logoEN
ޚަބަރު

ޖިނާޢީ ޢަދުލުގެ ނިޒާމުގެ ކަންކަން ހަރުދަނާކުރުމަށްޓަކައި ބައްދަލުވުމެއް ބާއްވައިފި

ޖިނާޢީ ޢަދުލުގެ ނިޒާމުގެ ކަންކަން ހަރުދަނާކުރުމަށްޓަކައި ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: އޭޖީ އޮފީސް

ޖިނާޢީ ޢަދުލުގެ ނިޒާމުގެ ކަންކަން ހަރުދަނާކުރުމަށްޓަކައި ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: އޭޖީ އޮފީސް

އައިޝަތު ދިޔާނާ އަލީ ރިޔާޒްއައިޝަތު ދިޔާނާ އަލީ ރިޔާޒް

12 ފެބްރުއަރީ 2025 - 10:54

ދިވެހިރާއްޖޭގެ ޖިނާޢީ ޢަދުލުގެ ނިޒާމުގައި ހުރި ގޮންޖެހުންތަކާއި، ޖިނާޢީ ޢަދުލުގެ ނިޒާމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ހުރިހާ ސްޓޭކްހޯލްޑަރުން ގުޅިގެން ކުރެވޭނެ ކަންކަން ދެނެގަތުމަށްޓަކައި، ބަންޑާރަނައިބުގެ އޮފީހާއި އިނގިރޭސި ހައިކޮމިޝަނާ ގުޅިގެން "އަންލޮކިންގ ޖަސްޓިސް" ގެ ނަމުގައި ބައްދަލުވުމެއް ބާއްވައިފިއެވެ.

10 ފެބުރުވަރީ 2024 ގައި ކުރުނބާ މޯލްޑިވްސްގައި ބޭއްވި މި ބައްދަލުވުމަކީ، އިނގިރޭސި ހައިކޮމިޝަނުގެ ފަރާތުން ޓެޓްރާ ޓެކް އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓްއިން، ދިވެހިރާއްޖޭގެ ޖިނާޢީ ޢަދުލުގެ ނިޒާމާ ގުޅޭގޮތުން ކުރިއަށް ގެންގޮސްފައިވާ ދިރާސާގެ ހޯދުންތަކާއި، އެ ހޯދުންތަކުގެ އަލީގައި ކުރިއަށް އެޅޭނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ސްޓޭކްހޯލްޑަރުންގެ މެދުގައި ޚިޔާލު ބަދަލުކުރުމަށްޓަކައި ބޭއްވި ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަޙްމަދު މުޢުތަޞިމް ޢަދުނާނު ދެއްކެވި ވާހަކަފުޅުގައި، ޖިނާޢީ ޢަދުލުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ދެމެހެއްޓެނިވި، ވަށާޖެހޭ ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ފާހަގަކުރައްވާފައިވެއެވެ.

މީގެ އިތުރުން، ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ބައްދަލުވުމުގެ ބައިވެރިންނަށް މަރުޙަބާ ދަންނަވައި ވާހަކަފުޅު ދައްކަވާފައިވާއިރު،. ބަންޑާރަނައިބުގެ ވާހަކަފުޅުގައި، ޖިނާޢީ ޢަދުލުގެ ނިޒާމާގުޅޭ ޤާނޫނީ އޮނިގަނޑު ހަރުދަނާކުރުމަށްޓަކައި މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި، ޝަރީޢަތްތައް ލަސްވުމާގުޅޭ ކަންކަން ޙައްލުކުރުމަށްޓަކައި ސަރުކާރުން ފިޔަވަޅުތައް އަޅުއްވާނެކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ. އަދި، ޖިނާޢީ ޢަދުލުގެ ނިޒާމުގެ ކަންކަން އިތުރަށް ހަލުވިކުރުމަށްޓަކައި، މި ނިޒާމުގައި ހިމެނޭ ހުރިހާ ސްޓޭކްހޯލްޑަރުންގެ މެދުގައި މުޢާމަލާތްކޮށް މަޢުލޫމާތު ބަދަލުކުރުން ހަރުދަނާކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައިވެއެވެ.

މި ބައްދަލުވުމުގައި، ޖިނާޢީ ޢަދުލުގެ ނިޒާމާމެދު ސްޓޭކްހޯލްޑަރުންގެ ތަޞައްވުރާއި، ޖުޑީޝަލް ލީޑަރޝިޕްއާއި، މި ނިޒާމާއި ޑިޖިޓައިޒޭޝަނާހުރި ގުޅުމާ ބެހޭގޮތުން މަޝްވަރާކުރުމަށްޓަކައި، ދައުލަތުގެ ކަމާބެހޭ އިސްވެރިން ހިމެނޭހެން ތިން ޕެނަލް ޑިސްކަޝަން ކުރިއަށް ގެންދެވިފައިވެއެވެ.

"އަންލޮކިންގ ޖަސްޓިސް" އިނިޝިއޭޓިވްއަކީ، އިދާރާތަކުގެ ހިންގުން ހަރުދަނާކުރުމާއި، ޖިނާއީ ޢަދުލުގެ ނިޒާމުގެ މަސައްކަތްތަކާބެހޭ އިނގިރޭސިވިލާތުގެ ފަންނީ މާހިރުން ކަމުގައިވާ މިސްޓަރ ޖޯ ހޯމްސްއާއި، މިސްޓަރ ޑޭވިޑް ވެލްސްގެ ބެލުމުގެ ދަށުން ކުރިއަށް ގެންގޮސްފައިވާ މަސައްކަތެކެވެ.

ކޮމެންޓް

871x217_placeholder