އެމްޑީޕީގެ ވެންޓިލޭޓަރު ޚިޔާނާތް: ދިވެހި ސަރުކާރަށް 37 މިލިއަން ރުފިޔާ ދައްކަން ދުބާއީގެ ކޯޓުގެ އަމުރެއް

8 އޮކްޓޯބަރު 2025 - 07:35

ކޮވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރު ގަތުމަށް ހަވާލުކުރި އެއްބަސްވުމާ ހިލާފުވި މައްސަލާގައި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ކުންފުނިން ދިވެހި ސަރުކާރަށް 37 މިލިއަން ރުފިޔާ ދެއްކުމަށް ދުބާއީގެ ކޯޓުން އަމުރުކޮށްފިއެވެ.
އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވި ގޮތުގައި، 8.9 މިލިއަން ދިރުހަމް (37 މިލިއަން ރުފިޔާ) ހަތް ދުވަހުގެ ތެރޭގައި ދެއްކުމަށް އެ ކުންފުންޏާއި އެ ކުންފުނީގެ ހިއްސާދާރުންގެ މައްޗަށް ދުބާއީ ކޯޓުން އަމުރުކޮށްފައިވެއެވެ. އަދި މި އަމުރަށް ތަބާނުވެއްޖެނަމަ ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް އިތުރު ފިޔަވަޅުތައް އަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

Ad by Hajj Corporation
މި މައްސަލައިގެ ފެށުން އޮތީ 2020 ވަނަ އަހަރު އެއިރުގެ އެމްޑީޕީގެ ސަރުކާރުގެ ހެލްތު މިނިސްޓްރީއާއި އެގްޒެކިއުޓާސްއާ ދެމެދު ވެވުނު އެއްބަސްވުމަކާ ގުޅިގެންނެވެ. އެ އެއްބަސްވުމުގެ ދަށުން، ކުންފުނީގެ ގާބިލްކަމާއި ތަފްސީލުތައް ރަނގަޅަށް ބެލުމަކާ ނުލައި، އަދި ބޭންކް ގެރެންޓީއެއް ނެތި 34 މިލިއަން ރުފިޔާ އެއްފަހަރާ ދޫކުރިއެވެ. މިކަން އޮޑިޓަރ ޖެނެރަލްގެ ރިޕޯޓާއި އޭސީސީގެ ތަހުގީގު ރިޕޯޓުން ވަނީ ފާހަގަކޮށްފައެވެ.
އެއްބަސްވުމުގައިވާ ގޮތަށް ވެންޓިލޭޓަރުތައް ފޯރުކޮށްނުދިނުމުން، ހެލްތު މިނިސްޓްރީން 31 މިލިއަން ރުފިޔާ އަނބުރާ ހޯދަން މަސައްކަތްކުރިއެވެ. ނަމަވެސް މިހާތަނަށް އެ ފައިސާ ލިބިފައެއް ނުވެއެވެ. މައްސަލަ އާބިޓްރޭޝަނަށް ގެންދިޔަ ނަމަވެސް، އެ ކުންފުނިން އެއްވެސް ބަޔާނެއް ހުށަހަޅާފައި ނުވާކަން ފާހަގަކުރެވެއެވެ.
މިދިޔަ އަހަރުގެ މާޗު މަހު ދުބާއީ ކޯޓަށް މައްސަލަ ހުށަހެޅުނު އިރު، އާބިޓްރޭޝަނުން ވަނީ ބަދަލާއި އާބިޓްރޭޝަނަށް ދައްކަންޖެހޭ ފައިސާއާ އެކު 32 މިލިއަން ރުފިޔާ ދެއްކުމަށް އަމުރުކޮށްފައެވެ. އެހެންނަމަވެސް އެ އަމުރަށް ތަބާނުވުމުގެ ސަބަބުން، ޖޫރިމަނާ އާއެކު މިހާރު ދައްކަންޖެހޭ އަދަދު ވަނީ 37 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.
މި މައްސަލައަކީ އެމްޑީޕީގެ ސަރުކާރުން ހިންގާފައިވާ ބޮޑު ޚިޔާނާތްތަކުގެ ތެރެއިން އެއް ޚިޔާނާތެވެ. ޕޭޕަރ ކުންފުންޏަކާއި އުސޫލަށް ގާނޫނަށް ބެލުމެއްނެތި ވެންޓިލޭޓަރު ގެންނަން ފައިސާދީ، އެ ފައިސާއިން އެމްޑީޕީގެ އިސްވެރިން ޚިޔާނާތުގެ މުޑުދާރު އަމަލު ހިންގިކަމަށް ގިނަ ބަޔަކު ދެކެެއެވެ.