މޯލްޑިވްސް ސްޕޯޓްސް އެވޯޑު އަންނަ މަހު ބާއްވަނީ
21 ޖެނުއަރީ 2026 - 12:38

ވޯލްޑިވްސް ސްޕޯޓްސް އެވޯޑު އަންނަ މަހު ބޭއްވުމަށް ނިންމާ، އެކަން އިއުލާންކޮށްފިއެވެ.
ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާ އިން ބުނީ މި އެވޯޑު ބޭއްވުމަށް ނިންމާފައިވަނީ އަންނަ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހު ކަމަށެވެ. ރާއްޖޭގެ ކުޅިވަރު ކުރިއަރުވައި ކުޅުންތެރިންގެ އަގު ވަޒަންކުރުމުގެ މަގުސަދުގައި ބާއްވާ އެންމެ ބޮޑު ހަރަކާތަށް ތައްޔާރުވުމުގެ ގޮތުން އެވޯޑު ކޮމިޓީގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް ވެސް އެ ވުޒާރާ އިން ބުނެއެވެ.

Ad by Hajj Corporation
ކުރީއަހަރުތަކާ ޚިލާފަށް، އައު ބައެއް ކަންކަން ވެސް މިފަހަރުގެ އެވޯޑު ޙަފްލާއިން ފެންނާނެ ކަމަށާއި އޭގެތެރޭގައި އެވޯޑުތަކުގެ ސެޓްފިކެޓު ދިނުމާއި އެއީ އެތުލީޓުންގެ ސީވީގައި އެކަން ހިމެނުން ކަމުގައި އެ ވުޒާރާ އިން ބުނެއެވެ. އަދި އެވޯޑު ދިނުމުގެ ކަންކަން، އެސޯސިއޭޝަންތަކާ ގުޅިގެން ވަރަށް ބާރަށް ކުރަމުންދާ ކަމަށް ވެސް ބުނެއެވެ.
މީގެއިތުރުން މައުލޫމާތު އެއްކޮށް، ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތް ވެސް އެވޯޑު ކޮމިޓީން ކުރަމުންދާ ކަމަށާއި އެވޯޑު ހަފުލާ ބާއްވާނީ ފެބުރުއަރީ މަހުގެ 15 ވަނަ ދުވަހުގެރޭ، ސޯޝަލް ސެންޓަރުގައި ކަމަށް ވެސް އެ ވުޒާރާ އިން ބުނެއެވެ.
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ ނަމުގައި އެވޯޑު ހަފްލާއެއް ބާއްވާ ކުޅުންތެރިންގެ އަގުވަޒަންކޮށް، އެންމެފުރަތަމަ އެވޯޑު ދޭން ފެށީ 2022 ވަނަ އަހަރުއެވެ.


