18 ރަށެއްގައި ކުޅިވަރުގެ 20 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއަށް
6 އޮކްޓޯބަރު 2025 - 04:20

18 ރަށެއްގެ ކުޅިވަރުގެ 20 މަޝްރޫއެއް ހިންގުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.
މި އެެއްބަސްވުންތަކުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އަދި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ސަޢުދީއެވެ.
މި މަޝްރޫއުގެ ދަށުން އެމްޓީސީސީއާ ހަވާލުކުރެވުނު މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ އދ. ފެންފުށީ ވޮލީ ކޯޓުގެ މަސައްކަތާއި، އެ ރަށުގެ ދުވާ ޓްރެކްގެ މަސައްކަތާއި އދ. ހަންޏާމީދޫ ވޮލީ ކޯޓާއި އެ އަތޮޅު އޮމަދޫގައި ތަރައްގީކުރާ ވޮލީ ކޯޓުގެ މަސައްކަތްތަކެވެ.

Ad by Hajj Corporation
މީގެ އިތުރުން ހއ. މުރައިދޫ އަދި މޮޅަދޫގެ ފުޓުސަލް ދަނޑު ތަރައްގީކުރުމުގެ މަސައްކަތްތަކާއި މޮޅަދޫ ވޮލީކޯޓު ތަރައްގީކުރުމާއި ދިއްދޫ ފުޓްސަލް ދަނޑު ތަރައްގީކުރުންވެސް މި އެއްބަސްވުންތަކުގެ ތެރޭގައި ހިމެނެއެވެ.
އަދި ކިނޮޅަހުގައި އައުޓްޑޯ ޖިމް ތަރައްގީކުރުމާއި ރ. މަޑުއްވަރީގައި ފުޓްސަލް ދަނޑު ތަރައްގީކުރުމާއި ހިންމަފުށި، ގުޅި އަދި ތުލުސްދޫގެ އައުޓްޑޯ ޖިމްތަކުގެ މަސައްކަތްތަކާއި އއ. ބޮޑުފޮޅުދޫ ޓްބޯޅަ ދަނޑުގައި ލައިޓް ހަރުކުރުމުގެ މަސައްކަތްތައްތަކާއި ތ. މަޑިފުށި، ގުރައިދޫ، ވިލުފުށި އަދި އެ އަތޮޅު ބުރުނީގައި އައުޓްޑޯ ޖިމްތައް ތަރައްގީކުރުމުގެ މަސައްކަތްތަކާއި ގއ. ދެއްވަދޫ ވޮލީކޯޓާއި އެ އަތޮޅު ފިޔޯރީ އައުޓްޑޯ ޖިމްގެ މަސައްކަތްތައްވެސް ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެެވެ.
މި ރަސްމިއްޔާތުގައި ގެމަނަފުށީ ދާއިރާގެ މެންބަރު އަސަދުﷲ ޝިހާބާއި، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފު ރަޝީދާއި، ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުލް ލަޠީފު މުޙައްމައްމަދާއި އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ނަސީރު އަދި މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރުވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
އަތޮޅުތެރޭގައި ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.