އިތުރަށް ހޯދާ ކޮންމެ ކުއްޖަކަށް އެލަވެންސެއް ލިބޭގޮތަށް ނަމަވެސް ރާއްޖޭގެ އާބާދީ އިތުރުކުރަން ޖެހޭ: މެމްބަރު ހުސެއިން
7 އޮކްޓޯބަރު 2025 - 17:28

ދިވެހިރާއްޖެެއަކީ ވަރަށް ކުޑަ އާބާދީއެއް އޮތް ޤައުމެއް ކަމުން،އާބާދީ އިތުރުކުރުމަށްޓަކައި އިތުރަށް ހޯދާ ކޮންމެ ކުއްޖަކަށް ބެލެނިވެރިންނަށް އިނާޔަތެއް ލިބޭނެ ގޮތަށް ނަމަވެސް ރާއްޖޭގެ އާބާދީ އިތުރުކުރަން މަސައްކަތް ކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ހުސެއިން ވިދާޅުވެއްޖެއެވެ.
މެމްބަރު މިހެން ވިދާޅުވީ މެންދުރު ޓީވީން ގެނެސްދޭ މަޢުޞޫޢު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad by Hajj Corporation
އާބާދީ ކުޑަވުމުގެ ސަބަބުން ނުވަތަ އާބާދީ ކޮންޓްރޯލްކުރުމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކަކާ މި ގައުމާ ކުރިމަތިވާކަން ފާހަގަކުރައްވައި މެމްބަރު ވަނީ، ގައުމުގެ އާބާދީ އިތުރުކުރުމަށް ކުރެވެން ހުރި ކޮންމެ ކަމެއް ކޮށްގެން ނަމަވެސް އެކަން ކުރަންޖެހޭނެކަމަށް ވިދާޅުވެފައެވެ.
އަޅުގަނޑުމެންނަކީ ވަރަށް ކުޑަ އާބާދީއަކަށް ނިސްބަތްވާ ގައުމަކަށް ވާއިރުގައި، އަޅުގަނޑުމެން މި އާބާދީ ކޮންޓްރޯލްކުރުމުގެ ސަބަބުން، މިއަދު އަޅުގަނޑުމެންނަށް ޗެލެންޖަސް މި ދިމާވަނީ. އެހެންވީމަ މި ކަންކަމާމެދު އަޅުގަނޑުމެން ވަރަށް ފުންކޮށް ވިސްނަންޖެހޭނެ. އަޅުގަނޑު ވެސް ހަމަ ގޮވާލަން، އަޅުގަނޑުމެންގެ އާބާދީ އިތުރުކުރެވެން އޮތް ކޮންމެ ގޮތަކަށް އަޅުގަނޑުމެން އެ އާބާދީ އިތުރުކުރުމަށްޓަކައި މަސައްކަތްކުރަން. އެއީ އިނާޔަތެއް ދީގެންކަމުގައިވީ ނަމަވެސް، އާއިލާތައް ބޮޑުކުރުމަށްޓަކައި އާއިލާތަކަށް އެއްކުއްޖަކު ނުވަތަ ދެ ކުއްޖަކަށްވުރެ އިތުރަށް ހޯދާ ކޮންމެ ކުއްޖަކަށް އިނާޔަތެއް ލިބޭގޮތަށް ނަމަވެސް، އެކަން ކޮށްގެން އަޅުގަނޑުމެން އާބާދީ އިތުރުކޮށްގެން ނޫނިއްޔާ އަޅުގަނޑުމެންގެ މި ގައުމު އިގްތިސާދީ ގޮތުން ވެސް އަދި ގައުމު ތަރައްގީކުރަން، ގައުމުގެ ރިސޯސަސް ބޭނުންކުރެވޭނެ ރަނގަޅު ނިޒާމެއް ޤާއިމެއް ނުކުރެވޭނެ އަޅުގަނޑުމެންނަށް ރަނގަޅު އާބާދީއެއް މި ގައުމުގައި ބިނާ ނުކުރެވެންޏާ - ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ހުސެއިން
މީގެ އިތުރުން ވެސް މެމްބަރު ވަނީ ރާއްޖޭގެ އާބާދީ މަދު ވުމާ ގުޅޭ ގޮތުން ގިނަ ވާހަކަފުޅު ތަކެއް ހިއްސާކުރައްވާފައެވެ.
އެގޮތުން އިޤްތިސާދީ ގޮތުންނާއި، ޤައުމު ތަރައްޤީކުރުމަށް ޤައުމުގައި ރިސޯސްތަށް ބޭނުން ކުރެވޭނެ ރަނގަޅު ނިޒާމެއް ޤާއިމް ކުރެވޭނީ ރަނގަޅު އާބާދީއެއް ބިނާ ކޮށްގެން ކަމުގައި ވެސް މެމްބަރުގެ ވާހަކައިގައި ވަނީ ފާހަގަކުރަައްވާފައެވެ. މީގެއިތުރުން ރާއްޖޭގެ މުސްތަޤްބަލަށް އަލިއަޅުއްވާލައްވާ މެމްބަރު އިތުރަށް ވިދާޅުވީ،ޤައުމެއް ޤައުމެއްގެ ގޮތުގައި އޮންނާނީ، އާއިލާތަށް ބިނާ ކުރުމުގައި ރަނގަޅު އަދި ބޮޑު އާއިލާ ތަކެއް ބިނާކުރެވިގެން ކަމުގައި ވާއިރު،އާބާދީ އިތުރުވާ ނިސްބަތް މަދު ވަނީނަމަ ރާއްޖޭގައި މުސްތަޤުބަލެއް ފެންނަން ނެތް ކަމުގައެވެ.
ޤައުމެއްގެ އާބާދީ އިތުރުކުރުމަކީ އެ ޤައުމެއްގެ އިޤްތިސާދައް ކިހާ މުހިންމު ކަމެއްކަން ފާހަގަކުރައްވައި މެމްބަރު ވިދާޅުވީ، މި ޤައުމު ކުރިއަށް އޮތް ތަނުގައި މިހާރަށް ވުރެ އިޤްތިސާދީ ގޮތުން ތަނަވަސް އަދި ތަރައްޤީވެފައިވާ ޤައުމަކަށް ހެދޭނީ އެންމެން ގުޅިގެން މިކަމަށް މަސައްކަތް ކޮށްގެން ކަމަށާއި، ބޮޑު އާއިލާއެއް ބިނާ ކުރުމަކީ ލިބެން ހުރި މަންފާތަކުން މަޙްރޫމް ވުން ކަމުގައި ދެކިގެން ނުވާނެ ކަމަށެވެ.
އަދި މަންފާ ވާނީ އާބާދީ ބޮޑުވި ވަރަކަށް ކަމަށްށާއި، އާބާދީއެއް ބޮޑުވުމުން ލިބޭނެ ފައިދާ އާއި އަދި އާބާދީ ކުޑަވުމުން ލިބޭނެ ގެއްލުން ކޮންމެ މީހަކަށް ވެސް އިނގޭނެ ކަމަށާއި،ހަޤީގަތުގައި ދަރިން ހޯދުމަކުން އެކުދިން ނުބެލިގެން އުޅެން ނުޖެހޭނެ ކަމަށްވެސް މެމްބަރު ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގައި 2018 ވަނަ އަހަރު ކުރި ސާވޭއަކުން ދެއްކި ގޮތުގައި 2058 ވަނަ އަހަރު އަންނަ އިރު ރާއްޖޭގެ އާބާދީގައި ކުޑަކުދިންގެ ނިސްބަތް 28 ޕަސެންޓުން 18 ޕަސެންޓަށް ދަށްވާނެ އެވެ. އަދި އުމުރުން ދުވަސްވީ މީހުންގެ އާބާދިީ ފަސް ޕަސެންޓުން 40 ޕަސެންޓަށް އިތުރުވާނެ އެވެ. އެ ބަދަލު އަންނާނީ ދަރިމައިވުމުގެ ރޭޓް ދަށްވުމާ އެކު ހިޖުރަކުރާ މީހުންގެ އަދަދު އިތުރުވެގެން ކަމަށް ވެސް އެ ސާވޭއިން ވަނީ ދައްކާފައެވެ.


