މެދުއިރުމަތީގެ ގައުމުތަކުގައި ދިރިއުޅޭ ދިވެހިން ސަމާލުވުމަށް ސަރުކާރުން އެދިއްޖެ
28 ފެބްރުއަރީ 2026 - 14:08

މެދުއިރުމަތީގެ ގައުމުތަކުގައި ދިރިއުޅޭ ދިވެހިންނާއި އެސަރަހައްދަށް ދަތުރުކުރާ ދިވެހީން ސަމާލުވުމަށް ދިވެހި ސަރުކާރުން އެދިއްޖެއެވެ.
ދިވެހި ސަރުކާރުން މިގޮތަަށް އެދިފައިމިވަނީ މެދުއިރުމަތީގައި މިއަދު ފަށާފައިވާ ހަނގުރާމައާ ގުޅިގެންނެވެ.

Ad by Hajj Corporation
ރާއްޖޭގެ ފޮރިން މިނިސްޓްރީން ވަނީ ހާއްސަކޮށް ހަމަލާ އަމާޒުވަމުންދާ ގައުމުތަކުގައި މިވަގުތުތިބި ދިވެހިން ބޭރުތެރެއަށް ނުކުމެ އުޅުން ވީހާވެސް މަދުކުރުމަށާއި އެގައުމެއްގެ ސަރުކާރުން ސަލާމަތާ ރައްކާތެރިކަމަށް ދެއްވާ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި އެ ސަރަޙައްދުގައި މިވަގުތު ތިބި ދިވެހިންގެ ހާލަތު، މިނިސްޓްރީންނާއި މެދުއިރުމަތީގައިހުންނަ ދިވެހިރާއްޖޭގެ އެމްބަސީތަކުން ގާތުން ބަލަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
މީގެއިތުރުން ބޭނުންވެއްޖެ ހިނދެއްގައި ކޮންސިއުލަރ އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން، އެ ސަރަޙައްދުގައި އުޅޭ އެންމެހާ ދިވެހިން ވީ އެންމެ އަވަހަކަށް އެންމެ ކައިރީގައި ހުރިދިވެހިރާއްޖޭގެ އެމްބަސީ އެއްގައި ރަޖިސްޓްރީވުމަށް ވެސް ވަނީ އެދިފައެވެ.
މިސަރަޙައްދުގައިވާ އެމްބަސީތަކާއި މިނިސްޓްރީގެ ހޮޓްލައިން ނަންބަރުތަކަކީ:
ދޯހާ ގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ: 97451777896 +
ޔޫ.އޭ.އީ ގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ: 97126740200 +
ސައުދީ އަރަބިއްޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ: 966506894477 +
މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ކޮންސިއުލާ ހޮޓްލައިން: 7983400(ވަޓްސްއެޕް)
އީމެއިލް: consular@foreign.gov.mv
އިރާނަށް ހަމަލާދޭނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެމުންދާތާ ދުވަސްކޮޅެއް ފަހުން މިއަދުވަނީ އެމެރިކާ އާއި އިސްރާއީލު ގުޅިގެން އިރާނަށް ހަމަލާދީފައެވެ. އެހަމަލާގެ ބަދަލެއްގެ ގޮތުން އިރާނުން ވަނީ އިސްރާއީލާއި މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކަށް އަމާޒުކޮށް ހަމަލާދީފައެވެ.
އެގޮތުން ބަހްރެއިން، ޔޫއޭއީ، ކުވައިތުގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކަށް އިރާނުން ވަނީ ހަމަލާދީފައެވެ. މިއާއެކު މެދު އިރުމަތީގެ ގިނަ އެއަރޕޯޓްތަކެއް ހުއްޓުމަކަށް އައިސްފައިވާއިރު އެގައުމުތަކުން ވަނީ ގައުމުތަކުގައި ދިރިއުޅޭ ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްވެސް އިލްތިމާސްކޮށްފައެވެ.


