ހަތަރު އަހަރުފަހުން ޤައުމީ ޓީމު ގަލޮޅު ދަނޑަށް ނިކުންނަނީ
14 އޮކްޓޯބަރު 2025 - 05:40

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ދިވެހިރާއްޖެ އާއި ތަޖިކިސްތާނު ބައްދަލުކުރާ މިއަދު ކުޅެވޭނެއެވެ. އެގޮތުން މިއަދު ހަވީރު 15:30 ގައި ގަލޮޅު ދަނޑުގައި މިމެޗަށް ޤައުމީ ޓީމު ނިކުންނައިރު، މެޗަކީ ގައުމީ ޓީމުން ގަލޮޅު ދަނޑުގައި 733 ދުވަހުގެ ފަހުން ކުޅޭ ފުރަތަމަ މެޗެވެ.
ގައުމީ ޓީމުން އެންމެ ފަހުން ގަލޮޅު ދަނޑުގައި މެޗެއް ކުޅެފައިވަނީ 2021 ވަނަ އަހަރުގެ އޮކްޓޫބަރު 12 ވަނަ ދުވަހު، ވޯލްޑް ކަޕް ކޮލިފައިން ޕްރިލިމިނަރީ ބުރުގައި ބަންގްލަދޭޝްއާ ދެކޮޅަށެވެ. އެ މެޗު ނިމުނީ 1-1 އިން އެއްވަރުވެފައެވެ.

Ad by Hajj Corporation
ގައުމީ ޓީމުގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ވިދާޅުވި ގޮތުގައި ތަޖިކިސްތާނަކީ ވަރުގަދަ ޓީމެއް ނަމަވެސް، ގަލޮޅު ދަނޑުގައި ދިވެހި ސަޕޯޓަރުންގެ އެހީއާއެކު މި މެޗުގައި ރާއްޖެއަށް ރަނގަޅު ނަތީޖާއެއް ހޯދުމުގެ ފުރުސަތު އެބައޮތެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ތަޖިކިސްތާނުގެ ދަނޑުގައި ކުޅުނު މެޗުން ރާއްޖެ ވަނީ 2-0 އިން ބަލިވެފައެވެ.
އެފްއޭއެމުން ބުނެފައިވާ ގޮތުގައި މެޗުގެ ޓިކެޓް ވިއްކުން މިހާރު ދަނީ ކުރިއަށެވެ. ޓިކެޓް ވިއްކަމުންދަނީ ގަލޮޅު ދަނޑުންނެވެ. މިއަދު ޓިކެޓް ވިއްކާނީ 14:00 އިން 18:00 އަށް އަދި 20:00 އިން 22:00 އަށެވެ. މާދަމާ ޓިކެޓް ވިއްކުން ކުރިއަށްދާނީ ހެނދުނު 10:00 އިން 12:00 އަށް، 14:00 އިން 18:00 އަށް އަދި 20:00 އިން 22:00 އަށެވެ. މެޗު ކުޅޭ ދުވަހު ހެނދުނު 10:00 އިން ފެށިގެން ޓިކެޓް ވިއްކަމުންދާނެއެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ހިމެނޭ ގްރޫޕުގައި މިވަގުތު ޕޮއިންޓެއް ނުލިބި އޮތް ހަމައެކަނި ޓީމަކީ ރާއްޖެއެވެ. ރާއްޖެއިން ވަނީ 2011 ވަނަ އަހަރު މާލޭގައި ތަޖިކިސްތާނާ ދެކޮޅަށް ކުޅުނު މެޗުން ލަނޑެއް ނުޖެހި އެއްވަރުކޮށްފައެވެ. އަދި ރާއްޖެއިން ތަޖިކިސްތާނާ ދެކޮޅަށް އެންމެ ފަހުން ކުޅުނު 4 މެޗުންވެސް އެ ޓީމަށް ގޯލެއް ޖެހިފައެއް ނުވެއެވެ.


