ފުނަދޫ އައިސް ޕްލާންޓަކީ އުތުރުގެ މަސްވެރިންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައެއް: މިފްކޯ
16 އޮކްޓޯބަރު 2025 - 12:55
.jpeg&w=3840&q=75)
ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ރާއްޖޭގެ މަސްވެރިންނަށް އައިސް ފޯރުކޮށްދިނުމަށްޓަކައި އެކުންފުނި މެދުވެރިކޮށް ށ. ފުނަދޫގައި ގާއިމުކުރި އައިސް ޕްލާންޓުގެ ސަބަބުން އުތުރުގެ މަސްވެރިންނަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށް މިފްކޯގެ ޖެނެރަލް މެނޭޖަރ އަޙްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.
ފުނަދޫގައި ގާއިމުކުރި އައިސް ޕްލާންޓް ހުޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ އެ ރަށަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ. މިކަމަށްޓަކައި ބޭއްވުނު ރަސްމިއްޔާތުގައި މިފްކޯގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ބްރިގޭޑިއާ ޖެނެރަލް (ރޓޑ) ފަރުޙަތު ޝަހީރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

Ad by Hajj Corporation
ފުނަދޫ އައިސް ޕްލާންޓް ހުޅުވުމާ ގުޅިގެން މިފްކޯގެ ޖެނެރަލް މެނޭޖަރ - އޮޕަރޭޝަންސް އެންޑް ލޮޖިސްޓިކްސް އަޙްމަދު ޒާހިރު ވިދާޅުވީ އިއްޔެ ރަސްމީކޮށް ފުނަދޫ އައިސް ޕްލާންޓް ހުޅުވުމާއެކު އެ ތަނުގެ ޚިދުމަތް ފެށިފައިވާ ކަމަށެވެ. އެގޮތުން އާންމުކޮށް ރޭގަނޑު 11:00 އާ ހަމައަށް މަސްވެރިންނަށް އައިސް ދޫކުރާނެ ކަމަށެވެ. ފުނަދޫގައި ގާއިމުކުރި 30 ޓަނުގެ އައިސް ޕްލާންޓުގައި 50 ޓަނުގެ އައިސް ސްޓޯރޭޖެއް ވެސް ހިމެނެއެވެ.
ޒާހިރު ވިދާޅުވީ ފުނަދޫ އައިސް ޕްލާންޓުން ޚިދުމަތް ލިބޭނީ ހަމައެކަނި އުތުރުގެ މަސްވެރިންނަށް ނޫން ކަމަށާއި އެހިސާބުގައި މަސްވެރިކަން ކުރާ އެހެން މަސްވެރިންނަށް ވެސް ފުނަދޫ ޕްލާންޓުން ޚިދުމަތް ލިބޭނެ ކަމަށެވެ. ނަމަވެސް މިއީ ޚާއްސަކޮށް އުތުރުގެ މަސްވެރިންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައެއްގެ ގޮތުގައި ޒާހިރު ފާހަގަކުރެއްވިއެވެ.
"މިފްކޯއަކީ އަބަދުވެސް ތާޒާކަމާއެކީ މަސް ބޭރުކުރަން ބޭނުންވާ ބައެއް، ތާޒާ މަސް މިފްކޯއަށް ބޭނުންވަނީ. އެހެންވީމަ ބާނާ ހިސާބުން ފެށިގެން މަސްވެރިން މަހަށް އައިސް އެޅުމަކީ މިފްކޯއިން ވަރަށް ބޭނުންވާ ކަމެއް. އެގޮތުން ބަލާއިރު ފުނަދޫ އައިސް ޕްލާންޓަކީ މަސްވެރިންނަށާއި މިފްކޯއަށް ވެސް ވަރަށް މުހިންމު ވަސީލަތެއް." މިފްކޯގެ ޖެނެރަލް މެނޭޖަރ އަޙްމަދު ޒާހިރު
ށ. ފުނަދޫ އައިސް ޕްލާންޓާ އެކު ރާއްޖޭގެ 20 ތަނަކުން އައިސް ލިބޭނެ އިންތިޒާމު މިވަގުތު ހަމަޖެހިފައި ވެއެވެ. މީގެ އިތުރަށް ދ. މީދޫއާއި ދ. ބަނޑިދޫގައި ވަރަށް އަވަހަށް ޚިދުމަތް ދޭން ފެށޭނެކަމަށް މިފްކޯއިން ބުނެއެވެ.