ސެޕްޓެންބަރު މަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެ
1 އޮކްޓޯބަރު 2025 - 11:38

ފާއިތުވި ސެޕްޓެންބަރު މަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ފާއިތުވި އަހަރާ އަޅާބަލާއިރު 12.6 އިންސައްތަ އިތުރުވެފައިވާކަން ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން ފާއިތުވި ސެޕްޓެންބަރު މަހު އެއްވަނަ ދުވަހުން ފެށިގެން 30 ސެޕްޓެންބަރު ދުވަހާ ހަމައަށް 149،563 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިއެވެ. ނިމުނު 2024 ވަނަ އަހަރު ރާއްޖެއަށް އައީ 132،795 ފަތުރުވެރިންނެވެ. 2023 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ރާއްޖެއަށް އައީ 130،967 ފަތުރުވެރިންނެވެ. ސެޕްޓެންބަރު މަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ނިމުނު އަހަރަށްވުރެ 12.6 އިންސައްތަ އިތުރުވިއިރު، އެވެރެޖުކޮށް އެ މަހުގެ ކޮންމެ ދުވަހކު 4،985 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ

Ad by Hajj Corporation
ތަފާސްހިސާބުތަކުން ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށްވަނީ 1,630,946 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދާއި އަޅާ ބަލާއިރު، 9.6 އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1,487,520 ފަތުރުވެރިންނެވެ.
މީގެއިތުރުން މިހާތަނަށް ފަތުރުވެރިކަމުގެ ބާޒާރަށް ގެސްޓް ހައުސްތަކުން 170އަށްވުރެ ގިނަ އެނދު ނެރެފައިވާކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކައެވެ.. މިއާއެެކު މިއަހަރުގެ މިހާތަނަށް ފަތުރުވެރިކަމަށް ނެރެފައިވާ ޖުމްލަ އެނދުގެ އަދަދުވަނީ 64،700 އަށް އަރާފައެވެ.
ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން އެންމެ ފަހުން ނެރެފައިވާ ޑެއިލީ އަޕްޑޭޓު ރިޕޯޓުގައިވާގޮތުން މިއަހަރުގެ މިހާތަނަށް 925 ގެސްޓް ހައުސްއަކުން 15,798 އެނދު ވަނީ އޮޕަރޭޝަނަށް ގެނެސްފައެވެ. އަހަރު ފެށުނުއިރު 929 ގެސްޓް ހައުސްއަކުން އޮޕަރޭޝަނަށް ގެނެސްފައިވަނީ 15,621 އެނދެވެ. އެހެންކަމުން މިއީ 177 އެނދުގެ އިތުރުވުމެކެވެ.
މިދިޔަ އަހަރު ރާއްޖެއަށް 2 މިލިޔަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އަދި މިއަހަރު ނިމުމުގެ ކުރިން 2.3 މިލިޔަން ފަތުރުވެރިން ރާއްޖެ ގެނައުމަށް ސަރުކާރުންވަނީ އަމާޒު ހިފާފައެވެ. މި އަމާޒު ހާސިލްކުރުމަށް ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ތަރައްޤީކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.