އޭއައި ދާއިރާއިން މުދައްރިސުން ތަމްރީނުކުރަން ކެމްޕެއިނެއް ފަށަނީ
11 އޮކްޓޯބަރު 2025 - 06:56

އަރޓިފިޝަލް އިންޓެލިޖެންސް (އޭއައި) ދާއިރާއިން މުދައްރިސުން ތަމްރީނުކުރުމަށް އަންނަ އަހަރު ބޮޑު ކެމްޕެއިނެއް ފަށްޓަވާނެކަމަށް ތައުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީއު ވިދާޅުވިއެވެ.
ވަޒީރު މިހެން ވިދާޅުވީ ޕްރިންސިޕަލުންގެ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ތައުލީމީ ވަޒީރު ވިދާޅުވީ، މުދައްރިސުންގެ ދުޅަހެޔޮކަމާއި މުދައްރިސުންގެ ތައުލީމީ ފެންވަރު މަތިކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް މި ސަރުކާރުން ކުރަމުންދާ ކަމަށެވެ. އަދި މުދައްރިސުންނަށް ތަފާތު އެކި ތަމްރީނުތައް ދިނުމާއި މަސައްކަތްތައް ލުއިފަސޭހަކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަން ވެސް ވަޒީރު ފާޙަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ މުދައްރިސުންގެ ހުނަރުތައް ތަރައްޤީކުރުމަށް ގިނަ މަސައްކަތެއް ރޭވިފައިވާކަމަށެވެ. އެގޮތުން އަންނަ އަހަރު އޭއައި ދާއިރާއިން މުދައްރިސުން ތަމްރީނުކުރުމަށް ބޮޑު ކެމްޕޭނެއް ފަށްޓަވާނެކަމަށާއި މީގެދަށުން އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން އެކި މާއްދާތައް ކިޔެވުމަށް ބޭނުންވާ އުކުޅުތަކާއި ފަންނީ ޤާބިލުކަން މަތިކުރުމަށް ދޭންޖެހޭ ތަމްރީންތައް ލިބޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ރޯދަމަހުގައި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓަށް އެކަށީގެންވާ މުއްދަތު ހިމަނާފައިވާނެކަމަށް ވަޒީރުގެ ވާހަކަފުގައި ވިދާޅުވިއެވެ.

Ad by Hajj Corporation
ވަޒީރު ވިދާޅުވީ އުނގެނުމުގެ މަތީގައި ދެމިތިބޭ ޤައުމަކަށް ވެވޭނީ ވިސްނާ ފިކުރުކުރާ ޒުވާނުންތަކެއް ބިނާކުރެވިގެންކަމަށެވެ. އެހެންނޫނީ މަދަރުސާ ނިންމާފައި ނުކުންނަށް ޒުވާނުން މާ އުފެންދުންތެރި އޮއްޓަރު ހުރި ކަމެއްގައި ނޫޅެވި އުޅެންޖެހިދާނެކަމަށް ވިދާޅުވިއެވެ.
ވަޒީރު ޝަފީއު ވިދާޅުވީ ދިރިއުޅުމާއި ދޭތެރޭ ވިސްނާ ދުނިޔޭގައި ހިނގާ ކަންކަމާމެދު ވިސްނާ އުފެންދުންތެރި ކުދިންތަކެއް ބިނާ ކުރެވޭނީ ފަންނީ ގޮތުން މުދައްރިސުންގެ ޤާބިލްކަން އިތުރުކުރެވޭ މިންވަރަކުން ކަމަށެެވެ. މިކަންކުރެވޭނީ ކަރިކިއުލަމަށް ބަދަލު ގެނެސްގެންކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ ކަރިކިއުލަމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.
އެގޮތުން އޭގެ މެޕިންގެ މަސައްކަތް މިހާރު ނިމިފައިވާކަމަށާއި ކޮންޓެންޓު ރިވިޝަންގެ ބޮޑު މަސައްކަތްތަކެއް އަންނަ އަހަރު ކުރިއަށް ގެންދަވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މަދަރުސާތަކުގައި ތައުލީމު ފޯރުކޮށްދެނީ އިސްލާމްދީން ދެކެ ލޯބިވާ ޤައުމުދެކެ ލޯބިވާ ދަރިވަރުންތަކެއް ބިނާކުރުމަށްކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެންމެ މުހިންމު އިސްކަމެއްދެއްވާ އެއްކަމަކީ ސިކުނޑިތައް ތަރައްޤީކޮށް ވިސްނާ ޤައުމުދެކެ ލޯބިވާ ރައްޔިތެއް އުފެއްދުންކަން ތަކުރާރުކުރައްވަމުން، ތައުލީމީ ނިޒާމުގެ ތެރެއިންވެސް ދިރިއުޅުމަށް ތައްޔާރުވާ ކުއްޖަކު ތައްޔާރުކުރުމުގައި ބޮޑަށް ވިސްނަންވީ ފިކުރުކުރާ ބިނާކުރަނިވި ކުއްޖަކު އުފެއްދުމަށްކަމަށް ވަޒީރު ވިދާޅުވިއެވެ.