އައިއެމްސީޓީސީ ސެންޓަރުގައި ދިވެހި އޮފިސަރުން މަސައްކަތް ކުރާތީ ފަހުރިވެރިވޭ: ވަޒީރު އިޙްސާން
25 ނޮވެމްބަރު 2025 - 07:15

ސަޢުދި އަރަބިއްޔާގެ ރިޔާދުގައި ހުންނަ އައިއެމްސީޓީސީ ކައުންޓަރ ޓެރަރިޒަމް ސެންޓަރުގައި ދިވެހި އޮފިސަރުން މަސައްކަތް ކުރާތީ ފަހުރުވެރި ވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، އައިއެމްސީޓީސީން ރާއްޖޭގެ ނިރުބަވެރިކަމާޢި ދެކޮޅަށް މަސައްކަތް ކުރުމަށް ކުރިއަށްގެންދާ ދެ ތަމްރީނު ޕްރޮގްރާމެއް އިފްތިތާޙް ކުރުމަށް ބޭއްްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

Ad by Hajj Corporation
ވަޒީރު އިތުރަށް ވިދާޅުވީ،އައިއެމްސީޓީސީ ކައުންޓަރ ޓެރަރިޒަމް ސެންޓަރުގައި މަސައްކަތްކުރާ ދިވެހި އޮފިސަރުން އަންނަނީ އަގުހުރި ތަޖުރިބާތަށް ހޯދާ ، ދިވެހިރާއްޖޭގެ ފަރާތުން ބައިނަލްއަޤްވާމީ މަސައްކަތެއްގައި ބައިވެރިވަމުންކަމަށެވެ.އަދި މިކަމުން ރާއްޖޭގެ ކައުންޓަރ ޓެރަރިޒަމް އެނަލިސިސް އަދި އޮޕަރޭޝަނަލް ކެޕޭސިޓީ ގެ އިތުރުން ސަރަހައްދީ ބައިވެރިވުން ވެސް އިތުރުކުރެވިފައި ވާކަން ވަޒީރު ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ، އިސްލާމިކް މިލިޓަރީ ކައުންޓަރ ޓެރަރިޒަމް ކޯލިޝަން، އައިއެމްސީޓީސީ ގުޅިގެން ކުރާ މަސައްކަތަކީ ރާއްޖެއިން ނިރުބަވެރިކަމާޢި ދެކޮޅަށް ކުރާ މަސައްކަތް އިތުރަށް ވަރުގަދަ ކުރުމަށް ލިބޭ ފުރުޞަތެއް ކަމަށްށެވެ. އަދި އައިއެމްސީޓީސީން ރާއްޖޭގެ އިންސާނީ ވަސީލަތް ތަރައްޤީ ކުރުމަށް ކުރަމުންދާ މަސައްކަތް ފާހަގަކުރައްވާ، އެ ޖަމާޢަތާއި ގުޅިގެން ކުރިއަށް ގެންދާ ދެ ޕްރޮގްރާމަކީވެސް ރާއްޖެއަށް މުހިންމު ދެ ޕްރޮގްރާމެއްކަން ވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
މި ކޯލިޝަން އުފެއްދުމަށް ސަޢުދި ސަރުކާރުން އިސްނަގައިގެން ކުރި މަސައްކަތަކީ، އިސްލާމީ ޤައުމުތަށް އެކުގައި މަސައްކަތް ކުރުމަށް ލިބުނު ކުރިއެރުމެއް ކަމަށާއި، އައިއެމްސީޓީސީއާއި ގުޅިގެން ރާއްޖެއިން މަސައްކަތް ކުރަނީ ނިރުބަވެރިކަމުން އޮތް ނުރައްކަލަކީ ވަކި ޤައުމަކަށް އެކަނި ޙައްލުކުރެވޭނެ ކަމެއް ނޫންކަން ޤަބޫލުކުރާތީ ކަމަށް ވެސް ވަޒީރު އިހްސާން ވިދާޅުވިއެވެ.
އައިއެމްސީޓީސީއަކީ، ސަޢުދި އަރަބިއްޔާ އިސްވެ އޮވެ 43 ޤައުމެއް އެކުވެ އުފައްދާފައިވާ ނިރުބަވެރިކަމާއި ދެކޮޅަށް މަސައްކަތްކުރާ ޖަމަޢާތެކެވެ. މި ޖަމާޢަތުގެ މަސައްކަތްތަކުގެ ތެރޭގައި ސަރަހައްދީ ފެންވަރުގައި ގުޅިގެން މަސައްކަތް ކުރުމަށާއި ޤައުމީ ފެންވަރުގައި އަސްކަރީ ޤަބިލިއްޔަތުކަން އިތުރު ކުރުމަށް މަސައްކަތް ކުރުން ހިމެނެއެވެ.


