ދެ ދުވަސްތެރޭ ވޮކޭޝަނަލް ހައި ސްކޫލުން ދޫކުރާ ޖާގައިގެ 25 އިންސައްތަ ފުރިއްޖެ
6 އޮކްޓޯބަރު 2025 - 06:35

އަލަށް ހުޅުވާ މާލޭ ވޮކޭޝަނަލް ހައި ސްކޫލަށް ވަންނަ ހުޅުވާލިތާ ދެ ދުވަސްތެރޭ 25 އިންސައްތަ ޖާގަ ފުރިފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވެއްޖެއެވެ.
މަތީ ސާނަވީ ފުރުސަތު ފަހި ކުރުމުގެ ގޮތުން މާލޭގައި އަލަށް ހުޅުވާ މާލޭ ވޮކޭޝަނަލް ހައި ސްކޫލް (އެމްވީއެޗްއެސް) )އަށް ވަންނަން ހުޅުވާލީ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހުއެވެ. މުއްދަތު ހަމަވާނީ އަންނަ ހުކުރު ދުވަހުގެ ނިޔަލަށެވެ.

Ad by Hajj Corporation
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވޮކޭޝަނަލް ހައި ސްކޫލުގެ ކިޔެވުން ފެށުމާ ގުޅޭ ގޮތުން ވާހަކަ ދެއްކެވި ނަމަވެސް އެ ސްކޫލުން ދެނީ ކިތައް ޖާގަކަމެއް މިނިސްޓަރު ވިދާޅެއް ނުވެއެވެ.
މިނިސްޓަރު ވިދާޅުވީ، ޔުނީފޯމްގައި ސްކޫލަށް އައިސް މަތީ ސާނަވީގެ މަޖްބޫރު ދެ މާއްދާ ކަމަށްވާ ދިވެއްސާއި އިސްލާމް އެ ސްކޫލުގެ ދަރިވަރުން ކިޔަވާނެ ކަމަށެވެ. އަދި ވިދާޅުވީ އެ ސްކޫލުން ކުރިއަށް ގެންދާނީ ދެ އަހަރު ދުވަހުގެ ކޯސްތަކެއް ކަމަށާއި އެ ސްކޫލުން ދޭނީ ޔުނިވަރސިޓީއަކުން ޑިގްރީއެއް ނޫނީ ޑިޕްލޮމާއެއް ފުރިހަމަ ކުރަން އެމްކިޔުއޭއިން ޤަބޫލުކުރާ ލެވެލް 4ގެ ސެޓްފިކެޓެއް ކަމަށެވެ.
ދިހަ ކޯހެއް އެ ސްކޫލުގައި ކުރިއަށް ގެންދާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.
" އަޅުގަނޑުމެންނަށް ގެންދެވޭ ޕްރޮގްރާމަކީ ޔުނިވަރސިޓީ އެންޓްރީ ލިބޭ ވަރުގެ ޕްރޮގްރާމެއް. ޑިޕްލޮމާއެއް ނޫނީ ޑިގްރީއަކާ ހަމައަށް ދެވޭވަރުގެ ޕްރޮގްރާމެއް. ކޯސް ނިންމާފައި އިތުރަށް ކިޔަވަން ނުވިސްނާނަމަ ވަގުތު ވަޒީފާއަށް ދެވެނޭ ފަދަ ޕްރޮގްރާމެއް" ޑރ. އިސްމާއިލް ޝަފީއު
ވޮކޭޝަނަލް ހައި ސްކޫލުން ޖާގަ ދެނީ އަށާރަ އަހަރު ނުފުރޭ ކުދިންނަށެވެ.
ވޮކޭޝަނަލް ހައި ސްކޫލުން ކިޔަވާ ދަރިވަރުންނަށް ލިބޭ ފުރުޞަތު މަދެއް ނުވާނެ ކަމަށާއި ފާއިތުވި ދެ އަހަރު އޯލެވެލް ނިންމި ކޮންމެ ކުއްޖަކަށް ފުރުޞަތު ލިބޭނެ ކަމުގެ ޔަޤީންކަން މިނިސްޓަރު ދެއްވިއެވެ. އެ ސްކޫލުގެ މަސައްކަތް މިހިނގާ އޮކްޓޯބަރު މަހުގެ ތެރޭގައި ފަށަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ޑރ. އިސްމާއިލް ވިދާޅުވީ، ވޮކޭޝަނަލް ޕާތްވޭގެ އިތުރުން "ވޯކް ބޭސްޑް ޓިވެޓް ޕާތްވޭ" ގެ މަސައްކަތް ވެސް ކުރިއަށް އޮތް ދެ މަހެއްހާ ދުވަސް ތެރޭގައި ފެށޭވަރުވާނެ ކަމަށެވެ.