logo
Bank of Maldives

Bank of Maldives

ޚަބަރު

ހަރުކަށި ފިކުރާ ދެކޮޅަށް މައުލޫމާތު ފެތުރުމުގައި ނޫސްވެރިންގެ ގާބިލުކަން އިތުރުކުރުމަށް ހާއްސަ ޕްރޮގްރާމެއް

އާމިނަތު ޝަފާ
7 އޮކްޓޯބަރު 2025 - 04:37
ހަރުކަށި ފިކުރާ ދެކޮޅަށް މައުލޫމާތު ފެތުރުމުގައި ނޫސްވެރިންގެ ގާބިލުކަން އިތުރުކުރުމަށް ހާއްސަ ޕްރޮގްރާމެއް

ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުމުގައި މީޑިއާގައި މަސައްކަތްކުރާ މީހުންގެ ގާބިލުކަން އިތުރުކޮށް އެ މީހުންގެ ހުނަރުތައް ކުރިއެރުވުމަށްޓަކައި ހާއްސަ ޕްރޮގްރާމެއް ރާއްޖޭގައި ފަށައިފިއެވެ.

"ސުލްހައިގެ ނޫސްވެރިން" ގެ ނަމުގައި އިއްޔެ ފެށި އެ ޕްރޮގްރާމަކީ ކައުންޓާ ޓެރަރިޒަމާއި މެދުމިނުގެ ވިސްނުންތަކާބެހޭ މައުލޫމާތު ފެތުރުމުގައި މީޑިއާގައި މަސައްކަތްކުރާ މީހުންގެ ގާބިލިއްޔަތު އިތުރުކޮށް, އެ މީހުންގެ ހުނަރުތައް ކުރިއެރުވުމަށްޓަކައި އިސްލާމިކް މިލިޓަރީ ކައުންޓާ ޓެރަރިޒަމް ކޯލިޝަން (އައިއެމްސީޓީސީ) އިން އިސްނަގައިގެން ކުރިއަށް ގެންދާ ހޭލުންތެރިކުރުމުގެ ސިލްސިލާ ޕްރޮގްރާމުގެ ބައެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

WhatsApp Image 2025-10-07 at 09.08.45 (1).jpeg

 

ފަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ތަމްރީން ޕްރޮގްރާމުގައި ރާއްޖޭގެ އެކި މީޑިއާތަކާއި ސަރުކާރުގެ އެކި މުއައްސަސާތަކުގެ މީޑިއާގައި މަސައްކަތް ކުރައްވާ 30 މީހުން ބައިވެރިވެއެވެ.

މި ޕްރޮގްރާމް ފެށުމުގެ ގޮތުން ކުރުނބާ މޯލްޑިވްސްގައި އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފާތިމަތު މިޒްނާ އަލީއެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑެޕިއުޓީ މިނިސްޓަރު މިޒްނާ ވިދާޅުވީ, މި ތަމްރީން ޕްރޮގްރާމަކީ އައިއެމްސީޓީސީ އާއި ރާއްޖޭގެ ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރާ ދެމެދު އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ. އަދި ހަރުކަށިފިކުރާ ދެކޮޅަށް މީހުންގެ ގާބިލުކަން އިތުރުކުރުމަށް ސައުދީ އަރަބިއާގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކުރައްވައި އެކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.

WhatsApp Image 2025-10-07 at 09.08.44.jpeg

 

މިޒްނާގެ ވާހަކައިގައި ހަރުކަށިފިކުރާއި ނަފުރަތު ފެތުރުމާ ދެކޮޅު މުޖުތަމައުތަކެއް އުފެއްދުމަށާއި އެކަމަށްޓަކައި ކަމާ ގުޅޭ އިދާރާތަކުގެ ގާބިލުކަން އިތުރުކުރުމަށް އައިއެމްސީޓީސީން ކުރައްވާ މަސައްކަތްވެސް ފާހަގަކުރެއްވިއެވެ.

މީޑިއާގައި މަސައްކަތްކުރާ ޕްރޮފެޝަނަލް މީހުންނާއި ނޫސްވެރިންނާއި ތައުލީމީ ދާއިރާގެ މީހުންނާއި ސިވިލް ސާވިސްގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ޑިޖިޓަލް ޕްލެޓްފޯމްތަކުގެ ކޮންޓެންޓް އެނަލައިޒްކޮށް, ހަރުކާށި ފިކުރުގެ ވާހަކަތަކާއި ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ނަފުރަތު އުފެއްދުމުގެ ވާހަކަތައް ހުންނަ ގޮތް ދެނެގަތުމާއި އެ ކަންތައްތައް ހައްލުކުރުމަށް ބުއްދިވެރި ޕްރޮފެޝަނަލް ގޮތްތައް ބޭނުންކޮށްގެން ކޮންޓެންޓް އެނަލިސިސްއާއި ދޮގު ހަބަރުތަކުގެ މަސްދަރު ހޯދުމާއި ޒަމާނީ ޑިޖިޓަލް ވެރިފިކޭޝަން ޓޫލްތައް ބޭނުންކުރާނެ ގޮތް ކިޔައިދޭނެއެވެ.

އޭގެ އިތުރުން ހަރުކަށި ފިކުރުގެ ވާހަތަކުގެ ސަބަބުން ކުރާ ނަފުސާނީ އަދި އިޖުތިމާއީ ނޭދެވޭ އަސަރުތަކާމެދު ހޭލުންތެރިކަން އުފެއްދުމަށާއި މީޑިއާ ރިޕޯޓްތަކުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ޒިންމާދާރު ތަހުލީލީ ރިޕޯޓްތައް ލިޔުމުގައި ބައިވެރިންގެ ހުނަރު އިތުރުކޮށް, ފިކުރީ އަދި އިޖުތިމާއީ ރައްކާތެރިކަން ގާއިމުކުރުމަށް އެފަދަ ރިޕޯޓްތައް ލިޔާނެ ގޮތުގެ ހުނަރު އިތުރުކުރުމަކީވެސް މި ޕްރޮގްރާމުގެ އަމާޒެކެވެ.

WhatsApp Image 2025-10-07 at 09.08.45 (2).jpeg

 

އައިއެމްސީޓީސީއަކީ ސައުދީ އަރަބިއާގެ ސަރުކާރުން އިސްނަގައިގެން ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރުމަށް އުފައްދާފައިވާ ބައިނަލްއަގުވާމީ ޖަމިއްޔާއެކެވެ. މި ޖަމިއްޔާގައި ރާއްޖެ ހިމެނޭހެން 42 މެންބަރު ގައުމެއް އޮވެއެވެ.

އެ ޖަމިއްޔާއިން ދަނީ މީޑިއާ އާއި ހޭލުންތެރިކުރުވުމާއި ތައުލީމުގެ ދާއިރާތަކުގައި މެންބަރު ގައުމުތަކުގެ މެދުގައި ގާބިލިއްޔަތުކަން އުފައްދައި ގުޅުންތައް ވަރުގަދަކުރުމަށްޓަކައި މަސައްކަތް ކުރަމުންނެވެ.

އެގޮތުން ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ކުރެވޭ ފިކުރިއްޔާތާއި މީޑިއާ މަސައްކަތްތައް އެއްބައިވަންތަކުރުމާއި ގައުމުތަކުގެ މެދުގައި ސުލްހައާއި އެކީގައި އުޅުމުގެ ސަގާފަތެއް އާލާކުރުމަކީ އައިއެމްސީޓީސީގެ ތަސައްވުރެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

 އައިއެމްސީޓީސީ ސެންޓަރުގައި ދިވެހި އޮފިސަރުން މަސައްކަތް ކުރާތީ ފަހުރިވެރިވޭ: ވަޒީރު އިޙްސާންޚަބަރު | 3 ގަޑިއިރު ކުރިންއައިއެމްސީޓީސީން ރާއްޖޭގައި ދެ އަސްކަރީ ޕްރޮގްރާމެއް އިފްތިތާހްކޮށްފިޚަބަރު | 3 ގަޑިއިރު ކުރިންއިސްލާމީ ތައުލީމުގެ އަލީގައި ހައްދުފަހަނައެޅުމުން ރައްކާތެރިވުމަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއްޚަބަރު | މަހެއް ކުރިންހަރުކަށި ފިކުރާ ދެކޮޅަށް މައުލޫމާތު ފެތުރުމުގައި ނޫސްވެރިންގެ ގާބިލުކަން އިތުރުކުރުމަށް ހާއްސަ ޕްރޮގްރާމެއް ޚަބަރު | 2 މަސް ކުރިން