ޓްރަމްޕް ނޯބެލް ސުލްޙައިގެ އިނާމުގެ އިންތިޒާރުގައި، މަދަދުދެނީ ނަތަންޔާހޫ

10 އޮކްޓޯބަރު 2025 - 09:24

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ނޯބެލް ސުލްޙައިގެ އިނާމަށް އިންތިޒާރުކުރަމުންދާއިރު އޭނާ ބުނާގޮތުގައި އޭނާ އަކީ ފަހުގެ ހަނގުރާމަ ނިންމި ޗެމްޕިއަނެކެވެ. އަދި އެ އިނާމު އޭނާ އަށް ހައްގުކަމަށް ދައުވާކުރަމުން އާދެއެވެ.
ޓްރަމްޕާއި އެމެރިކާގެ އެހީގައި އިސްރާއީލުގެ އަނިޔާވެރިކަން އިންތިހާގައި

Ad by Hajj Corporation
މިފަހުން ދުނިޔެ ދުއް އެންމެ އަނިޔާވެރި ލާއިންސާނީ ހަނގުރާމައަކީ 2023 ވަނަ އަހަރު އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ފެށި ހަނގުރާމައެވެ. އެ ހަނގުރާމައަށް ހިތްވަރާއި ފައިސާއާއި ހަތިޔާދޭ އެންމެ ބޮޑު ބައިވެރިއަކީ އެމެރިކާއެވެ. ޓްރަމްޕް ދެވަނަ ދައުުރު ކާމިޔާބު ކުރިއިރު ވެސް ހަގީގަތް އޮތީ މިހެންނެވެ. ނަމަވެސް އޭނާ ވެރިކަމަށް އައުމާއެކު އިސްރާއީލުގެ ޖައްބާރުކަން އިންތިހާއަށް ގޮސް، ޣައްޒާ ސުންނާފަތިކޮށް، ނަސްލު އެއްކޮށް ނައްތާލުމުގެ އޮޕަރޭޝަންތައް އައީ ހިންގަމުންނެވެ. ހަތިޔާރެއް ބާރެއް ނެތް ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުގެ ޓޭންކަރުތަކާއި ބޮންތަކާއި މިސައިލްތައް އޮއްސަމުން ގޮސްފައިވާއިރު، ދެ އަހަރުވީއިރުވެސް އެ ހަނގުރާމައިން އިސްރާއީލް މޮޅެއްނުވިއެވެ. އެހެންވެ މިހާރު ވަނީ ހަނގުރާމަ ހުއްޓާލަން ނިންމާފައެވެ.
ޓްރަމްޕްގެ ދައުވާ
ޓްރަމްޕަކީ ކިންމެ ބޮޑު އަނިޔާވެރިއެއްނަމަވެސް އިސްރާއީލަށް އެއީ ރަންގަނޑެކެވެ. އަދި ދުނިޔެއަށް ދައްކަން ވެސް ބޭނުން ވަނީ އެ ގޮތަށެވެ. ޓްރަމްޕް މިހާރު އެންމެ ބޭނުންވެގެން އުޅެނީ ނޮބައިލް ސުލްހައިގެ އިނާމެވެ. އޭނާ ބުނާގޮތުން ޕާކިސްތާނު-އިންޑިއާ ހަނގުރާމަ ހުއްޓުވީ އޭނާއެވެ. އެފްރިކާގެ މަސްރަހް ސުލްހަކުރީ ވެސް އޭނާއެވެ. ޔުކްރޭނު-ރަޝިޔާ ހަނގުރާމަ ހުއްޓުވުމަށް މަސައްކަތްކުރާ މީހަކީވެސް އޭނާއެވެ. އެންމެ ފަހުން ޣައްޒާ ަހނގުރާމަ ހުއްޓުވަނީ ވެސް އޭނާއެވެ.
ލަނޑަޔާވާނީ ލަނޑަޔާ
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ވަނީ ބުރާސްފަތި ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ނޯބެލް ސުލްޙައިގެ އިނާމު ލިބުމަށް އަލުން ތާއީދުކޮށް ވާހަކަދައްކާފައެވެ.
"ޑޮނަލްޑް ޓްރަމްޕަށް ނޯބެލް ސުލްޙައިގެ އިނާމުދީ، އެ އިނާމް އޭނާ އަށް ޙައްޤު!" އެކްސްގައި ކުރި ޕޯސްޓެއްގައި ނަތަންޔާހޫ ބުނެފަވެއެވެ.
މި ޕޯސްޓާއެކު ރަން މެޑެއްގެ އިމޯޖީއަކާއި، އިނާމު ބަލައިގަންނަ ޓްރަމްޕްގެ ކުރެހުމެއްވެސް ހިމަނާފަވެއެއެވެ.
ނަތަންޔާހޫ އެންމެ ފުރަތަމަ ޓްރަމްޕް މި އިނާމަށް ނޮމިނޭޓް ކުރީ ޖުލައި މަހުގައެވެ. މިގޮތަށް ނޮމިނޭޓް ކުރިސަބަބުތަކުގެ ތެރޭގައި އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓުވުމުގައި އެމެރިކާގެ ދައުރާއި، މެދުއިރުމަތީގެ ދެ ޤައުމުގެ މެދުގައި ހިނގަމުންދިޔަ ހަނގުރާމަ ހުއްޓުވުމަށް ހަދާފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ހިމެނޭކަމަށް ބުނެފަވެއެވެ.
"އެކަމަށް ކަލޭ ޙައްޤުވެއެވެ. އަދި އެ އިނާމު ކަލެއަށް ލިބެންވާނެއެވެ،" ނަތަންޔާހޫ އެއިރުވެސް ބުނެފަވެވެއެވެ.
ނޯވޭގެ ކޮމިޓީން މި މަޝްހޫރު އިނާމު ލިބޭ ފަރާތް ހުކުރު ދުވަހު އިޢުލާނު ކުރާނެއެވެ. މިއީ ޓްރަމްޕް އެތައް ދުވަހެއް ވަންދެން ދެކެމުން އައި ހުވަފެނެކެވެ.
ބުދަ ދުވަހު ޓްރަމްޕް ވަނީ އިސްރާއީލާއި ހަމާސްއިން އެމެރިކާ ހުށަހެޅި ސުލްޙަ މަޝްރޫޢުގެ ފުރަތަމަ މަރުޙަލާއަށް އެއއްބަސްވެފައިވާ ކަމަށް އިޢުލާނު ކޮށްފައެވެ. މި މަޝްރޫޢުގެ ދަށުން ހަމާސްއިން ހިފަހައްޓާފައިވާ އިސްރާއީލުގެ ހުރިހާ ރަހީނުން ދޫކޮށްލުމާއި، ޣައްޒާއިން އިސްރާއީލު ސިފައިން އަނބުރާ ގެނައުން ހިމެނެއެވެ.
މި ހަނގުރާމަ ފެށުނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސްއިން ދިފާއުގައި އިސްރާއީލަށް ދިން ހަމަލާއަކަށްފަހުއވެެ. މި ހަމަލާގައި އިސްރާއީލުގެ 1,200 އެއްހާ މީހުން މަރުވިއެވެ. މިހާތަނަށް މި ހަނގުރާމައިގައި 67,000 އަށްވުރެ ގިނަ ފަލަސްޠީނު ރައްޔިތުން ޝަހީދުވެފައިވެއެވެ. މިއީ އިސްރާއީލު އުފެދުނީއްސުރެ ދެ ފަރާތުގެ މެދުގައި ހިނގި އެންމެ ލޭއޮހޮރުވުން ބޮޑު ހަނގުރާމައެވެ.