ކަނޑުގެ ސަރަޙައްދު ރައްކާތެރިކުރަން ކޯސްޓްގާޑަށް އިތުރު 17 އުޅަނދު, ބައެއް އުޅަނދުތައް ނޮވެމްބަރުގައި ރާއްޖެއަށް
5 އޮކްޓޯބަރު 2026 - 03:11

ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ރައްކާތެރިކުރުމަށްޓަކައި އެމްއެންޑީއެފް ކޯސްޓްގާޑަށް އިތުރު 17 އުޅަނދު ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އޭގެ ތެރެއިން ބައެއް އުޅަނދުތައް އަންނަ ނޮވެމްބަރު މަހު ރާއްޖެ ގެނެވޭނެ ކަމަށް ދިފާޢީ އަދި ވަޠަނީ ޚިދުމަތާބެހޭ ވަޒީރު ޙަސަން ރަޝީދު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމާއި ރައީސް އޮފީސް ގުޅިގެން ބޭއްވި «އަހާ» ފޯރަމްގައި، ރާއްޖޭގެ ކަނޑުގެ ސަރަޙައްދާއި ޚާއްޞަކޮށް ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ރައްކާތެރިކުރުމަށާއި ބޭރުގެ ފަރާތްތަކުން ވަދެދާނެ ފަދަ ޙާލަތަކަށް ސިފައިން ތައްޔާރުވެފައިވާ މިންވަރާ ގުޅޭގޮތުން އާންމު ފަރާތަކުން ކުރި ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، ކޯސްޓްގާޑަށް ބޭނުންވާ ގިނަ އުޅަނދުތަކެއް ހޯދުމުގެ މަސައްކަތް މިހާރުވެސް ބާރަށް ކުރިއަށްދާ ކަމަށެވެ. އެގޮތުން މިހާތަނަށް ޕެޓްރޯލްކުރުމަށް އިތުރު 3 އުޅަނދު ހޯދާފައިވާއިރު، ކުރިއަށް އޮތްތަނުގައި ގެންނަ 17 އުޅަނދުގެ އިތުރުން 12 ސީއެމްބިއުލާންސް ބަނުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
.png&w=750&q=75)
Ad by Hajj Corporation
ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރެވި، ބޭރުގެ ފަރާތަކުން ދީފާނެ ހަމަލާއަކަށް ނުވަތަ އެފަދަ އެހެން ކޮންމެ ހާލަތަކަށްވެސް ދިވެހި ސިފައިން ފުރިހަމައަށް ތައްޔާރަށް ތިބިކަން ހާމަކުރައްވަމުން ވަޒީރު ވިދާޅުވީ، ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގައި ސިފައިން އަބަދުވެސް ތިބެނީ ތައްޔާރީ ހާލަތުގައި ކަމަށާއި، މި މަސައްކަތް ފުރިހަމަކަމާއެކު ކުރެވޭނީ އެކަމަށް ބޭނުންވާ ވަސީލަތްތައް ފުރިހަމައަށް ހަމަޖައްސައިގެން ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ޤައުމީ ދިފާޢީ ބާރުގެ ޤާބިލުކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ތުރުކީން މަނަވަރެއް ހޯދުމާއި، ވައިގެ ސަރަހައްދު ބެލެހެއްޓުމަށް އަސްކަރީ ޑްރޯން ބޭނުންކުރަން ފެށުމާއި، އަދި އޮސްޓްރޭލިއާ ސަރުކާރުން ދެއްވި މަނަވަރު ފަދަ ވަސީލަތްތަކަކީ މި ދާއިރާއަށް ލިބުނު މުހިންމު ކުރިއެރުންތަކެއް ކަމަށެވެ.
ވަޒީރު އިތުރަށް ވިދާޅުވީ "ވަސީލަތްތައް އިތުރުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގިނަ މަސައްކަތްތަކެއް ކުރައްވާ. އިތުރު އުޅަނދުތަކާއި އިތުރު ވަސީލަތްތައް އިތުރުކޮށް ކެޕޭސިޓީ ވަރުގަދަކުރައްވަން އިސްކަން ދެއްވާ" ކަމަށެވެ. ރާއްޖޭގެ ބޮޑު ސަރަޙައްދަކީ ކަނޑު ކަމަށްވުމާއެކު، ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމުގެ ޤާބިލުކަން އިތުރުކުރުމުގެ އިތުރުން ރާއްޖޭގެ ކަނޑުތަކުން ލިބޭ ނަފާ އިތުރުކުރުމަށްވެސް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.


