logo
Bank of Maldives

Bank of Maldives

ޚަބަރު

ދިވެހިންނަށް ފުރުސަތު އިތުރުވާނެހެން ބޭރުގެ ވިޔަފާރިތަކަށް ބައެއް ދާއިރާތައް މަނާކޮށް، އައު ޤާނޫނެއްގެ ދަށުން ގަވާއިދުތައް އިއުލާންކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
8 އޮކްޓޯބަރު 2025 - 14:47
އިމިގްރޭޝަނުން ރާއްޖޭގައި ވިޔަފާރިކުރާ ބިދޭސީއެއް ޗެކް ކުރަނީ، ފޮޓޯ: އިމިގްރޭޝަން
އިމިގްރޭޝަނުން ރާއްޖޭގައި ވިޔަފާރިކުރާ ބިދޭސީއެއް ޗެކް ކުރަނީ، ފޮޓޯ: އިމިގްރޭޝަން

ދިވެހިރާއްޖޭގެ އިޤްތިޞާދު ދިވެހި ވިޔަފާރިވެރިންނަށް ޚާއްސަކޮށް، ބޭރުގެ އިންވެސްޓަރުންގެ ބައިވެރިވުން ހަރުދަނާ އުޞޫލެއްގެ ދަށުން ބައްޓަންކުރުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ ސެޕްޓެންބަރު 3، 2024 ގައި ތަޞްދީޤުކުރެއްވި "ފޮރިން އިންވެސްޓްމަންޓްގެ ޤާނޫނު" ގެ ދަށުން ކަނޑައަޅާފައިވާ "ފޮރިން އިންވެސްޓްމަންޓް އެންޓްރީ ރިކުއަރމަންޓްސް" މިއަދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފިއެވެ.

އިޤްތިޞާދީ މިނިސްޓްރީން ބުނެފައިވާ ގޮތުގައި، މި "ފޮރިން އިންވެސްޓްމަންޓް އެންޓްރީ ރިކުއަރމަންޓްސް" އާއެކު ރާއްޖޭގައި ބައެއް ވިޔަފާރި ދާއިރާތައް ބޭރުގެ ފަރާތްތަކަށް މަނާކޮށް، އަދި ވަކި ޝަރުޠުތަކަކާއެކު އިންވެސްޓްކުރެވޭނެ ދާއިރާތައް ވަނީ ކަނޑައަޅާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އިޞްލާޙުތަކަކީ ވަޒީރުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ކަންކަމެކެވެ. ދިވެހި ވިޔަފާރިވެރިން ވާދަވެރިކަމާއެކު ހަރަކާތްތެރިވަމުން އަންނަ އިޤްތިޞާދީ ޞިނާޢަތްތައް ދިވެހި ވިޔަފާރިވެރިންނަށް ޚާއްސަކުރުމަކީ މި އިޞްލާޙުގެ މައިގަނޑު އެއް މަޤްޞަދެވެ. މީގެ އިތުރުން، ބޭރުގެ އިންވެސްޓަރުންގެ ތަޖުރިބާއާއި އިންވެސްޓްމަންޓް ބޭނުންވާ ދާއިރާތަކަށް ފުރުޞަތު ފަހިކޮށްދިނުމަށް ވެސް މި އިޞްލާޙުތައް އެހީތެރިވެދޭނެއެވެ. ސަރުކާރުން މި ބަދަލުތައް ގެނެސްފައިވަނީ ދިވެހިރާއްޖޭގެ އިޤްޠިޞާދު ސިންދަފާތުކޮށް، އިޤްޠިޞާދު ކުރިއެރުވުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަށް ވާޞިލްވުމުގެ ގޮތުންނެވެ.

ޤާނޫނުގެ 11 ވަނަ މާއްދާގެ ދަށުން ކަނޑައަޅާފައިވާ "ފޮރިން އިންވެސްޓްމަންޓް އެންޓްރީ ރިކުއަރމަންޓްސް" ގައި ދާއިރާތައް ބެހިފައިވަނީ ތިން ބަޔަކަށެވެ. އެއީ:

  • ބޭރުގެ އިންވެސްޓްމަންޓްތަކަށް އެއްކޮށް ހުޅުވާލެވިފައިވާ ދާއިރާތައް.
  • ޖޮއިންޓް ވެންޗަރ އުޞޫލުން ބޭރުގެ އިންވެސްޓްމަންޓްތަކަށް ހުޅުވާލެވިފައިވާ ދާއިރާތައް.
  • ބޭރުގެ ފަރާތްތަކުން އިންވެސްޓް ކުރުން މަނާ ދާއިރާތައް.

މި ދާއިރާތައް ކަނޑައެޅުމުގައި އިޤްތިޞާދީ މިނިސްޓްރީން ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ތަފާތު ގިނަ ކަންކަމަށް ރިޢާޔަތްކޮށްފައިވެއެވެ. އެގޮތުން، ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތަށް ކުރާނެ އަސަރާއި، ޑޮމެސްޓިކް މާކެޓްގެ ވާދަވެރިކަން، އަދި ދިވެހި ވިޔަފާރިވެރިންގެ ބައިވެރިވުމުގެ މިންވަރަށް ބަލާފައިވެއެވެ.

މީގެ އިތުރުން، ބޭރުގެ އިންވެސްޓްމަންޓާއި ތަޖުރިބާ ބޭނުންވާ މިންވަރާއި، ދިގު މުއްދަތަކަށް ޤައުމީ އުފެއްދުންތެރިކަން ކުރިއެރުމަށް އެހީވާނެ މިންވަރާއި، އިންސާނީ ވަޞީލަތް ތަރައްޤީވެފައިވާ މިންވަރާއި، ވަޒީފާގެ ފުރުޞަތުތައް އުފެދޭނެ މިންވަރަށް ވެސް ވަނީ ފުންކޮށް ބަލާފައެވެ. މި އައު ގަވާއިދުތަކަށް ޢަމަލުކުރަން ފަށާނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންކަމުން މި އައު ގަވާއިދަށް މިއަދު ވަނީ ޢަމަލުކުރަން ފަށާފައެވެ.

ޓްރާންސިޝަން އިންތިޒާމުތައް:

މި ރިކުއަރމަންޓްސް ގެޒެޓް ކުރެވުމުން، ކުރިން ދީފައިވާ ހުއްދަތަކެއްގެ ދަށުން ރާއްޖޭގައި ހިންގަމުންދާ ބޭރުގެ ބައެއް ވިޔަފާރިތަކަށް މި އައު ބަދަލުތަކާ ގުޅޭގޮތުން ޓްރާންސިޝަން އިންތިޒާމުތަކެއް ހަމަޖައްސާފައިވެއެވެ. މި އިންތިޒާމުގެ މަޤްޞަދަކީ ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ރާއްޖެއާއި ދެމެދު ދަމަހައްޓައި، އެފަރާތްތަކުން ކޮށްފައިވާ އިންވެސްޓްމަންޓްތަކާމެދު ދެފުށްފެންނަ އަދި އިންސާފުވެރި ހަމަތަކެއްގެ މަތިން ޢަމަލުކުރުމާއެކުއެކީގައި ސަރުކާރުން ކަނޑައަޅާފައިވާ އައު ސިޔާސަތުތައް ނެގެހެއްޓުމެވެ.

ޓްރާންސިޝަން މުއްދަތު ކަނޑައަޅާނީ އެފަރާތްތަކުން މިހާތަނަށް ކޮށްފައިވާ އިންވެސްޓްމަންޓާއި، ޤާނޫނުތަކާއި ޤަވާއިދުތަކަށް ޢަމަލުކޮށްފައިވާ ގޮތް، އަދި ދިވެހިރާއްޖޭގެ އިޤްތިޞާދަށް ކޮންޓްރިބިއުޓް ކޮށްފައިވާ މިންވަރަށް ރިޢާޔަތްކޮށްގެންނެވެ. މި މުއްދަތުތައް 1 އަހަރާއި 7 އަހަރާއި ދެމެދުގެ މުއްދަތުތަކަށް ބެހިގެންވެއެވެ. ޓްރާންސިޝަން މުއްދަތުގައި، ރެސްޓްރިކްޓްކޮށްފައިވާ ނުވަތަ މުޅިން މަނާކޮށްފައިވާ ދާއިރާތަކުގައި ބޭރުގެ ފަރާތްތަކުން މިހާރު ފަށާފައިވާ ވިޔަފާރިތައް އިތުރަށް ފުޅާކުރުމުގެ ފުރުސަތެއް ނުދެވޭނެއެވެ. އަދި ކަނޑައެޅޭ މުއްދަތުގައި އައު އެންޓްރީ ރިކުއަރމަންޓްސްއަށް ކޮމްޕްލައި ކުރުމަށް ކުރަންޖެހޭ ކަންކަން ކުރިއަށް ގެންދަން ޖެހޭނެއެވެ.

ޓްރާންސިޝަން އިންތިޒާމުތަކާ ގުޅޭ ނިންމުންތައް ނިންމުމަށް އިޤްތިޞާދީ މިނިސްޓްރީގައި "ފޮރިން އިންވެސްޓްމަންޓް ޓްރާންސިޝަން ކޮމިޓީ" އެއް ވަނީ ޤާއިމުކުރެވިފައެވެ. ޓްރާންސިޝަންއަށް އެދޭ ފަރާތްތަކުން ފޯމް ފުރިހަމަކޮށް، ޓެކްސް ކްލިއަރެންސް، އޮޑިޓްކޮށްފައިވާ މާލީ ހިސާބުތައް، އަދި ހިއްސާދާރުންގެ އޮނިގަނޑު ފަދަ ލިޔެކިޔުންތަކާއެކު [email protected] އަށް ހުށަހެޅުމުން، ގިނަވެގެން 60 ދުވަހުގެ ތެރޭގައި މިނިސްޓްރީން ގޮތެއް ނިންމައި އިންވެސްޓަރަށް އެންގޭނެއެވެ. ކޮމިޓީގެ ނިންމުންތަކަށް ހުށަހެޅުމުގެ (އެޕީލް ކުރުމުގެ) ފުރުޞަތު ވެސް އިންވެސްޓަރުންނަށް ލިބިގެންވެއެވެ.

އިޤްތިޞާދީ މިނިސްޓްރީން ބުނެފައިވަނީ، ޓްރާންސިޝަން އިންތިޒާމުތަކާ ގުޅޭގޮތުންނާއި ރާއްޖޭގައި އިންވެސްޓް ކުރުމާގުޅޭގޮތުންވެސް އެއްވެސް ޚިދުމަތެއް ބޭނުންވާނަމަ، މިނިސްޓްރީން އެކަންކަން ފަހިކޮށްދޭނެ ކަމަށެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިވެހިންނަށް ފުރުސަތު އިތުރުވާނެހެން ބޭރުގެ ވިޔަފާރިތަކަށް ބައެއް ދާއިރާތައް މަނާކޮށްފިޚަބަރު | 12 ދުވަސް ކުރިންއާދިއްތަ ދުވަހުގެރޭގެ މާރާމާރީއާ ގުޅިގެން ދެ ބިދޭސީއަކު ޑީޕޯޓުކުރަނީޚަބަރު | 14 ދުވަސް ކުރިންބިދޭސީންގެ ފީ ނުދައްކާތީ 8000 އަށްވުރެ ގިނަ ފަރާތްތައް ސަސްޕެންޑްކޮށްފި ޚަބަރު | މަހެއް ކުރިންޕާކިސްތާނުގައި ބާއްވާ ހޭންޑްމޭޑް ކާޕެޓް އެގްޒިބިޝަންގައި ބައިވެރިވުމުގެ ފުރުސަތު ޚަބަރު | 3 މަސް ކުރިން