ސިނގިރޭޓު ވަގަށް ނެގި މައްސަލައާ ގުޅިގެން ހައްޔަރުކުރި މުޢާޒު މިފްކޯއިން ސަސްޕެންޑްކޮށްފި
15 އޮކްޓޯބަރު 2025 - 12:26

ގަވާއިދާ ޚިލާފަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގައި ހުރި 13 މިލިއަން ސިނގިރޭޓު ވަގަށް ނެގި މައްސަލައާ ގުޅިގެން ރޭ ހައްޔަރުކުރި، މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރު މުއާޒު އަލީ އެ ކުންފުނިން ސަސްޕެންޑުކޮށްފިއެވެ.
މިފްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މުއާޒުގެ މައްސަލަ ތަހުޤީގީ އިދާރާތަކުން ބަލަމުންދާއިރު، އޭނާގެ މައްސަލަ އިދާރީގޮތުން އެކުންފުނިން ތަޙްޤީޤުކުރަމުންދާކަމަށެވެ. އަދި އެކަމާއި ގުޅިގެން އޭނާ 30 ދުވަހުގެ މުއްދަތަށް ވަޒީފާއިން ސަސްޕެންޑުކޮށްފައިވާކަމަށްވެސް މިފްކޯއިން މައުލޫމާތުދެއެވެ.

Ad by Hajj Corporation
ކުންފުނީގެ މި ނިންމުމާ ގުޅިގެން ކުންފުނީގެ މަސައްކަތްތަކަށް ބުރޫނާރާނެކަން ކަށަވަރު ކުރެއްވުމުގެ ގޮތުން އަޅަމްޖެހޭ ފިޔަވަޅުތައް އަޅައި އިންޖިނިއަރިންގ ޑިޕާޓްމަންޓުގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް، މެނޭޖަރ މުޙައްމަދު ޝަމީމާއި ހަވާލުކުޮށްފައިވާކަމަށާއި އަދި އިންޖިނިއަރިންގ ޔުނިޓް، ކޮންސަލްޓެންޓް އިންޖިނިއަރ ޢުބައިދުﷲ ޙުސައިންއާ ހަވާލުކޮށްފައިވާކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.
މިފްކޯއިން ބުނީ ކުންފުނީގެ ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ފަރާތްތަކުގެ ނަޒާހަތްތެރިކަމާ ގުޅުންހުރި މައްސަލަތަކަކީ މެނޭޖްމަންޓުން ވަރަށް ސީރިއަސްކޮށް ނަގާ މައްސަލަތަކެއްކަމަށެވެ.
ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި 2 ކޮންޓެއިނަރު ސިނގިރޭޓް ވަގަށް ނެގުމުގައި އިސްކޮށް ހަރަކާތްތެރިވިކަަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވާ މުއާޒަކީ ނިމިދިޔަ ސަރުކާރުގައި ކަސްޓަމްސްގެ އިސް މަޤާމެއް އަދާކުރި މީހެކެވެ.
މި މައްސަލައިގެ އިތުރުން 2018ވަނަ އަހަރު އަމިއްލަ ކުންފުންޏަކުން ރާއްޖެ އެތެރެކުރި 450 ސިނގިރޭޓް ކޭސް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ހުޅުމާލޭ ބޮންޑެޑް ވެއަރހައުސްގައި ބެހެއްޓުމަށްފަހު، އެ ކޭސްތަކުގެ ތެރެއިން 430 ސިނގިރޭޓް ކޭސް ރީ-އެކްސްޕޯޓްކުރުމަށް ފުރިހަމަކުރަންޖެހޭ ހުރިހާ އިޖުރާއަތެއް ފުރިހަމަކޮށް ހުޅުމާލޭ ބޮންޑެޑް ވެއަރހައުސްއިން ދޫކޮށްފައިވީނަމަވެސް، އެ ސިނގިރޭޓް ކޭސްތައް ރީ-އެކްސްޕޯޓްކޮށްފައިނުވާތީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ބަލަމުންދިޔަ މައްސަލަ، އެ ކުންފުންޏަށް ފަހިވާގޮތަށް ނިންމުމުގެ މުގާބިލުގައި އެ އަމިއްލަ ކުންފުނީގެ ދެ ފަރާތެއްގެ ކިބައިން މުޢާޛު ޢަލީ ރިޝްވަތަށް އެދިފައިވާކަމަށް ބުނާ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަނުން އަންނަނީ ބަލަމުންނެވެ.