ތާރީޚީ ކާމިޔާބީގެ ރަމްޒު ޖާޒީއާއެކު "ރަސްވާދަ" މެޗަށް ތައްޔާރުވަނީ
7 އޮކްޓޯބަރު 2025 - 10:08

ދިވެހި ފުޓުބޯޅައިގެ އެންމެ ވަރުގަދަ ދެ ރަމްޒު ކަމުގައިވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ވިކްޓްރީ ސްޕޯޓްސް ކުލަބުން، ޒަމާންތަކަކަށްފަހު އެނބުރި ފުރަތަމަ ޑިވިޝަނަށް އައިސް ކުޅޭ ފުރަތަމަ މެޗު، "ރަސްވާދަ" މެޗަށް ބޮޑެތި ތައްޔާރީތަކެއް ވާން ފަށައިފިއެވެ.
ނުހައްގު ސަސްޕެންޝަނެއްގައި ގިނަ ދުވަސްތަކެއް ވަންދެން އޮންނަން ޖެހުމަށްފަހު އެނބުރި ފުރަތަމަ ޑިވިޝަނުގައި ލިބުނު ފުރުސަތުގައި މި ދެ ޓީމުގެ ކުރިމަތިލުން އޮތީ މި މަހު 21 ވަނަ ދުވަހުއެވެ.

Ad by Hajj Corporation
އެންމެފަހުން ވިކްޓްރީ އާއި ނިއުރޭޑިއަންޓް ފުރަތަމަ ޑިވިޝަނުގައި މެޗެއް ކުޅެފައިވަނީ 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހުއެވެ. ދިވެހި ޕްރިމިއަރ ލީގުގައި ކުޅުނު އެ މެޗު 1-3 އިން ކާމިޔާބުކުރީ ނިއުރޭޑިއަންޓުންނެވެ. އެފަހުން ދެވަނަ ޑިވިޝަނުގައި މި ދެ ޓީމުގެ ކުރިމަތިލުމެއް ފެނިގެންދިޔައިރު އެ މެޗުގައި ފަރަގު ބޮޑު ނަތީޖާއަކުން ވިކްޓްރީގެ މައްޗަށް ނިއުއިން ވަނީ ކުރި ހޯދާފައެވެ. އެ މެޗުން ނިއު މޮޅުވީ 1-4 ގެ ނަތީޖާއަކުންނެވެ.
މެންދުރު ޓީވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކުރިއަށް އޮތް މި ދެ ޓީމު ބައްދަލުކުރާ މެޗުގައި ދެ ޓީމުން ވެސް ބޭނުންކުރާނީ ކުރީގެ ތާރީހީ ޖާޒީއެއް ރަމްޒަކަށް ބަލައިގެން ހަދާފައިވާ ޖާޒީއެކެވެ.
ރަސްވާދަ މެޗުގައި ނިއުއިން ބޭނުންކުރާނެ ޖާޒީ --
މި މެޗުގައި ނިއު އިން ލާނީ އެ ޓީމުން ގައުމީ ތަށި އެންމެ ފުރަތަމަ އުފުލާލި އަހަރު ކަމަށްވާ 1982 ގައި ބޭނުންކުރި ފެއްސާއި، ހުދުގެ ހުރަސް ރޮނގު ދެމި ޖާޒީގެ ފަރުމާއެކެވެ. އެއީ ނިއުގެ ރަަސްމީ ކުލަތައް ކަމަށްވާ ނުލާއި، ހުދު ނޫން ކުލައެއްގެ ޖާޒީއެއް އެ ޓީމުން ބޭނުންކުރި މަދު ފަހަރުތަކުގެ ތެރެއިން އަހަރެކެވެ.
ފާހަގަކޮށްލަން ޖެހޭ ގޮތުގައި އެ ފަހަރުގެ ތަށި ނިއުއިން އުފުލާލީ ވާދަވެރި ވިކްޓްރީއާ ވާދަކޮށް، 1-2 ގެ ނަތީޖާއަކުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ނިއުއާއި ވިކްޓްރީން ވެސް އަންނަނީ ތަފާތު ކަންތައްތަކެއް މި މެޗަށް ހާއްސަކޮށްގެން ރާވަމުންނެވެ. އެއީ ސަޕޯޓަރުންގެ މެދުގައި މި މެޗުގެ ފޯރި ގަދަކޮށް، ވާދަވެރިކަން އިތުރުކުރުމުގެ ބޭނުމުގައެވެ.
މި މެޗު ވެގެންދާނީ ޒަމާންތަކަކަށްފަހު ގަލޮޅު ދަނޑުގައި ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ބައިވެރިވުމާއެކު ކުޅޭނެ މެޗަކަށެވެ."ރަސްވާދަ" އިގައި ދެ ރަސްގެފާނުން ނުކުންނައިރު ރަސް އާއިލާއިން އެ ފޯރިއާއި ޖޯޝު ގެނުވާނެއެވެ މިފަހުން. ނިއު އާއި ވިކްޓްރީން ދެވަނަ ޑިވިޝަނުގައި ދެމެޗެއްގައި ވާދަކޮށްފައިވާއިރު، އެ ދެމެޗުގައިވެސް ގިނަ އަދަދެއްގެ ސަޕޯޓަރުންތަކެއް ދަނޑަށް ވަތްކަމީ މިކަމުގެ ހެއްކެކެވެ.
އަދި ފުރަތަމަ ޑިވިޝަނަށް ނިއު އެނބުރި އައިސް ކުޅުނު މެޗުނު މެޗުތަކުގައި ދަނޑުން ފެނިގެންދިޔަ ފޯރިއަކީ ވެސް، 21 ވަނަ ދުވަހުގެ މެޗުގައި ގައުމީ ފުޓުބޯޅަ ދަނޑު، ބެރު ދުންމާރީގެ އަޑުން ގުގުމާލާނެކަމުގެ ވަރުގަދަ ހެއްކެކެވެ.
ނިއު އާއި ވިކްޓަރީ އިން ވެސް މި ޕްރޮމޯޓް ކުރަނީ "ރަސް ވާދަ" އިގެ ޓެގް ލައިންގެ ދަށުންނެވެ.