އައިއެމްސީޓީސީން ރާއްޖޭގައި ދެ އަސްކަރީ ޕްރޮގްރާމެއް އިފްތިތާހްކޮށްފި
25 ނޮވެމްބަރު 2025 - 06:52

އިސްލާމީ ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަ ކުރުމުގެ އިއްތިހާދު( އައި.އެމް.ސީ.ޓީ.ސީ)ން ރާއްޖޭގައި ދެ އަސްކަރީ އިނިޝިއޭޓިވް ފަށައި، ދިފާއީ ވުޒާރާއާ އެކު ތަމްރީނު ލިޔުމެއްގައި އިއްޔެ ސޮއިކޮށްފިއެވެ.
އިސްލާމިކް މިލިޓަރީ ކައުންޓަރ ޓެރަރިޒަމް ކޯލިޝަން ( އައި.އެމް.ސީ.ޓީ.ސީ)އަކީ، އިސްލާމީ ޤައުމުތައް އެކުވެ ނިރުބަވެރިކަމާއި ދެކޮޅަށް އަސްކަރީ ގޮތުން މަސައްކަތް ކުރުމަށް އުފައްދާފައިވާ ޖަމާޢަތެކެވެ. މިމަސައްކަތުގެ ދަށުން ރާއްޖޭގައި އެޖަމާޢަތުން ހިންގާ ދެ ޕްރޮގްރާމަކީ، ނިރުބަވެރިކަމާއި ދެކޮޅަށް މަސައްކަތް ކުރާ ފަރާތްތަކަށް ޚާއްސަ ސައިބަރ ސެކިއުރިޓީ ތަމްރީނު ޕްރޮގްރާމާއި، އަސްކަރީ ޤަބިލިއްޔަތުކަން އިތުރު ކުރުމަށް ހިންގާ އަސްކަރީ ތަމްރީން ޕްރޮގްރާމެކެވެ.

Ad by Hajj Corporation
މި ދެ ޕްރޮގްރާމް އިފްތިތާޙް ކޮށްފައިވަނީ، މިކަމަށްޓަކައި ބާސެލޯ ނަސަންދުރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ދެ ތަމްރީން ޕްރޮގްރާމް އިފްތިތާހްކޮށް ޕްރޮގްރާމް ކުރިއަށް ގެންދަން ރާއްޖޭގެ ފަރާތުން ސޮއިކޮށްފައިވަނީ، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.
އައިއެމްސީޓީސީން ރާއްޖޭގައި ހިންގާ ޕްރޮގްރާމްތަކުގެ ތެރެއިން އަސްކަރީ ޤަބިލިއްޔަތުކަން އިތުރު ކުރުމަށް ހިންގާ ތަމްރީނަކީ، އުޅަނދުތަކަށް ހަމަލާ ދިނުމަށް ކަނޑަަށް އަޅާފައިވާ ބޮންތައް ނައްތާލުމުގެ މަސައްކަތަށް ހިންގާ 3 މަސް ދުވަހުގެ ތަމްރީނު ޕްރޮގްރާމެކެވެ. ދެން ކުރިއަށް ގެންދާ ސައިބަރ ސެކިއުރިޓީ ޕްރޮގްރާމަކީ، ސައިބާ ހަމަލާތަކުން ދިފާޢުވެ އެފަދަ ހަމަލާތަކުން ރާއްޖޭގެ ފަންނިއްޔާތުގެ ވަސީލަތްތައް ރައްކާތެރި ކުރުމަށް ހަރަކާތްތެރިވާނެ ގޮތް ދަސްކޮށްދިނުމަށް ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމެކެވެ.
މި ރަސްމިއްޔާތުގައި ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރ އަލީ އިޙްސާންއާއި، އައި.އެމް.ސީ.ޓީ.ސީ ގެ ސެކްރެޓަރީ ޖެނެރަލް މޭޖަރ ޖެނެރަލް މުޙައްމަދު ބިން ސަޢީދު އަލް-މޮޣީދު ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ސަރުކާރުގެ އިސްވެރިންނާއި، އަސްކަރީ އިސްވެރިންނާއި، ޑިޕްލޮމެޓުން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެފައިވެއެވެ.
އިއެމްސީޓީސީއަކީ، ސަޢުދި އަރަބިއްޔާ އިސްވެ އޮވެ 43 ޤައުމެއް އެކުވެ އުފައްދާފައިވާ ނިރުބަވެރިކަމާއި ދެކޮޅަށް މަސައްކަތްކުރާ ޖަމަޢާތެކެވެ. މި ޖަމާޢަތުގެ މަސައްކަތްތަކުގެ ތެރޭގައި ސަރަހައްދީ ފެންވަރުގައި ގުޅިގެން މަސައްކަތް ކުރުމަށާއި ޤައުމީ ފެންވަރުގައި އަސްކަރީ ޤަބިލިއްޔަތުކަން އިތުރު ކުރުމަށް މަސައްކަތް ކުރުން ހިމެނެއެވެ.


