ހެޓްރިކާއެކު ހާލަންޑް އިސްރާއީލަށް ކުޅިސަމާ ދައްކާލައިފި
11 އޮކްޓޯބަރު 2025 - 18:21

ވޯލްޑްކަޕަށް ކޮލިފައިވުމުގެ އުއްމީދުގައި ތިބި އިސްރާއީލަށް ނޯވޭއިން ކުޅިސަމާ ދައްކާލައިފިއެވެ. ވޯލްޑްކަޕް ކޮލިފިކޭޝަން ގްރޫޕް އައި ގައި ނޯވޭ ވަނީ އިޒްރޭލް 5-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ބަލިކޮށްފައެވެ. މިމެޗުގައި ޕެނަލްޓީ ދެފަހަރަށްޖަހަން ހާލަންޑް އަށް ލިބުނު ނަމަވެސް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. މިމެޗުގައި އިސްރާއީލުން ބައިކޮޅަށް ދެގޯލުޖަހާފައިވާއިރު، މިމެޗުގައި ހާލަންޑް ވަނީ ހެޓްރިކެއް ހަދާފައެވެ.
މެޗުގެ ތިންވަނަ މިނެޓުގައި ޕެޓްރިކް ބާގް އަށް ފައުލްވުމުން ލިބުނު ޕެނަލްޓީ ހާލަންޑް ޖެހުމުން އިޒްރޭލްގެ ގޯލްކީޕަރު ޑެނިއަލް ޕެރެޒް ވަނީ ހުއްޓުވާލާފައެވެ. ވީއޭއާ އިން ގޯލްކީޕަރު ގޯލު ލައިނުން ކުރިއަށް ޖެހިފައި ހުރިކަމަށް ނިންމުމާއެކު، ދެވަނަ ފުރުސަތެއް ލިބުނު ނަމަވެސް، ހާލަންޑްގެ ޕެނަލްޓީ އަނެއްކާވެސް ޕެރެޒް ވަނީ ހުއްޓުވާލާފައެވެ.

Ad by Hajj Corporation
ނަމަވެސް އިޒްރޭލަށް ލިބުނު މި ހިތްހަމަޖެހުން ގިނަ އިރެއް ނުދެމިގެންދިޔައެވެ. 18 ވަނަ މިނެޓުގައި އަލެކްސަންޑަރ ސޯލޮތުގެ ކްރޮސް އަނަން ހަލައިލީގެ ބުރަކަށީގައި ޖެހި ބައިކޮޅަށް ގޯލަށް ވަދެގެން ދިޔައެވެ. އޭގެ ފަހުން ހާލަންޑް ވަނީ ސޯލޮތުގެ ޕާހަކާއެކު ފުރަތަމަ ގޯލު ޖަހާފައެވެ.
28 ވަނަ މިނެޓުގައި ނޯވޭގެ ތިންވަނަ ގޯލު އައީ ހާލަންޑްގެ ޕްރެސިންގ އަކާ ގުޅިގެންނެވެ. އޭނާގެ ޕްރެސިންގ އާ ގުޅިގެން ޕެރެޒްގެ ކްލިއަރެންސް އިޒްރޭލްގެ ޑިފެންޑަރު އިދަން ނަޗްމިއަސްގެ ގައިގައި ޖެހި ގޯލަށް ވަދެގެން ދިޔައެވެ.
ދެވަނަ ހާފުގައި އެންޓޯނިއޯ ނޫސާގެ ދެ ކްރޮސްއަކުން ހާލަންޑް ވަނީ އިތުރު ދެ ގޯލު ޖަހާފައެވެ. މިއާއެކު ހާލަންޑް ވަނީ އޭނާގެ ބައިނަލްއަގުވާމީ ކެރިއަރުގައި 46 މެޗުން 51 ގޯލު ޖަހާފައެވެ. މިއީ ހެރީ ކޭން (71 މެޗު)، ލިއޯނަލް މެސީ (107 މެޗު) އަދި ކްރިސްޓިއާނޯ ރޮނާލްޑޯ (114 މެޗު) އަށްވުރެ މާ މަދު މެޗަކުން 50 ގޯލުގެ ރެކޯޑަށް ވާސިލުވި އަދަދެކެވެ.
2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި ހާލަންޑް މިހާރު ވަނީ 6 މެޗުން 12 ގޯލު ޖަހާފައެވެ. މި ސައިކަލްގައި އެހެން އެއްވެސް ކުޅުންތެރިއަކު 6 ގޯލަށްވުރެ ގިނަ ގޯލެއް ނުޖަހައެވެ.
މިމެޗުން އިސްރާޢީލް ބަލިވުމާއެކު މިގްރޫޕްގައި ކޮލިފައިން ވުމުގެ އަމިއްލަ ބާރު ވަނީ ގެއްލިފައެވެ. ގްރޫޕްގެ އެއްވަނަ އޮޓޮމެޓިކުން ކޮލިފައިވާއިރު ދެވަނަ ޓީމަށް ކޮލިފައިވުމަށް އިތުރު މެޗު ލިބޭނެއެވެ. މިވަގުތު އެއްވަނައިގައި ނޯވޭ އޮތްއިރު، ދެމެޗު މަދުންކުޅެ އިޓަލީ އޮތީ ދެވަނައިގައެވެ. އިސްރާއީލު އޮތީ ތިންވަނަގައެވެ.


