ދޮގު ހަދައި، ހަމަޖެހުން ނަގާލަން ހިތްވަރުދޭ ކުރީގެ ރައީސުންގެ އިނާޔަތްތައް ކަނޑާލަންޖެހޭ: ވަޒީރު ސައީދު
4 އޮކްޓޯބަރު 2025 - 11:30

ދޮގުތައް ހަދައި، ގައުމުގެ ހަމަޖެހުން ނަގާލަން މަސައްކަތްކުރައްވާ ކުރީގެ ރައީސުންނަށް ދައުލަތުންދޭ އިނާޔަތްތައް ކަނޑާލަންޖެހޭކަމަށް އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އެކްސްގައި ކުރެއްވި ޕޯސްޓަކަށް ރައްދުދެއްވާ ވަޒީރުގެ ރަސްމީ އެކްސް އެކައުންޓުގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

Ad by Hajj Corporation
ރައީސް ޞާލިޙް ޕޯސްޓުގައި، ފުލުހުން ރޭގެ އެއްވުން ރޫޅާލަން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރެއްވި ކަމަށާއި، އެއްވުމުގެ ތެރެއިން އެމްޑީޕީގެ ހުޅުމާލޭ މެދު ދާއިރާގެ ނައިބު ރައީސް މުހައްމަދު ރަސްލާނަށް ހާޓް އެޓޭކެއް ޖެހުނީ މާ ކައިރިން ޕެޕާ ސްޕްރޭ ޖެހުމުގެ ސަބަބުންނާއި ބާރުގަދަ އަޑެއް ފޮނުވާލާ ޑިވައިސް ނުވަތަ ލޯންގް ރޭންޖް އެކޮއިސްޓިކް ޑިވައިސް (އެލްއާރްއޭޑީ) ބޭނުންކުރުމުގެ ސަބަބުން ކަމަށް ވިދާޅުވެފައިވެއެވެ.
މިކަމާ ގުޅިގެން މިނިސްޓަރ ސައީދު ކުރެއްވި ޕޯސްޓުގައި ވަނީ، ފުލުހުންގެ އަގު ވެއްޓޭގޮތަށް ކުރީގެ ރައީސުން މިފަދަ ގޮތަކަށް ވާހަކަފުޅު ނުދެއްކެވުން މުހިންމު ކަމަށާއި،އެފަދަ ދޮގުތަށް ތަކުރާރު ކުރައްވާ އަަދި ރާއްޖޭގެ ހަމަޖެހުން ނަގާލަން ހިތްވަރުދެއްވާ ކުރީގެ ރައީސުންގެ މުސާރަ އާއި،އޮފީސް ހިންގުމާއި،ހަށިފާރައިގެ އިނާޔަތްތަށް ކަނޑާލަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން، މާލެއަކީ ޓްރެފިކާއި ތޮއްޖެހުން ބޮޑު،އަދި އާންމުން އެއްވެ އުޅުމަށް ވަރަށްކުޑަ ޖާގައެއް ލިބިފައިވާ ތަނެއްކަން ފާހަގަކުރައްވާ ވަޒީރު އިތުރަށް ވިދާޅުވީ، އެމްޑީޕީ ސަރުކާރު ހިމެނޭހެން ކުރީގެ ސަރުކާރުތަކުން ވަނީ މާލޭގައި އެއްވެ އުޅެވޭ ވަކި ސަރަޙައްދުތަކެއް ކަނޑައަޅައި އަދި މުޒާހަރާތަކަށް ވެސް ވަކި އުސޫލުތަކެއް ކަނޑައަޅާފައި ކަމަށް ވިދާޅުވެފައެވެ. އަދި މިއީ އަލަށް ކަނޑައެޅުނު އުސޫލެއް ނޫންކަމަށާއި، އެމްޑީޕީގެ ވެރިކަމުގައި ވެސް ކަން އޮތީ ހަމަ މިހެންކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އޮކްޓޯބަރު 3 ގެ އެއްވުން ބާއްވަން އެދުނު ހުއްދައާއެކު ވަކި ސަރަހައްދެއް ކަނޑައަޅައި ވަކި ގޮތަކަށް އެއްބަސްވުމަށްފަހު އެއަށް އެމްޑީޕީން އަމަލުކޮށްފައި ނުވާއިރު، ވަޒީރު ވަނީ ދިވެހި ފުލުހުން، ޢާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާއި ސުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ ޙައްޤު ކަށަވަރުކޮށްދީ، އެކަން ޕްރޮފެޝަނަލްކޮށް ބަލަހައްޓަން ކުރި މަސައްކަތް ފާހަގަކުރައްވައި އެކަމަށްޓަކައި ފުލުހުންނަށް ޝުކުރު އަދާކުރައްވާފައެވެ.
އަދި ކުރީގެ ރައީސުން ވަކި ޒިންމާދާރުވެ، އިޖުތިމާޢީ ނިޒާމު ހަލަބޮލިކުރުމަށް ދޮގު ޙަބަރު ފެތުރުމުން ދުރުހެލިވުމަށް ވެސް ވަޒީރު ވަނީ ގޮވާލައްވާފައެވެ.
"ލޫޓުވައިފި" ނަމުގައި އެމްޑީޕީން ރޭ ބޭއްވި މުޒާހަރާގެ އެންމެ ކުރީ ސަފުގައި ކުރީގެ ރައީސް ޞާލިޙް އިންނެވިއެވެ.
ފާހަގަކޮށްލަންޖެހޭ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ކުރީގެ ރައީސުންގެ ބައެއް އިނާޔަތްތައް ކަނޑާލުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަން އިއުލާނުކުރައްވާފައެވެ.