އޭޝިއަން ކަޕް ކޮލިފައިންގެ ފަހުމެޗުގައި ފަހުވަގުތުގައި ރާއްޖެއަށް މޮޅެއް
31 މާރިޗު 2026 - 16:45

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގެ ގްރޫޕް އޭގައި ޓިމޯ ލެސްޓޭ އާއި ދިވެހިރާއްޖެ ބައްދަލުކުރި މެޗު ފަހަތުން އަރާ 2-1 އަކުން ދިވެހިރާއްޖެ ކާމިޔާބުކޮށްފިއެވެ. މެޗު ފެށިގެން ރާއްޖެ ޓީމުން ވަނީ އެޓޭކިން މޮޅު ކުޅުމެއް ކުޅެ، ލަނޑެއް ޖަހަން ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.
މެޗުގެ 24 ވަނަ މިނެޓުގައި އަޙްމަދު އައިހަމް އޭރިއާ ތެރެއަށް ހުރަސްކޮށްދިން ބޯޅައަކުން އިބްރާޙީމް މަހުދީ ހުސެއިން ބޮލުން ފޮނުވާލި ހަމަލާ، ޓިމޯ ލެސްޓޭގެ ކީޕަރު ޑިލަން ހޯސޭ ނިސްކީ ވަނީ ގޯލު ލައިން މަތިން ދިފާއުކޮށްފައެވެ. އޭގެ ފަހުން ނާއިޒް ހަސަންއަށް ލިބުނު ހުސް ފުރުސަތެއްގައި ކީޕަރު ކައިރިން ބީޓުކޮށްލުމަށް ކުރި މަސައްކަތް ވެސް ކީޕަރު ވަނީ ނާކާމިޔާބުކޮށްލާފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

Ad by Hajj Corporation
ދެވަނަ ހާފު ފަށައިގެންވެސް ރާއްޖެއިން މޮޅަށް ކުޅެމުން ދަނިކޮށް، ޓިމޯ ލެސްޓޭއިން ވަނީ ކައުންޓާ އެޓޭކެއްގައި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެލެކްޒެންޑްރޯ ބަޙިތޯ ލެމޯސް އެވެ. ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 4 މިނެޓަށް ވެފައި ވަނިކޮށް، އިރުފާން ވަނީ ރާއްޖެއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.
މެޗުގެ ފަހު 10 މިނެޓުގައި ކުޅެން ނިކުތް ތަޖުރިބާކާރު ދެ ކުޅުންތެރިން ކަމަށްވާ އަލީ އަޝްފާގް (ދަގަނޑޭ) އާއި އަލީ ފާސިރު (ސެންޓޭ) ވަނީ މެޗުގެ ނަތީޖާ ބަދަލުކޮށްލުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އަޝްފާގް ޤައުމީ ޓީމަށް ކުޅެދިން 99 ވަނަ މެޗުގެ އިތުރު ވަގުތުގައި އޭނާ ހޯދައިދިން ޕެނަލްޓީއަކުން، ރާއްޖެ މޮޅުކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ އަލީ ފާސިރެވެ.
މި މޮޅާއެކު ރާއްޖެއިން ވަނީ މުހިންމު ތިން ޕޮއިންޓް ކަށަވަރުކޮށްފައެވެ. މިއީ މެޗުގެ ފަހު ވަގުތާ ޖެހެންދެން ހިތްވަރުގަދަ ކުޅުމެއް ދައްކައިގެން ރާއްޖެއިން ހޯދި މުހިންމު ކާމިޔާބީއެކެވެ.

.jpg&w=3840&q=75)
