ރާއްޖެއާއި ދެކޮޅަށް ކުޅުނު ދެވަނަ މެޗުވެސް ފަލަސްޠީނުން ކާމިޔާބުކޮށްފި
16 ނޮވެމްބަރު 2025 - 03:50

ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުވެސް މެ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކާމިޔާބުކޮށްފިއެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު މި މެޗުން ފަލަސްތީން މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ. މި ދެ ޓީމުވެސް މި މެޗުތައް ކުޅެމުން އަންނަނީ ކުރިއަށް އޮތް 17 އަހަރުން ދަށުގެ އޭއެފްސީ އޭޝިއަން ކަޕުގެ ކޮލިފައިން މެޗުތަކަށް ތައްޔާރުވުމުގެ ގޮތުންނެވެ.
ފުރަތަމަ މެޗާ އަޅާބަލާއިރު ދިވެހި ޓީމުގެ ފަރާތުން މި މެޗުގައި ރަނގަޅު ކުޅުމެއް ފެނިގެންދިޔައެވެ. މެޗުގެ ކުރީކޮޅު ރާއްޖޭގެ ކުޅުންތެރިން ވަނީ ބޯޅަ ހިފަހައްޓައިގެން ގިނަ ވަގުތު ކުޅެފައެވެ. ނަމަވެސް މެޗުގެ 14 ވަނަ މިނިޓުގައި އާމިން އިދުރީސް ފަލަސްތީނަށް ލީޑު ނަގައިދިނެވެ. މި ލަނޑަށްފަހު ފަލަސްތީން ޓީމުން މާ އެދެވޭ ހަމަލާއެއް ފޮނުވާލެވިފައި ނުވާއިރު، ފުރަތަމަ ހާފުގެ ފަހުކޮޅު އެ ޓީމަށް ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބިފައިވެއެވެ.

Ad by Hajj Corporation
ފަލަސްތީންގެ ލީޑު ފުޅާކުރީ ފުރަތަމަ ހާފުގެ އިތުރު ވަގުތު ތެރޭގައި ޔަޒާން ހަލައިފީ ކާމިޔާބު ކުރި ލަނޑުންނެވެ. މެޗުގެ ދެވަނަ ހާފު ފެށުމާއެކު ފަލަސްތީން ޓީމުން ގިނަ ބަދަލުތަކެއް ގެނައި ނަމަވެސް، މި ހާފުގައި ދިވެހި ޓީމަށް އެދެވޭ ކުޅުމެއް ދެއްކޭގޮތް ވަނީ ނުވެފައެވެ. ފަލަސްތީންގެ ތިންވަނަ ލަނޑު މެޗުގެ 84 ވަނަ މިނިޓުގައި ކާމިޔާބު ކުރީ އާދަމް ހަފާފީއެވެ. މި ދެ ޓީމު ވާދަކުރި ފުރަތަމަ އެކުވެރިކަމުގެ މެޗު ފަލަސްތީން ކާމިޔާބުކުރީ 6-0 ލަނޑުންނެވެ.
ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު އަންނަނީ މި މަހުގެ 22 އިން 30 އަށް އިންޑިއާގައި ކުރިއަށްދާ އޭއެފްސީ އޭޝިއަން ކަޕުގެ ކޮލިފައިންގެ ގްރޫޕް ޑީގެ މެޗުތަކަށް ތައްޔާރުވަމުންނެވެ. ރާއްޖޭގެ ޓީމު ހިމެނޭ ގްރޫޕް އެފްގެ މެޗުތައް ކުޅޭނީ ތައިލެންޑުގައެވެ. ހަނގުރާމައިގެ ސަބަބުން ފުޓްބޯޅަ ކުޅޭނެ މާހައުލެއް ނެތުމުން ފަލަސްތީނުގެ ޓީމުން ރާއްޖޭގައި ކުރިއަށް ގެންދާ މި ކޭމްޕްގައި މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ތަމްރީން ހަދާނެއެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަނީ ފަލަސްތީނުގެ ފުޓްބޯޅައަށް އެހީތެރިވުމުގެ ގޮތުން މި ދެ މެޗުގައި ސްވެނިއަރ ޓީކެޓްތަކެއް ވިއްކާފައެވެ.


