އަންނަ އަހަރަށް އޮޑިޓް އޮފީހުން ހުށަހެޅީ 143 މިލިޔަންގެ ބަޖެޓެއް
7 އޮކްޓޯބަރު 2025 - 10:11

އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އަންނަ އަހަރުގެ ބަޖެޓުގެ ގޮތުގައި 134 މިލިޔަން ރުފިޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
އެ އޮފީހުން ވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ބަޖެޓާ ގުޅޭގޮތުން މަޢުލޫމާތު ހިއްސާކޮށްފައެވެ.
އޮޑިޓަރ ޖެނެރަލް އޮފީހުގެ ބަޖެޓަކީ ދައުލަތުގެ ބަޖެޓާ ވަކިން މަޖިލީހަށް ހުށައަޅަންޖެހޭ ބަޖެޓެއްކަމުން، އެ އޮފީހުގެ ޚަރަދުތައް ތަފްސީލުކޮށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާ ބަޖެޓު މަޖިލިހުން ފާސްކުރުމުން، އެ އަދަދު މާލީ ވުޒާރާއިން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ހިމަނާނެ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
އެ އޮފީހުން އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓަކީ، މިހާރު ހިނގަމުންދާ އަހަރުގެ ބަޖެޓަށްވުރެ 20 މިލިޔަން ރުފިޔާގެ އިތުރު ބަޖެޓެކެވެ. އެ އޮފީހުން މާލިއްޔަތު ކޮމިޓީއަށް ހުށަހެޅި ބަޖެޓުގައިވާގޮތުން އަންނަ އަހަރު ރިކަރަންޓު ޚަރަދުގެ ގޮތުގައި 89 މިލިޔަން ރުފިޔާ އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި 3 މިލިޔަން ރުފިޔާ ހިމެނޭހެން ޖުމްލަ 92 މިލިޔަން ރުފިޔާ ހޭދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ.
އޮޑިޓް އޮފީހުގެ ބަޖެޓުގެ ގޮތުގައި ހުށަހަޅާފައިވަނީ މިއަހަރުގެ ބަޖެޓަށްވުރެ ބޮޑު ބަޖެޓެއްކަމަށާއި، އެގޮތަށް ހުށަހެޅީ އެކި ޑިޕާޓްމަންޓުތަކަށް ސީނިއަރ އޮޑިޓަރުން ނަގަންޖެހޭތީ ކަމަށާއި، މިހާރުވެސް 22 ޑިޕާޓްމަންޓެއްގެ ތެރެއިން ހަތް ޔުނިޓުގެ މަސައްކަތް ކުރަނީ ސީނިއަރ އޮޑިޓަރެއް ނެތި ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ. އަދި މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން އޮޑިޓް ފަންޑުގެ މުވައްޒަފުން ނޭޝަނަލް ޕޭ ފްރޭމްވަރކަށް ބަދަލުކޮށްފައިވާއިރު އެ މުވައްޒަފުންގެ މުސާރައަށްވެސް 9.1 މިލިޔަން ރުފިޔާ އިތުރުވެފައިވާކަމަށްވެސް އޮޑިޓު އޮފީހުން ކޮމިޓީގައި ބުނެފައިވެއެވެ.
މާލިއްޔަތު ކޮމިޓީގައި އޮޑިޓަރ ޖެނެރަލް ހުސެއިން ނިޔާޒީ ވިދާޅުވީ އޮޑިޓް އޮފީހުގެ މަސްއޫލިއްޔަތުތަކާ އަޅާބަލާއިރު އޮޑިޓަރުންގެ އަދަދު މަދުކަމަށެވެ. އެގޮތުން، އެ އޮފީހުގައި މިވަގުތު މަސައްކަތް ކުރައްވަނީ 150 އޮޑިޓަރުން ކަމަށް ފާހަގަކުރައްވާ މެމްބަރު އިތުރަށް ވިދާޅުވީ، މުވައްޒަފުން އިތުރުނުކޮށްވެސް މުއައްސަސާގެ ހިންގުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށްށެވެ.

Ad by Hajj Corporation
އޮޑިޓަރ ޖެނެރަލް ވަނީ އެ މުއައްސަސާގެ އައު އޮފީސް އިމާރާތާ ގުޅިގެން ރާވާފައިވާ ކަންކަންވެސް މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާ ހިއްސާކުރައްވާފައެވެ.


