ޤައުމީ ޓީމުގެ ކުޅުންތެރިންނާއެކު ކުޑަކުދިންގެ ހަވީރެއް މިއަދު ބާއްވަނީ
11 އޮކްޓޯބަރު 2025 - 06:22

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން "ފޯރީގައި ދަނޑަށް" ނަމުގައި ކުޑަކުދިންގެ ހަވީރެއް މިއަދު އާޓިފިޝަލް ބީޗް ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ. މި ހަވީރުގެ ހަރަކާތްތައް ކުރިއަށްދާނީ ހަވީރު 4:00 އިން އިރުއޮއްސި 6:00 އަށެވެ.
މި ހަރަކާތް އިންތިޒާމުކުރުމުގެ މައިގަނޑު މަޤްސަދަކީ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި މިމަހުގެ 14 ވަނަ ދުވަހު ތަޖިކިސްތާނާ ދެކޮޅަށް ރާއްޖެ ނުކުތުމުގެ ކުރިން ދިވެހި ގައުމީ ޓީމަށް ހިތްވަރުދިނުމާއި، ޤައުމީ ޓީމު ކުޅޭ މެޗަށް ވީހާވެސް ގިނަބަޔަކު ކުޅިބަލަން ދަނޑަށް ދިޔުމަށް ހިތްވަރުދިނުމާއި، ޓީމުގެ ކުޅުންތެރިންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމުގެ ފުރުސަތު ކުޑަކުދިންނަށް ހޯދައިދިނުމެވެ.

Ad by Hajj Corporation
މި ހަވީރުގެ ހަރަކާތްތަކުގެ ތެރޭގައި ރޮބޮމޭން އާއި ސައިފްގެ އިތުރުން މަގްބޫލު ބޮޑުބެރު ގްރޫޕް ބިދަބިންގެ ހަރަކާތްތައް ހިމެނެއެވެ. އަދި މީގެ އިތުރުން ރާއްޖެ އަދި ތަޖިކިސްތާނު މެޗުގެ ޓިކެޓް ވިއްކުމުގެ ކަންކަންވެސް އެ ސަރަހައްދުން ކުރިއަށްދާނެއެވެ. ހަމައެއާއެކު، ގައުމީ ޓީމުގެ ކުޅުންތެރިންނާ ބައްދަލުކޮށް ފޮޓޯ ނެގުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ.
އެފްއޭއެމްއިން ހާމަކުރި ގޮތުގައި، އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގ މެޗުގެ ޓިކެޓް އަގުތައް ވަނީ ކަނޑައަޅާފައެވެ. މިގޮތުން ގޮނޑިބަރި ޓިކެޓް ވިއްކާނީ 100 ރުފިޔާއަށް އަދި ސިޑިބަރީ ޓިކެޓް ވިއްކާނީ 50 ރުފިޔާއަށެވެ.
އެފްއޭއެމްއިން ވަނީ "ފޯރީގައި ދަނޑަށް" ހަރަކާތުގައި ވީހާވެސް ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިވެ، މި ޚާއްސަ ފުރުސަތުގެ ބޭނުން ހިފުމަށް އާންމުންނަށް ގޮވާލާފައެވެ.


