އޮޑިޓް އޮފީހަށް 134.2 މިލިޔަންގެ ބަޖެޓެއް ފާސްކޮށްފި
14 އޮކްޓޯބަރު 2025 - 06:58

އޮޑިޓަރު ޖެނެރަލްގެ އޮފީހުން ހުށަހެޅި ގޮތަށް، އަންނަ އަހަރު 134.29 މިލިއަން ރުފިޔާގެ ބަޖެޓެއް ދޭން މާލިއްޔަތު ކޮމިޓީން ނިންމައި، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޮޑިޓަރު ޖެނެރަލްގެ އޮފީހުން ހުށަހެޅި ބަޖެޓު އޮތް ގޮތަށް ފާސްކުރީ ވޯޓުގައި ބައިވެރިވި 51 މެންބަރުންގެ ވެސް އިއްތިފާގުންނެވެ.

Ad by Hajj Corporation
މިއީ މިއަހަރަށް ފާސްކުރި ބަޖެޓާ އަޅާބަލާއިރު 20 މިލިޔަން ރުފިޔާގެ އިތުރު ބަޖެޓެކެވެ.
ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) މަޝްރޫއުތައް ހިންގާގޮތް ދެނެގަތުމަށް ކުރާ އޮޑިޓްގެ ގޮތުގައި 41.5 މިލިޔަން ރުފިޔާ ހިމަނާފައިވާ ނަމަވެސް، ޕީއެސްއައިޕީ އޮޑިޓް ނުހިމަނައި ބަލާއިރު ބަޖެޓުގެ ޖުމްލައަކީ 92 މިލިޔަން ރުފިޔާއެވެ. މި 92 މިލިޔަން ރުފިޔާގެ ތެރެއިން ރިކަރަންޓް ހަރަދަށް 89 މިލިޔަން ރުފިޔާ އަދި ކެޕިޓަލް ހަރަދަށް 3 މިލިޔަން ރުފިޔާ ހިމެނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިދިޔަ އަންގާރަ ދުވަހު ބޭއްވި ބައްދަލުވުމުގައި އޮޑިޓަރު ޖެނެރަލްގެ އޮފީހުން ބުނީ، އަންނަ އަހަރު 81 އޮޑިޓެއް ކުރިއަށް ގެންދެވޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި، އޭގެ ތެރޭގައި ޚާއްސަ ނުވަ އޮޑިޓަކާއި މިނިސްޓްރީތަކުގެ 61 އޮޑިޓެއް ހިމެނޭ ކަމަށެވެ.
އޭގެ އިތުރުން ލޯކަލް ކައުންސިލްތަކުގެ 94 އޮޑިޓެއް ކުރެވޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)އާއި އދ. ގެ އެހީގެ ދަށުން ހިންގާ މަޝްރޫއުތައް ކުރިއަށް ދޭތޯ 27 އޮޑިޓެއް ހިންގުމުގެ އިތުރުން ކައުންސިލްތަކުގެ ދަށުން ހިންގާ ކުންފުނިތަކުގެ 22 އޮޑިޓަކާއި އެކި ކުންފުނިތަކުގެ އިންފޮމޭޝަން ޓެކްނޮލޮޖީ (އައިޓީ) ޑިޕާޓްމަންޓްގެ 16 އޮޑިޓެއް ހިންގޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެ އިދާރާގެ ފަރާތުން ބުންޏެވެ.
އޮޑިޓަރު ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ 2026 އިން 2028 އަށް ސްޓްރެޓެޖިކް ޕްލޭނެއް ހަދާފައިވާ ކަމަށާއި، އަހަރީ ބަޖެޓު ތައްޔާރުކުރުމުގައި މި ޕްލޭނަށް ވަރަށް ބޮޑަށް ބަލާފައިވާނެކަމަށެވެ.


