލީމް ވިދާޅުވީ، ބަލިމީހުންގެ ސަލާމަތްތެރިކަމަށް ވެފައިވާ ވައުދަށް އިހްތިރާމްކުރުމަށް ކޮންމެ މުވައްޒަފަކުވެސް އެފަރާތްތަކާ ހަވާލުވެފައިވާ މަސްއޫލިއްޔަތުތައް ރަނގަޅަށް އަދާކުރުމަކީ މުހިންމުކަމެއްކަމަށެވެ. އަދި ކޮންމެ ބަލިމީހަކަށްވެސް ރައްކާތެރި އަދި އިތުބާރު ކުރެވޭ ހިދުމަތެއް ލިބިގަތުމުގެ ހައްގު ލިބިގެންވާކަން ފާހަގަކުރައްވާ ސީއީއޯ ވިދާޅުވީ، ބަލިމީހުންނަށް ލިބިދޭންޖެހޭ ހިދުމަތަކީ ގެއްލުމާއި، ގޯސްތަކާއި، ކުރިމަތިވެދާނެ ނުރައްކާތަކުން ދުރުވެފައިވާ ހިދުމަތެއްކަން ކަށަވަރުކުރަންޖެހޭކަމަށެވެ.
ދުނިޔޭގެ ބަލިމީހުންގެ ސަލާމަތްތެރިކަމުގެ ދުވަހަކީ ހަމައެކަނި ކަލަންޑަރުގައި ފާހަގަކުރާ ދުވަހެއް ނޫން ކަމަށާއި، އެއީ ދުނިޔޭގެ ފެންވަރުގައި އަމަލުކުރުމަށް ގޮވާލާ ގޮވާލުމެއް ކަމުގައިވެސް ހަލީލް ވިދާޅުވިއެވެ.
އިތުރަށް ހަލީމް ވިދާޅުވީ، މަސައްކަތް ބުރަވުމާއި، ގޮންޖެހުން ބޮޑު ބަލިތައް ގިނަވުމުގެ އިތުރުން ވަސީލަތްތައް މަދުވުން ފަދަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނުނަމަވެސް، މިފަދަ ދަތިތަކަކީ ބަލިމީހުންގެ ސަލާމަތްތެރިކަމުގެ ސަގާފަތް އިތުރަށް ދަސްކޮށް، ތަރައްގީކޮށް، ވަރުގަދަކުރުމަށް ލިބޭ ރަނގަޅު ފުރުސަތުތަކެއްކަމަށެވެ.
އެހެން ކަމުން އެކަކު އަނެކަކަށް އެހީތެރިވެ، މައުލޫމާތު ބަދަލުކޮށް، ގުޅިގެން މަސައްކަތްކުރުމުގެ ސަބަބުން، ގެއްލުންތައް ކުޑަކުރެވި ދެމެހެއްޓެނިވި ގޮތެއްގައި ދެވޭ ހިދުމަތްތައް ހަރުދަނާކުރެވޭނެކަމަށްވެސް ހަލީމް ވިދާޅުވިއެވެ.


